30 Jul 2023, 21:20
މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓު ލާން ބޭނުން ނަމަ ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި އަދި ހުށަހެޅީ 11933 ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓު ލުން ސެޕްޓެމްބަރު ނުވައެއްގައި ބާއްވާނެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކޮށްފައިވާއިރު އެ ދުވަސް އަންނަން ދެން ބާކީ އޮތީ އެންމެ 40 ދުވަހެވެ.
އީސީގެ ނައިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ 2023 ޖުލައި 29 ގެ ނިޔަލަށް ރީ-ރަޖިސްޓްރީ ކުރަން ހުށަހެޅީ 11,933 ފޯމު ކަމަށެވެ. އަދި, މީގެ ތެރެއިން 8,624 ފޯމު ލިބިފައިވަނީ އޮންލައިން ކޮށް ކަމަށް ޙަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރުވެފައިވަނީ، މެލޭޝިޔާ އާއި އިނގިރޭސި ވިލާތުގައި އެކަނި ކަމަށެވެ. އޭގެ އިތުރުން އެހެން ގައުމުތަކުގައި ވޯޓުފޮށި ބެހެއްޓޭ ވަރަށް ވޯޓުލާ މީހުން އަދި ރަޖިސްޓަރީ ވެފައިނުވާ ކަމަށް ހަބީބު ވިދާޅުވިއެވެ.
"ވީހާ ވެސް އަވަހަކަށް ރީ-ރަޖިސްޓްރީ ކުރައްވައި ނިންމެވުމަކީ ވަރަށް މުހިންމުކަމެއް. އަދި މިހާރު ރީ- ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ މައުލޫމާތު އީސީގެ ވެބްސައިޓުގައި ހާމަކުރުމުގެ އިތުރުން ސިޔާސީ ޕާޓީތަކާ ވެސް ހިއްސާ ކުރެވެމުން އެބަގެންދެވޭ،" ހަބީބު ވިދާޅުވިއެވެ.
ހަބީބު މީގެ ކުރިން ވިދާޅުވެފައިވަނީ މި އިންތިޚާބުގައި ޖުމުލަ 283،272 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.
މި ފަހަރުގެ އިންތިޚާބަށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި 604 ވޯޓުފޮށި ބަހައްޓާ ގޮތަށް ވަނީ އީސީ އިން ނިންމާފައެވެ.