30 Jul 2023, 14:35
މޮސްކޯ (30 ޖުލައި 2023): އެފްރިކާގެ ގައުމުތަކުން ރަޝިއާއަށް ދައްކަންޖެހޭ ދަރަނީގެ 90 އިންސައްތަ މައާފުކޮށްދީފިކަން ރަޝިއާގެ ރައީސް ވަލްދިމިޔަރ ޕޫޓިން އިއުލާނު ކުރައްވައިފިއެވެ.
ޕޫޓިން މިކަން އިއުލާނުކުރެއްވީ ރަޝިއާގައި އިއްޔެ ނިމުނު އެފްރިކާގެ ގައުމުތަކާއި ރަޝިއާގެ އިސްވެރިންގެ ސަމިޓް ނިންމުމުގެ ޖަލްސާގައެވެ. ޕޫޓިން ވިދާޅުވިގޮތުގައި އެފްރިކާގެ ގައުމުތަކަކީ ފަގީރު އަދި ނިކަމެތި ގައުމުތަކެއްގެ ގޮތުގައި ރަޝިއާ ނުދެކެއެވެ. އަދި އެފްރިކާގެ ގައުމުތަކަކީ ސަދަގާތް ދޭންޖެހޭ ހާލަތުގައި އޮތް ގޮތްހުސްވެފައިވާ ގައުމުތަކެއްގެ ގޮތުގައިވެސް ރަޝިއާ ނުދެކެއެވެ.
އެފްރިކާގެ ގައުމުތަކުން ރަޝިއާއަށް ދައްކަންޖެހޭ ދަރަނީގެ 90 އިންސައްތަ މައާފުކުރުމަށް ރަޝިއާ ނިންމީ އެގައުމުތަކަށް ދޭ ހަދިޔާއެއްގެ ގޮތުގައި އަދި ރަޝިއާއާއި އެފްރިކާގެ ގުޅުންތަކުގެ ރަމްޒެއްގެ ގޮތުގައި ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ. އެފްރިކާގެ ގައުމުތަކުން ރަޝިއާއަށް ދައްކަންޖެހޭ ދަރަނީގެ 90 އިންސައްތަ އަކީ ގާތްގަނޑަކަށް 23 ބިލިޔަން އެމެރިކާ ޑޮލަރުގެ މިންވަރެކެވެ.

އެފްރިކާއާއި ރަޝިއާގެ ސަމިޓްގައި ޕޫޓިން ވާހަކަ ދައްކަވަނީ
ޕޫޓިންގެ މިނިންމެވުމުގެ ސަބަބުން އެފްރިކާގެ ގައުމުތަކަށް މާލީ ގޮތުން ބޮޑުލުއެއް ލިބިގެންދާނެކަމަށް އެފްރިކާއާއި ރަޝިއާގެ ސަމިޓްގައި އެފްރިކާގެ ގައުމުތަކުގެ ވެރިން ވަނީ ފާހަގަ ކުރައްވާފައެވެ. ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިއާ އޮތީ ދަނޑުވެރިކަމާއި ސިނާއަތާއި ޓެކްނޮލޮޖީއާއި އަމަނާއި އަސްކަރީ ދާއިރާތަކުގައި އެފްރިކާގެ ގައުމުތަކާ ގުޅުންތައް ބަދަހިކޮށް އެގައުމުތަކަށް އެހީތެރިވާން ތައްޔާރަށެވެ.
މިގޮތުން އެފްރިކާގެ އެންމެ ފަގީރު ގައުމުތަކަށް ބޭނުންވާ ގޮވާމުގެ ބާވަތްތައް ރަޝިއާ އިން ހިލޭ ފޯރުކޮށްދޭނެ ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.
އެފްރިކާގެ ގައުމުތަކާއި ރަޝިއާގެ އިސްވެރިންގެ ފުރަތަމަ ސަމިޓް ބައްވާފައިވަނީ 2019 ވަނަ އަހަރު ރަޝިއާގެ ސެންޕީޓާސް ބާގް ގައެވެ. މިހާރު މިބޭއްވީ މީގެ ދެވަނަ ސަމިޓްއެވެ. މިދިޔަ ހުކުރުދުވަހު ފެށި މިސަމިޓް ނިންމާލާފައިވަނީ އިއްޔެއެވެ.
