"އޭނަޔާ ދާވިއަންއާ ހާދަ ވައްތަރޭ..." އަރުޝާ ދެފިކުރެއްގައި އިނދެފައި ބުންޏެވެ.

********

ނިޔަމްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަތަން އަރުޝާއަށް ފެނުނެވެ. އޭގެ މާނަ އަރުޝާއަށް ނެގުނީ މުޅީން އެހެން ގޮތަކަށެވެ. އޭނާއަށް ވިސްނުނީ، ނިޔަމްގެ މާޒީ އަރުޝާއާއި ހިއްސާކުރަން އަދި ތައްޔާރު ނުވަނީ ކަމުގައެވެ. ދެމީހުންގެ މެދުގައި ކިތަންމެ ގާތް ގުޅުމެއް އޮތްނަމަވެސް، ނިޔަމްގެ ދިރިއުޅުމުގެ މާބޮޑު ހަގީގަތްތަކެއް އަރުޝާއަކަށް ނޭނގެއެވެ. އޭނާއާއި ނިޔަމް ބައްދަލުވީއިރު، ދާވިއަން ކުޑައެވެ. އަރުޝާއަށް އެނގެނީ ނިޔަމްގެ ހަޔާތުގެ ބައިވެރިއަކު ނެތްކަމެވެ. ދިރިއުޅެމުން ދަނީ ދާވިއަންއާއިއެކު އެކަނި ކަމެވެ.

"މިހާ ބޮޑު ދުނިޔެއެއްގަ އުޅޭނެ ވައްތަރު ކިތަންމެ މީހުންނެއް..." އަރުޝާ ހިމޭންވިތަން ފެނުމުން، މަޖާ ރާގެއްގައި ނިޔަމް ބުނެލިއެވެ. "އަހަރެން ވައްތަރުޖަހާ ކުއްޖަކު ނުދެކެންތަ؟..."

"މިހުރީނު..." ދެކޮލުގައި އަތް ޖައްސައިލަމުން ތުއި ގޮތަކަށް އަރުޝާ ބުންޏެވެ.

ނިޔަމް ހީގަނެފައި އަރުޝާގެ ގައިގައި ޖަހައިލިގޮތުން އަރުޝާއަށްވެސް ހެވުނެވެ.

"ޔަމް!..." ވާހަކައެއް ބުނަން ބޭނުންވެގެން ގޮވައިލާ ފަދައިން އަރުޝާ ނިޔަމްއަށް ގޮވައިލިއެވެ. "ދައްތަ މިއަދު ބުނި ދާން ބަލާ ސްކޫލަށް ދިޔައިރު ރޯން ހުރި ވާހަކަ..."

"އޭނ؟..." ނިޔަމް ދިޔައީ ސިއްސައިގެންނެވެ.

"އަހަންނަށް ހީވަނީ އޭނަ ބުލީ ކުރަނީހެން ސްކޫލްގަ... ދައްތަ ކައިރީ ބުންޏޯ، ޑެޑީއެއް ނުހުންނާތީ ދާންދެކެ ކުދިން ލައިކްނުވެޔޭ... ޔަމް އަޅެ ދާންއާ ވާހަކަ ދައްކާލަބަލަ..." އަރުޝާ ކަންބޮޑުވުން ފާޅުކުރިއެވެ. "ތެދަށް ބުނަންޏާ، އެ އޭޖްގަ ބައްޕައެއް ބޭނުންވާނެ... ލޫކްވެސް އެހުންނަނީ ޔަމްއަށްޓަކާ އެހެން ކުއްޖަކަށް ބަލާވެސް ނުލާން... ދާންދެކެވެސް ކިހާ ލޯބިވޭ... ދާންވެސް ލޯބިވެއެއްނު..."

