އުވާލުން މަޑު ޖައްސާލުމަށް ސިވިލް ކޯޓުން އަންގާފައިވާ އެމްއާރުއެމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެެވެ.

އެމްއާރުއެމުން އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ރިޔާސީ ރޭހަށް ނެރެން މަސައްކަތް ފަށައިފައިވާއިރު އެ ޕާޓީއަށް ވާދަކުރެވިދާނެ ކަމާމެދު ސުވާލު އުފެދިފައިވެއެވެ.

މި ކަމާ ގުޅިގެން "ސަން"އިން ފުއާދާ ސުވާލުކުރުމުން އޭނާ ވިދާޅުވީ ސިވިލް ކޯޓުން އަންގައިފައިވަނީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އުވައިނުލުމަށް ކަމަށެވެ. އެހެންކަމުން ޕާޓީ އުވާލާކަމުގައިވާނަމަ، އެ ޕާޓީއަށް ކެންޑިޑޭޓެއް ނެރުމުގެ ފުރުސަތު އޮންނާނެކަމަށް ފުއާދު ވިދާޅުވިއެވެ.

"އުވާނުލަންޏާ ހަމަ އެހެން ޕާޓީތަކަށް ފުރުސަތު އޮންނަ ގޮތަށް އެމްއާރުއެމަށް ވެސް ކެންޑިޑޭޓަކު ނެރިގެން އިންތިޚާބުގައި ބައިވެރިވެވޭނެ،" އޭނާ ވިދާޅުވިއެވެ.

އެމްއާރްއެމްއިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނައިރު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވުމުން އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ އެ ޕާޓީ އުވާލުމަށް މީގެ ކުރިން ނިންމައިފައެވެ.

އީސީގެ ނިންމުމަށް އަމަލުކުރުން ފަސް ކުރަން ސިވިލް ކޯޓުން މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު ވަނީ އަމުރެއް ނެރެފައެވެ.

ފުއާދު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދާކަމަށެވެ.

އެގޮތުން، ރަޖިސްޓްރޭޝަންގެ މަސައްކަތް ވެސް ކުރިއަށްދަމުން އަންނަކަމަށާއި އިތުރު މަރުހަލާތަކަށް ވެސް އިލެކްޝަންސްއިން ތައްޔާރުވަމުން އަންނަަކަމަށް ފުއާދު ވިދާޅުވިއެވެ.