މިސަމިޓްގައި ބައިވެރިނުވުމަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އެފްރިކާގެ ގައުމުތަކަށް ބާރުއަޅައި ފިއްތުންތައް ކުރިމަތިކުރިކަމަށް ރަޝިއާ ބުނެފައިވެއެވެ. ނަމަވެސް އެފްރިކާގެ ހުރިހާ ގައުމުތަކެއް މިސަމިޓްގައި ބައިވެރިވިއެވެ. އެއީ 49 ގައުމެވެ. މި 49 ގައުމުގެ ތެރެއިން 27 ގައުމުގެ އެންމެ އިސްވެރިން ސަމިޓަށް ހާޒިރުވެވަޑައިގެންނެވިއެވެ. އަނެއް 22 ގައުމުން ސަމިޓަށް ފޮނުވީ އެގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ސަފީރުންނާ އަދި ޚާއްސަ މަންދޫބުންނެވެ.

ރަޝިއާއާއި އެފްރިކާގެ ލީޑަރުންގެ ސަމިޓް
ޔުކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާ އެކަހެރި ކުރުމަށާއި ރަޝިއާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި އެހެންގައުމުތައް ބައިވެރިވުމަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަށް ކުރެވެންއޮތް ހުރިހާ ކަމެއް ކުރަމުން ގެންދާއިރު އެފްރިކާގެ އެއްވެސް ގައުމެއް މިކަމުގައި ހުޅަނގަށް ބޯ ލަނބާފައެއް ނުވެއެވެ.
އަދި ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިނުވެ އެފްރިކާގެ ގައުމުތައް ގެންދަނީ ވަރަށް ފުޅާދާއިރާއެއްގައި ރަޝިއާއާ އަސްކަރީ އިގްތިސާދީ އަދި ވިޔަފާރީގެ މުއާމަލާތްތައް ކުރަމުންނެވެ. މިމައްސަލާގައި ފެންނަނީ ހުޅަނގަށް މާބޮޑުކަމެއް ކުރެވެންނެތްކަމުގެ މަންޒަރެވެ.
އެފްރިކާގެ ގިނަ ގައުމުތައް މިހާރުގެންދަނީ އެމެރިކާއާއި ޔޫރަޕާ ދުރަށްޖެހިލައި ޗައިނާ، ރަޝިއާ، އިންޑިއާ ފަދަ އިރުމަތީ ގެ ބާރުތަކާ ގުޅުންތައް ބަދަހިކުރަމުންނެވެ. އެއީ ހުޅަނގުން އެފްރިކާގެ ގައުމުތަކުގައި އިންވެސްޓްކުރަން ފަސްޖެހޭއިރު ޗައިނާއާއި ރަޝިއާ އަދި އިންޑިއާ ފަދަ ގައުމުތަކުން އެފްރިކާގައި އިންވެސްޓްކުރާތީއެވެ.
ފާއިތުވި ފަސްދޮޅަހަކަށް އަހަރުތެރޭގައި އެފްރިކާގެ ގައުމުތަކުން އެމެރިކާއާއި ޔޫރަޕާއެކު ގުޅުންތައް ބަދަހިކުރިނަމަވެސް އެކަމުން އެފްރިކާގެ ގައުމުތަކަށް ވީ ފައިދާއެއްނެތް ކަމަށާ ނަމަވެސް ރަޝިއާއިން އެފްރިކާގެ ގައުމުތަކުގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ގެނަސްދޭނެކަމަށް ޕޫޓިން ވިދާޅުވިއެވެ.