ނިދަން އޮތް އިރުވެސް ނިޔަމްއަށް ވިސްނުނީ އަރުޝާ ދެއްކި ވާހަކައާއި މެދުގައެވެ. ބައްޕައަކު ކައިރީގައި ނެތުމުން ދާވިއަން ކިހާ އެކަނިވެރިވާނޭ ހެއްޔެވެ؟ ދެލޮލުގެ ކޮއި ފަދައިން ލޯބިވާ ދަރިފުޅަށް ކުޑަވެސް ހިތާމައެއް ލިބޭކަށް އޭނާ ނޭދެއެވެ. އެ ކުޑަ ހިތުގައި ރިއްސާނޭވަރު ނިޔަމްއަށް އިހުސާސް ކުރެވުނެވެ. ބައްޕައެއްގެ ލޯބި ދާވިއަން ބޭނުންވާނޭވަރު ނިޔަމްއަށް ވިސްނެއެވެ. ނިޔަމްވެސް ބޮޑުވީ ބައްޕައެއްގެ ލޯބި ލިބުމެއް ނެތިއެވެ. އެއީ ކިހާ ހިތްދަތި ކަމެއްކަމާއި، އެހެން ކުދިންގެ ފަރާތުން ތަފާތު ފުރައްސާރަ ކުރިމަތިވާ ކަމެއްކަން އޭނާގެ ހަނދާނުން ކައްސާލީ ކީއްވެ ހެއްޔެވެ؟ ވަކީން ހާއްސަކޮށް، އޭނާއަށް ދާވިއަންއަށް އެހާ ވަގުތު ނުދެވޭއިރުއެވެ. ވަޒީފާގެ ގޮތުން، ނިޔަމްއަށް މުޅި ދުވަސްއެކީ ދާވިއަން އާއިއެކު ހޭދަކުރެވޭކަށް ނޯވެއެވެ. ވަޒީފާއަށް ނުގޮސް، ދާވިއަންގެ ކަންކަން ބެލެހެއްޓޭކަށް ނެތެވެ. އަމިއްލަ މަޖުބޫރީ ހާލަތު އިހުސާސްކުރެވި، ނިޔަމްގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ.

"މަންމައަށް މާފުކުރޭ ދަރިފުޅާ..." އަރާމުކޮށް ނިދާލާފައި އޮތް ދާވިއަންގެ ބޮލުގައި ފިރުމައިލަމުން ނިޔަމް ބުނެލިއެވެ. އޭރު އޭނާގެ ދެލޮލުގައި މުތީތަކެއް ފަދައިން ބަބުޅަމުންދިޔަ ކަރުނަތައް ދެކޯތާފަތް މައްޗަށް ފައިބައިގެންފިއެވެ.

ޖެހިގެން އައި ދުވަހަކީ ނިޔަމްއަށް ބޮޑު ދުވަހެކެވެ. ޕާޓީއަށް ދާން ދައުވަތު ލިބިފައިވިޔަސް ނިޔަމް ހުރީ ދާހިތަކުން ނޫނެވެ. އިރުއޮއްސުނެވެ. ރަތްވިލާގެ އަސަރު އުޑުމަތިން ފެންނަންފެށީވެސް ނިޔަމް ދެފިކުރެއްގައި ހުއްޓައެވެ. ދާވިއަންއަށް ކާންދީ ނިންދެވުމަށްފަހު، ނިޔަމް ތައްޔާރުވާން ފެށިއެވެ. އަރުޝާ އައި އިރުވެސް ނިޔަމް އުޅުނީ ލާނެ ހެދުމެއް ނޭނގިގެންނެވެ.

"ޕާޓީއާ ގުޅޭނީ މިހެދުން..." އަލަމާރީގެ އެންމެ އެތެރެއިން އަރުޝާ ނެގީ މެރޫންކުލައިގެ ދިގު ހެދުމެކެވެ.

މަހުމާފޮތީގެ އަތްދިގު ހެދުމުގެ ބަނޑާއި ދިމާގައި ހުދު އެސްތަކެއް ހަރުކޮށްފައިވާއިރު، ހެދުމުގެ އަތުކުރީގެ ވަށައިގެންވެސް އެސް ހަރުކޮށްފައި ހުއްޓެވެ. ހެދުމުގެ ފަސްބައި ފުޅަލެވެ. ނިޔަމްގެ ލޫޅާފަތި ހަށިގަނޑާއި ނުހަނު ގުޅެއެވެ. އެއީ އޭގެ އަހަރުތަކެއް ކުރިން ނިޔަމް ލީ ހެދުމެކެވެ. އެތައް ހަނދާނަކާއި ގުޅިފައިވާ ހެދުމަކަށްވާތީ، އޭނާ އެ ހެދުން ފޮރުވާފައި ބޭއްވީއެވެ. ނިޔަމްގެ މުށިކުލައިގެ ފަން އިސްތަށިގަނޑު އޮތީ ހާމައަށް ދޫކޮށްލާފައެވެ. ތުންފަތުގައި ޖެއްސީ މަޑު ފިޔާތޮށިކުލައެވެ. ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާލުން ފިޔަވައި އިތުރު ކަމެއް އޭނާ ނުކުރެއެވެ.

