05 May 2012, 20:33
ހދ. ކުޅުދުއްފުށީގައި ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ވީހާވެސް އަވަކަށް ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކު ދެއްވައިފި އެވެ.
ކުޅުދުއްފުއްޓަށް ވަޑައިގެން ރައީސް ވަހީދު މިއަދު ވިދާޅުވީ ސަރުކާރުން އެރަށުގައި ފަށާފައިވާ މަޝްރޫއުތައް ކުރިޔަށް ގެންދަވާނެ ކަމަށާއި އެއްވެސް ކުލައަކަށް ބެއްލެވުމެއްނެތި ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރޯޑް ކޮންސްޓްރަކްޝަން ކުންފުނީގެ ބޯޑު އެކުލަވާލައްވާފައިވާ ކަމަށާއި އެ ބޯޑްގެ ބެލުމުގެ ދަށުން ކުޅުދުއްފުށީގެ މަގުތަށް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށައި ބާރަށް ކުރިޔަށް ގެންދަވާނެ ކަމަށެވެ. އަދި ވަޒީފާގެ އިތުރު ފުރްޞަތުތައް ލިބޭނެ ގޮތަށް އެ މަސައްކަތްތައް ރާއްވަވާނެ ކަމަށެވެ.
"އަޅުގަނޑަށް އެނގޭ، ތިޔަ ހުރިހާ ބޭފުޅުން ވެސް ތިއްބަވާނީ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ބާރުމިނެއްގައި ކުރިއަށް ދިޔުމަށް ބޭނުންވެފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑު ދަންނަވަން، އަޅުގަނޑުމެންނަށް ހަމަ ވެވެންހުރި އެންމެ އަވަހަކަށް އެކަންކަން ކުރިއަށް ގެންދާނަން. އެގޮތުން މަގުތައް ހެދުމުގެ މަސައްކަތް މިހާރު ދެން ވަރަށް އަވަހަށް ފެށިގެން ކުރިއަށް ދާނެ. ދެން އެހެންވެސް މަޝްރޫޢުތައް ވެސް ވަރަށް ރަނގަޅަށް ކުރިއަށްދާނެ
އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާނީ، އަޅުގަނޑު ނުބަލާނަމޭ، ރީނދޫ ކުލައަކަށް، ނޫކުލައަކަށް، ފެހި ކުލައަކަށް، އެހެން ކުލައަކަށް. އަޅުގަނޑު ދެކޭނީ، ތިޔައިން ކޮންމެ ބޭފުޅަކީވެސް ތިއީ އަޅުގަނޑުގެ ކުރިމަތީގައި، އަޅުގަނޑުގެ އަޚެކޭ، ނޫނީ އުޚުތެކޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުޅުދުއްފުށީގައި ކުރަންޖެހޭ ކަންކަން ކުރަން އެމަނިކުފާނުގެ ސަރުކާރު ތައްޔާރަށް އޮތް ކަމަށާއި މިއަހަރު ނިމުމުގެ ކުރިން މަގު ހަދާ ނިމޭނެ ކަމަށެވެ.
"މިރަށުގައި ހުރި ރީޖަނަލް ހޮސްޕިޓަލްވެސް، މިހާރަށްވުރެ ރަނގަޅުކުރެވި، އެތާނގައި ބްލަޑް ބޭންކެއް ޤާއިމްކޮށް، އެތާނގެ އައިސީޔޫ ރަނގަޅުކޮށް، އެތަނަށް ގެންނަންޖެހޭ އިޞްލާޙުތައް އަޅުގަނޑުމެން ގެންނާނަން.
އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން ކައިރީގައި އަހާވެސްނުލާ، ގޮސް ތަންތަނުން ލޯނު ނަގައިގެން އައިސް، މިރަށުގެ ފަޅުތެރެއަށް ވެލި އަޅާލައިފި. ހަމަ އެކެއް ކައިރީގައިވެސް އަހާނުލާ. ކުއްލިއަކަށް މިފެނުނީ، ހޮސްޕިޓަލް މާދުރުގައި ހުރިތަން. ނޫނީވިއްޔާ ދޯނި އަޅާނެ ތަނެއް ނެތްތަން. އެކަމަކު ރައްޔިތުން ކައިރީގައި ކީއްތޯވާނީ އަހާލިއްޔާ. ޑިމޮކްރެޓިކް ވެރިކަމެއް މިއައީ، ރައްޔިތުންނާ މަޝްވަރާކޮށްގެން، ކަންކަން ނިންމާނަމޭ ކިޔާފައޭ. އެކަމަކު ކާކާތޯ މަޝްވަރާކުރީ. މަޝްވަރާއެއް ނުކުރެއޭ. ދެންވެސް އެތަން ބަހަންވެގެން މިއުޅެނީ، އެމީހުންގެ ރަޙްމަތްތެރިންނަށާއި، ރައްޓެހިންނަށާ އެތަން ލިބޭގޮތަށް ކުންފުނި ހަދައިގެން. ރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން ހަދާފައި ހުންނަ ތަންތަން، ވަކިބަޔަކަށް ނާޖާއިޒު ގޮތުގައި ފައިދާ ނެގޭގޮތަކަށް ބަހާލިޔަކަ އަޅުގަނޑުމެން ނުދޭނަން. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ އަރިހުގައި މަޝްވަރާކޮށްގެން، ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް ނޫނިއްޔަކާ، އެ ފަސްގަނޑަކަށް ކަމެއް ނުކުރާނަމޭ،"