އުމްރާގެ އަޅުކަން އަދާކުރަން ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.

އަސްކޮއެ ޓްރެވެލް ސާވިސްގެ ހަވާލުގައި އުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވީ ހއ. ދިއްދޫ، ހިމާލިޔާ، ފާތިމަތު ޞަބިއްޔާ, 43, އެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އަސްކޮއެ ޓްރެވެލްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ ފާތިމަތު ނިޔާވީ ހުދައިބިއްޔާ އެއްބަސްވުން ގާއިމުކުރި ތަނުގައި މައުލޫމާތު ދިނުމަށް ފަހު އެނބުރި ބަހަށް އެރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާގެ ފިރިމީހާގެ ކޮނޑުމަތީގައި ބޯ އަޅައިގެން އޮއްވާ ކަމަށެވެ.

"އަންހެންމީހާގެ ސިއްހީ އެއްވެސް މައްސަލައެއް ނޫޅޭ. އެއީ ވަރަށް ފިޓް އަންހެނެއް. އެހެންވީމަ ބުނެވޭނީ ތޮބައީ މަރެއް ކަމަށް،" ރަޝީދު ވިދާޅުވިއެވެ.

ފާތިމަތުގެ މައްޗަށް ކަށު ނަމާދު އޮތީ މިރޭ އިޝާނަމާދަށް ފަހު އަލް މަސްޖިދުލް ޙަރާމްގައެވެ.