މާލޭގެ ނަންމަޝްހޫރު "ބްލެކް ޑައިން" ރެސްޓޯރެންޓްގެ އެންމެ މަތީ ފަންގިލާ ފަޅުފިލުވާލާފައިވީ، ތަނުގައި ބޭނުންކޮށްފައި ހުރި އޮރެންޖު ބޮކިތަކުންނާއި، ތާޒާ މާމެލާމެލިންނެވެ. ފިނިފެންމަލާއި، ލެވެންޑަރ އުއްބައްތިތަކުގެ މީރުވަސް މުޅި ތަނުގައި ހިފާލާފައި ހުއްޓެވެ. ތަނަށް ޖަމާވަމުންދިޔައީ، ޝާހީ މީހުންނެވެ. ހެދުން އަޅައިގެން ތިބިގޮތުން އެއީ މަތީ ފަންތީގެ ބައެއްކަން އެނގެއެވެ. ލިފްޓްގައި ހުރި އިރުވެސް ނިޔަމްގެ ހިތް ތެޅެނީއެވެ. ހަފުލާގައި ބައިވެރިވާ މީހުންގެ ތެރޭގައި ނިޔަމް ހުންނަންޖެހޭނީ ބާކީވެފައެވެ. އެއީ އޭގެ ކުރިންވެސް ކަންތައް ހިނގާފައިވާ ގޮތެވެ.

މެހެމާނުންނަށް މަރުހަބާ ކިޔަން ހުރީ ނުޒުހަތެވެ. ތަންކޮޅެއް ދުރުގައި އާޔަތު ހުއްޓެވެ. ހުދުކުލައިގެ ދިގު ހެދުމުގައި އާޔަތު ހީވަނީ ކައިވެންޏެއް ކުރަން ތައްޔާރުވެގެން ހުރި ހެންނެވެ. އެހާ ވަރަށް މޭކަޕުކޮށްފައި ހުރުމުން، އާޔަތުގެ އަސްލު ސިފަ ވަނީ ގެއްލިފައެވެ. ލިފްޓްގެ ދޮރު ހުޅުވުމާއިއެކު ނިޔަމްގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ، ނުޒުހަތެވެ. ނިޔަމް ފެނުމުން، ނުޒުހަތުގެ ހިނިތުންވުން ފަނޑުވިއެވެ. ނިޔަމްއަށް އެއްޗެއް ބުނުމެއްނެތި، އޭނާގެ ފަހަތުން ނުކުތް މެހެމާނުންގެ ކައިރިއަށް ނުޒުހަތު ދިޔައެވެ. ދެރަވި ނަމަވެސް، އެކަން ފޮރުވަން މަސައްކަތް ކުރަމުން ނިޔަމް އިސްޖަހައިލިއެވެ. ކަންތައް ވާނީ އެހެންކަން މާކުރިން އެނގޭއިރުވެސް ނިޔަމްގެ ހިތަށް އުނދަގޫވިއެވެ. ނުޒުހަތުގެ ފަރާތުން ފެންނަ އެފަދަ ސިފަތަކަށް އޭނާއަށް އާދައެއް ނުވެވުނެވެ.

ފުލުހުންގެ އިސް ދެތިން މީހަކާއިއެކު މޭޒެއްގެ ކައިރީގައި ޒައިލް އިނެވެ. އެންމެން ތިބީ އޮލަ ވާހަކައެއްގައެވެ. ޒައިލްއަށް އެވާހަކައިގައި ބައިވެރިވެވޭގޮތެއް ނުވިއެވެ. ޕާޓީއަށް އަންނަންޖެހުމުން އޭނާ އިނީ ފޫހިވެފައެވެ. އާޔަތު އުޅޭގޮތުން ޒައިލްއަށް އުނދަގޫވެއެވެ. އެކަމަކު، ވެރިމީހާގެ ދަރިއަކަށްވީތީ، އޭނާ އާޔަތަށް އިހުތިރާމް ކުރެއެވެ.

