ރެއާލް މެޑްރިޑާ އަލަށް ގުޅުނު ތުރުކީ މިޑްފީލްޑަރު އަރްދާ ގުލާއަށް އަނިޔާވެ، ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

"ތުރުކީ މެސީ"ގެ ނަމުން މަޝްހޫރުކަން ހޯދަމުންދާ ގުލާ، ރެއާލާ ގުޅިފައިވަނީ ފެނަބާޗޭ އިން 30 މިލިއަން ޔޫރޯގެ އަގަކަށް މި މަހުގެ ކުރީކޮޅެވެ. ނަމަވެސް އުމުރުން 18 އަހަރުގެ ގުލާއަށް ވަނީ އެމެރިކާގައި ކުރިއަށްގެންދާ ތަމްރީނުތަކުގެ ތެރެއިން ކަކުލަށް އަނިޔާވެފައެވެ.

ރެއާލުން ބުނީ ގުލާގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އިތުރު ފަރުވާއަށް އޭނާ އެނބުރި މެޑްރިޑަށް ފޮނުވާލާނެ ކަމަށާއި އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތު ކަށަވަރުވާނީ އެ އަނިޔާގެ ތަފްސީލު އިތުރަށް ބެލުމުން ކަމަށެވެ.

ސީޒަން ނުފެށެނީސް ގުލާއަށް އަނިޔާވުމަކީ ރެއާލަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ. ރެއާލުން ގުލާގެ ސޮއި ހޯދާފައިވަނީ ވާދަވެރި ބާސެލޯނާ އިން ވެސް އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށެވެ.

ކުރިއަށްއޮތް ސީޒަނަށް ރެއާލުން ހޯދި މުހިންމު ކުޅުންތެރިންގެ ތެރޭގައި ގުލާގެ އިތުރުން އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އާއި ސްޕެއިން ފޯވަޑް ޖޯސެލޫ އަދި ސްޕެއިން ޑިފެންޑަރު ފްރޭން ގާސިއާ ހިމެނެއެވެ.