ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމުގައި ދެމި ހުންނަވާނެ ކަމަށް އެމަނިކުފާނުގެ ރަނިން މޭޓަކަށް ހަމަޖެެއްސި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޖަމީލް މިއަދު ހަމަޖެއްސުމާ ގުޅުވައިގެން ޓްވީޓާގައި ވަނީ އޭނާގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ ބޮޑަށް މިއަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

"އެންމެން ގުޅިގެން އާ ޖޯޝެއްގައި ރައީސް ޔާމީން ރާއްޖޭގެ ޒައާމަތަށް ގެންނެވުމުގެ މަސައްކަތް ފަށަމާ ހިންގަވާ. އަޅުގަނޑުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ ބޮޑަށް މި އިންތިޚާބު ރައީސް ޔާމީންއަށް ކާމިޔާބުކޮށްދެއްވުމުގައި ދެމިހުންނާނެ ކަމުގެ ޔަޤީންކަން އަރުވަން،" ޓްވީޓްގައިވެއެވެ.

ރަނިންމޭޓް ކަމަށް މިއަދު ހަމަޖެއްސި ޑރ. ޖަމީލު ގެންދަވަނީ ރައީސް ޔާމީންގެ އިސް ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުންނެވެ

ޕީޕީއެމްގެ ރަނިން މޭޓް ކަމަށް ޑރ. ޖަމީލް ހަމަޖެއްސެވިއިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާއިރު އެމަނިކުފާނު ޖަލު ހުކުމެއް ތަންފީޒު ކުރައްވާތީ ކެންޑިޑެސީ ސާފުވާނެ ގޮތެއް އަދި ނެތެވެ.