ޒައިލްގެ ހިތް ހުއްޓުނުހެން ހީވީ ކުރިމަތިން އައި އަންހެންކުއްޖާ ފެނުމުންނެވެ. ދުވަހަކުވެސް އަންހެންކުއްޖަކު ފެނިގެން އޭނާއަށް ގޮތެއް ނުވެއެވެ. ޕާޓީގައި ތިބި އެންމެންގެ ތެރެއިން އޭނާއަށް ފެންނަމުން ދިޔައީ ނިޔަމް އެކަންޏެވެ. ނިޔަމްގެ ދޮން ހަންގަނޑާއި އޭނާ ލައިގެން ހުރި ހެދުމުގެ ކުލަ ނުހަނު ގުޅެއެވެ. ވަކީން ހާއްސަކޮށް ނިޔަމް ލައިގެން ހުރި ހެދުން ފާހަގަވުމުން، ޒައިލްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އަމިއްލަ އިހުތިޔާރަކާއި ނުލައި، އޭނާއަށް ކޮޅަށް ތެދުވެވުނެވެ. އިނދެވުނީ ކޮން ބައެއްގެ ކައިރީގައި ކަންވެސް ޒައިލްއަށް ނޭނގެއެވެ. ނިޔަމްގެ ރީތިކަމަކަށް ބަދަލެއް ނާދެއެވެ. މަދުވަނީ އެންމެ ކަމެކެވެ. ނިޔަމްގެ ފަރި ހިނިތުންވުމެވެ.

ޝަރަފް ސިއްރުން ޒައިލްއަށް ގޮވައިލިއެވެ. ޒައިލްގެ އަތުގައި ހިފައި ތިރިއަށް ދަމަމުން ގޮނޑީގައި އިށީނުމަށް އެދުނެވެ.

"އެބަ އަންނަން..." ޗާބީ ދީފައިވާ ބުދެއް ފަދައިން ޒައިލް ހިނގައިގަތީ ނިޔަމް އާއި ދިމާއަށެވެ.

"ވާއު... ތިއްތައްތަގަނޑު ހާދަ ރީއްޗޭ..." ނިޔަމް ފެނުމުން، އާޔަތަށް ބުނެވުނެވެ. "އަޅެ އަހަންނަށްވެސް ރަތްކުލަ ޗޫޒްކުރެވުނުނަމަ..."

ނިޔަމް ހިނިތުންވެލާފައި އޭނާ ގެނައި ސިޓީއުރަ އާޔަތުގެ އަތަށް ލައިދިނެވެ. އުފަންދުވަހުގެ މަރުހަބާ ކިޔެވެ. އާޔަތަށްވުރެ ނިޔަމް ދޮށްޓެވެ. އެކަމަކު، ނިޔަމް ހީވަނީ އާޔަތުގެ ކޮއްކޮ ހެންނެވެ.

"ކޮބާ ދާން؟... ކީއްވެ ގޮވައިގެން ނައީ؟..." ވަށައިގެން ހޯދައިލަމުން އާޔަތު އަހައިލިއެވެ. "އެކްސްކިއުޒް..."

ނިޔަމްއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނެވެ. އެތެރެއަށް ވަދެގެން އައި ޒުވާން ކުދިންތަކެއް ފެނުމުން، އާޔަތު އެދިމާއަށް ދިޔައެވެ. ނިޔަމްގެ ހިތަށް ތަދުވިއެވެ. އެއްވެސް މީހަކަށް އޭނާ މުހިއްމު ނުވަނީ ކީއްވެ ހެއްޔެވެ؟ ކަރުނަތައް ހިންދައިލަމުން، ނިޔަމް ހިނގައިގަތީ މެހެމާނުންނަށް ހާއްސަކޮށްފައިވާ މޭޒުތަކާއި ދިމާއަށެވެ. އެކަހެރިކޮށް ހުރި މޭޒެއްގެ ކައިރީގައި އޭނާ އިށީންނަން އުޅުނެވެ. ކޮންމެވެސް މީހަކު ނިޔަމްގެ އަތުގައި ހިފިއެވެ. ދަމައިގަތެވެ.

