މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީގެ ޝޯއެއްގެ ތެރެއިން އޭނާގެ ގަޔަށް ޖޫސް އުކި މީހަކާ ދިމާލަށް އޭނާ މައިކް އެއްލާލި މަންޒަރު ފެންނަ ވީޑިއޯއެއް ވައިރަލް ވެއްޖެއެވެ.

ކާޑީ ވަނީ ދާދި ފަހުން ލަސް ވޭގަސްގައި ޝޯތަކެއް ދީފައެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ކާޑީ ޕަފޯމް ކުރަމުން ދަނިކޮށް ފޭނުންގެ ތެރެއިން މީހަކު ވަނީ އޭނާ ގަޔަށް ތަށްޓަކުން އެއްޗެއް އުކާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޯޑިއަންސްގެ ތެރެއިން މީހަކު އުކާފައިވަނީ ތަށްޓެގައި ހުރި ޖޫހެވެ.

ވައިރަލްވި ވީޑިއޯއެއްގައި ކާޑީ ގަޔަށް ޖޫސް އުކާފައިވަނީ އަންހެނެކެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި މާ ގިނަ އިރުތަކެއް ނުވެ ކާޑީ ވަނީ އޭނާ ގެންގުޅުނު މައިކް އޯޑިއެންސް ތެރެއިން މީހަކަށް އަމާޒުކޮށް އެއްލާލާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެތަނުގެ ސެކިއުރިޓީ ވަނީ ފަހުން އެ އަންހެން މީހާ އެ ތަނުން ނެރެފައެވެ. މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމެއް ނުވަތަ ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމެއް ސާފެއް ނުވެއެވެ.

ނަމަވެސް މިއީ ކާޑީ މިގޮތަށް އަމަލު ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ލަސް ވޭގަސްގައި ހުކުރު ދުވަހު އޮތް ޝޯއެއްގެ ތެރޭގައި އޭނާ ވަނީ ޑީޖޭއާ ދިމާލަށް ވެސް މައިކް އެއްލާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ދުވަހު ކާޑީ މައިކް އެއްލާފައިވަނީ ކާޑީ ޕަފޯމް ކުރަމުން ދަނިކޮށް އޭނާގެ ލަވަތައް މެދުތެރެއިން ކަނޑަމުންދާތީ އެކަމާ ރުޅިގަދަ ވެގެންނެވެ.

ހޮލީވުޑްގެ ތަރިންނާ ދިމާލަށް އޯޑިއަންސްގެ ފަރާތުން ތަފާތު އެކި އެއްޗެހި އުކާ މައްސަލަތައް އަންނަނީ މި ފަހަކަށް އައިސް އިތުރުވަމުންނެވެ. ޓިކެޓު ގަނެގެން ލަވަކިޔުންތެރިންގެ ޝޯތަކަށް ގޮސް އެކި އެއްޗެހި ގިނަ ފަހަރަށް އުކަނީ ފޭނުންނެވެ. މިފަދަ އަމަލުތަކުގައި އެކި ތަރިންނަށް ވަނީ އެކި ކަހަލަ އަނިޔާތައް ވެސް ވެފައެވެ.