30 Jul 2023, 15:20
ކުޑަކުދިންނަށް ދޭ ސިރަޕެއްގައި ނުރައްކާތެރި މާއްދާއެއް ހިމެނޭތީ، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކުޑަކުދިންނަށް ދޭ ބައެއް ސިރަޕްތަކުގައި، ސިއްހީ ނުރައްކަލަކަށް މަގުފަހިކުރުވަފާނެ މާއްދާއެއް ކަމަށްވާ "ޑައިތްލީން ގްލައިކޯލް އެންޑް އެތްލީން ގްލައިކޯލް" ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާކަމަށެވެ. އެކަމާ ގުޅިގެން އެ އޮތޯރިޓީން ވެސް މީގެ ކުރިން ހަތަރު އެލާޓެއް ނެރެފައިވާކަން އެމްއެފްޑީއޭއިން ފާހަގަކޮށްފައިވެއެވެ.
އެ އޮތޯރިޓީން ބުނީ މިފަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެލާޓް ނެރެފައި ވަނީ އިނގިރޭސިވިލާތުގެ ފްރޭކެން އިންޓަނޭޝަނަލްއިން އުފައްދައި، ކެމަރޫންގައި ދައުރުވަމުންދާ 'ނޭޗާކޯލްޑް' ކިޔާ ސިރަޕަކާ ގުޅިގެން ކަމަށެވެ.
އެއީ ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް ބޭސް ސިޓީއަށް ނުވަތަ އެނޫން ވެސް ގޮތަކަށް ރާއްޖެއަށް މި ބޭސް އިމްޕޯޓް ވުމުގެ ފުރުސަތު އޮތް ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
"ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އިމްޕޯޓް ކުރާ ބޭސް ޚާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަން މައުލޫމާތަށް ޓަކައި ދެންނެވީމެވެ." އިއުލާންގައިވެއެވެ.
މީގެ އިތުރުން، މިބޭހާ ގުޅޭ އިތުރު މައުލޫމާތު އެ އޮތޯރިޓީގެ ހޮޓްލައިން ނަމްބަރު 7200321އިން ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.