ނިޔަމް ސިހުނެވެ. ފުރަތަމަ އޭނާއަށް ބަލައިލެވުނީ ކައިރީގައި ހުރި މީހާއާއި ދިމާއަށެވެ. އަރިމަތިން ފެނުނު ނަމަވެސް ކާކުކަން ނިޔަމްއަށް އެނގުނެވެ. އެމީހަކު ނިޔަމްގެ އަތުގައި ހިފައިގެން ހަލުވި ފިޔަވަޅުތަކެއްގައި ސިޑިއާއި ދިމާއަށް ދިޔައެވެ. ނިޔަމް ކުޑަކޮށް ގަދަހަދާލާފައިވެސް ހިމޭންވީ ތަނުގައި މީހުން ގިނަކަމުންނެވެ. އެމީހުންގެ އަމާޒުފަތްގަނޑަކަށްވާން އޭނާ ބޭނުމެއް ނުވިއެވެ. ނުޒުހަތަށް ނިޔަމްމެން ފެނުނީ ސިޑިން ތިރިއަށް ފައިބަނިކޮށެވެ. ކިތަންމެ އަވަހަށް އެ ދެމީހުން އޭނާގެ ނަޒަރުން ސަލާމަތްވި ނަމަވެސް، އެއީ ކޮން ބައެއްކަން އޭނާއަށް އެނގުނެވެ. ނުޒުހަތުގެ ދަތްތަކަށް ބާރުވިއެވެ. މުޅި މޫޑު ހަރާބުވިއެވެ. ނިޔަމްއަށް ދައުވަތު ދިނީތީ އާޔަތުދެކެވެސް އޭނާ ރުޅިއައެވެ.

"އައި މިސްޑް ޔޫ..." ސިޑިން ތިރިއަށް ފޭބުމަށްފަހު، ޒައިލް ނިޔަމްގެ އަތުން ދޫކޮށްލިއެވެ. "ތި ހެދުން ލައިގެން ހުރީމަ އެނގިއްޖެ، އަހަރެންމަތިން ޏަމްޏަމް އަދިވެސް މިސްވާކަން..."

ޒައިލްގެ މޫނުން ފެނުނީ އުފާވެރިކަމެވެ. އެތައް އަހަރެއް ކުރިން އެނާ ގަނެދިން ހެދުމެއް ނިޔަމް ލައިގެން އަންނާނީ ކީއްވެކަން ބުނެދިނީ އޭނާގެ އަމިއްލަ ހިތެވެ. އޭރެކޭ އެއްގޮތަށް މިއަދުވެސް ނިޔަމްގެ މޫނުން ފެންނަމުން ދިޔައީ މައުސޫމުކަމެވެ. ނިޔަމްގެ ހިތަށް ފިނިވެގެން ދިޔައެވެ. ޒައިލް އެހާ ކައިރިން ބަލަން ފެށުމުން ހިތް އަވަސްވާގޮތް ވިއެވެ. އެތައް ދުވަހަކަށްފަހު ބައްދަލުވުމުން، ޒައިލް އޭނާއަށް މުހާތަބުކުރީ އޭރުވެސް ކުރިހާ ލޯބިންނެވެ. ޒައިލް ހުރީ ކަޅުކުލައިގެ އަތްދިގު ގަމީހެއްގައެވެ. ގަމީހުގެ އަތުކުރި އުޅަނބޮއްޓާއި ހަމައަށް އޮޅާލާފައިވާއިރު، އަތުގެ މަސްގަނޑުގެ ބާރު ހާމަވާން ހުއްޓެވެ.

"އަހަރެން މިސްއެއްނުވޭ..." ނިޔަމް ބުނީ ހިތާއި ދެކޮޅަށެވެ. ޒައިލްގެ ތުންފަތުގައިވި ހިނިތުންވުން ފުންވީ ނިޔަމްގެ ހިތް އޮތް ގޮތް އެނގުމުންނެވެ.

"މިރޭ ޏަމްޏަމް އެކަނި އައީމަ އެނގިއްޖެ، އަދި އެހެން މީހެއްގެ ހައްގަކަށް ނުވާކަން..." ޒައިލް ނިޔަމްގެ ދެކޮނޑުގައި ހިފަހައްޓައިލިއެވެ.