ރަޝިއާއާއި އެފްރިކާގެ ސަމިޓް ގެ ތެރެއިން
އެފްރިކާގެ ގައުމުތައް ކުރިއެރުމަށް ހުރަސް އަޅައި އެފްރިކާގެ ގުދުރަތީ މުއްސަނދިކަމުން ނާޖާއިޒު ފައިދާ ނަގަމުން ގެންދިޔައީ ހުޅަނގުގެ ގައުމުތައް ކަމަށާއި ހުޅަނގުގެ ގައުމުތަކަކީ އަދިވެސް ކުރީ ޒަމާނުގެ ބޯދާ އިސްތިއުމާރީ ފިކުރުގެ ގައުތަކެއްކަމަށް ޕޫޓިން ސިފަކުރެއްވިއެވެ. މީގެއިތުރުން ހުޅަނގަކީ ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ބާރާއި ނުފޫޒު ހިންގައި ބިރުދެއްކުމުގެ އަމަލުތައް ކުރިޔަށްގެންދާ ގައުމުތަކެއްކަންވެސް ޕޫޓިން ފާހަގަ ކުރެއްވިއެވެ.
ރަޝިއާއާއެކު ހަނގުރާމައިގެ ހާލަތުގައި އޮތް ޔުކްރެއިންގެ ގޮވާމުގެ ބާވަތްތައް ދުނިޔޭގެ ގައުމުތަކަށް އެކްސްޕޯޓް ކުރުމާބެހޭ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން އެކަން ހުއްޓިފައިވާއިރު ރަޝިއާ ވަނީ އެއެއްބަސްވުން އަލުން އައުކުރުމަށް ދެކޮޅު ހަދާފައެވެ. އެއީ ރަޝިއާގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް އަޅާފައިވާ މާލީ ހުރަސްތައް ނައްތާލުމަށް އެމެރިކާއާއި ޔޫރަޕުން ދެކޮޅު ހަދާތީއެވެ.
ޔުކްރެއިންގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރެވޭގޮތް ނުވުމުން ދުނިޔޭގެ ބާޒާރުތަކުގައި ގޮދަންފަދަ ގޮވާމުގެ ބާވަތްތަކުގެ އަގު އިންތިހާއަށް ބޮޑުވާނެކަމުގެ އިންޒާރު އދ.ން ވަނީ ދީފައެވެ. މިއާއެކު މިކަމުގެ ސަބަބުން އެފްރިކާގެ ފަގީރު ގައުމުތައް ބަނޑަށް ޖެހިދާނެކަމުގެ އިންޒާރު އެމެރިކާއާއި ޔޫރަޕުންވަނީ ދީފައެވެ.
ނަމަވެސް ރަޝިއާ ބުނާގޮތުން ޔުކްރެއިން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރި ދުވަސްވަރު އެކަމުގެ ފައިދާ އެންމެބޮޑަށް ނެގީ ޔޫރަޕްގެ ގައުމުތަކުންނެވެ. އެފްރިކާގެ ފަގީރު ގައުމުތަކަށް ލިބުނީ ޔުކްރެއިންގެ ގޮވާމުގެ ބާވަތްތަކުގެ އެންމެ ފަސް އިންސައްތައެވެ. އެހެންކަމުން ޔުކްރެއިންގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ނުކުރެވުމުން އެފްރިކާގެ ގައުމުތަކަށް ލިބޭނީ ކުޑަ ގެއްލުމެއްކަމަށް ރަޝިއާ ބުނެއެވެ.
އެ ގެއްލުމުގެ ބަދަލުގައި ރަޝިއާއިން ހިލޭ ކޮންމެ އަހަރަކުވެސް އެފްރިކާގެ އެންމެ ފަގީރު ގައުމުތަކަށް ބޭނުންވާ ގޮވާމުގެ ބާވަތްތައް ހިލޭ ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ރަޝިއާގެ ރައީސް ވްލަދިމިޔަރ ޕޫޓިންވަނީ އެފްރިކާއާއި ރަޝިއާގެ ސަމިޓްގައި އެފްރިކާގެ ލީޑަރުންނަށް ދެއްވާފައެވެ.