"އަހަރެން އުޅެނީ މެރީކޮށްގެން..." ނިޔަމް ދުރަށް ޖެހުނެވެ. "ދަރިއަކުވެސް ހުރޭ... ފިރިމީހާ ޑިއުޓީގަ އުޅޭތީ ނާދެވުނީ..." ނިޔަމް ދޮގުހެދިއެވެ.

ސިޑިމަތިން ކޮންމެވެސް މީހެއްގެ ހިލަންވިއެވެ. މީހަކު ހުރަސްކޮށްލި ތަން ޒައިލްއަށް ފެނުނެވެ. ފުރުސަތުގެ ބޭނުން ހިފައި، ނިޔަމް ދުވެލާފައި ސިޑިން މައްޗަށް އެރިއެވެ. ޕާޓީ ނިމެންދެންވެސް ނިޔަމް އުޅުނީ ޒައިލްއާއި ވީހާވެސް ދުރުންނެވެ. ޒައިލް އުޅުނުގޮތާއި ނިޔަމްގެ ހަރަކާތްތައް އެންމެ ރަނގަޅަށް ފެނުނު އެކަކީ ޝަރަފެވެ.

އިރާއި، ހަނދު އޭގެ ވާޖިބު އަދާކުރާތީ، ދުނިޔެ ދައުރުވަމުން ދެއެވެ. އެކި ދުވަހު ދައްކަމުން ދަނީ އެކި ކުލައެވެ. ވިއްސާރަ ދުވަސްތަކަކަށްފަހު، މޫސުން ރީތިވިއެވެ. ހޫނުގަދަ ދުވަހެކެވެ. ވައިރޯޅިއެއްވެސް ޖެހިނުލައެވެ. އުޑުމަތި ސާފެވެ. ވިލާ ރޮއްޖެއްގެ އަސަރުވެސް އުޑުމަތިން ފެންނަން ނެތެވެ. ނިޔަމް ހުރީ ދާވިއަން ބަލައި ސްކޫލް ކައިރިއަށް ގޮހެވެ.

ސްކޫލް ދޮރުމައްޗަށް ހުއްޓައިލީ ކަޅު ކުލައިގެ އޮފު ކާރެކެވެ. ނިޔަމް ދާވިއަން ގޮވައިގެން އެނބުރުނުއިރު، ކާރުން ފައިބައިގެން އައި ޒައިލް ސްކޫލާއި ދިމާއަށް ދަނީއެވެ. ނިޔަމް ފެނުމުން، ޒައިލްއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއަށްވުރެ ބޮޑު ސިހުމެއް ލިބުނީ، ނިޔަމްގެ އަތުގައި ހިފާލައިގެން ހުރި ދާވިއަން ފެނުމުންނެވެ. ނިޔަމްގެ މުޅި ހަށިގަނޑު ތުރުތުރުއަޅައިގަތެވެ. ޒައިލްއަށް ދާވިއަން ފެންނަން ބޭނުންނުވާ ފަދައިން އެނާ ދާވިއަށް ފުރަގަހަށް ލިއެވެ. އަވަސް އަވަހަށް ދާވިއަން ގޮވައިގެން ޒައިލްގެ ކުރިމަތިން ދުރަށް ދިޔުމަށް ހިނގައިގަތެވެ. ނިޔަމް ހީކުރީ ޒައިލް އޭނާގެ ފަހަތުން އަންނާނެ ކަމަށެވެ. އެކަމަކު ވަކި ހިސާބަކަށް ގޮސް ބަލައިލިއިރު، ސްކޫލުން ނުކުތް ކުޑަ އަންހެން ކުއްޖަކު ގޮވައިގެން ޒައިލް ގޮސް ކާރަށް އަރައިފިއެވެ.

"މަންމީ... ދާންއަށް ބާރަށް ނުހިނގޭނޭ..." ނިޔަމް ހުއްޓުނީ ދާވިއަން ބޮޑާހާކައިލި އަޑު އިވުމުންނެވެ. އޭރު ޒައިލް ކާރުގައި ނައްޓާލައިފިއެވެ. ކާރު އައީ ސީދާ ނިޔަމްމެން ތިބި ދިމާއަށެވެ.

(ނުނިމޭ)