މެނީލާ (މޭ 5): އޭޝިޔާގެ ޤައުމުތަކުގައި ކޮރަޕްޝަނުގެ ޢަމަލުތައް ގިނަކަމުން އެ ޤައުމުތަކުގެ ތަރައްޤީ އަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އިން ބުނެފި އެވެ.

އޭޑީބީގެ ގަވަރުނަރުންގެ ބޯޑުގެ އަހަރީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެބޭންގެ ރައީސް ހާރޫ ކްރޫޑާ ވިދާޅުވީ އޭޝިޔާގެ ޤައުމުތަކުގައި ކޮރަޕްޝަނުގެ ޢަމަލުތައް ގިނަކަމުން ކުރިޔަށްދާންވާ މިންވަރަށް އެ ޤައުމުތަކަށް ކުރިޔަށްނުދެވިފައިވާ ކަމުގަ އެވެ. އޭޝިޔާގެ ޤައުމުތަކަށް ވުރެ ޕެސިފިކްގެ ޤައުމުތަކަށް ލިބިފައިވާ ވަސީލަތްތައް މާކުޑަނަމަވެސް ނިސްބަތަށް ބަލާއިރު ޕެސިފިކްގެ ޤައުމުތައް ކުރިޔަށްދާ މިންވަރު މަތިކަމަށާއި މިކަމުގެ މައިގަނޑު ސަބަބަކީ އޭޝިޔާގެ ޤައުމުތަކާ އަޅާބަލާއިރު ޕެސިފިކްގެ ޤައުމުތަކުގައި ކޮރަޕްޝަން މަދުވުން ކަމަށް ކްރޫޑާ ވިދާޅުވި އެވެ. ކޮރަޕްޝަނަކީ ޤައުމުތަކުގެ ތަރައްޤީ އަށާއި ކުރިއެރުމަށް އެޅޭ އެންމެ ބޮޑުހުރަސްކަމަށް ކްރޫޑާ ސިފަކުރެއްވި އެވެ.

އޭޑީބީ އަހަރީ ރިޕޯޓްތައް ބުނާ ގޮތުން ފާއިތުވި ދިހަ އަހަރުތެރޭގައި އޭޝިޔާގެ ޤައުމުތަކަށް ލިބުނު އިޤްތިސާދީ ކުރިއެރުންތަކުގެ ސަބަބުން އޭޝިޔާގެ 714 މިލިޔަން މީހުން ވަނީ ފަގީރުކަމުން ސަލާމަތް ކުރެވިފަ އެވެ. ކޮރަޕްޝަން ކުޑަކުރެވުނުނަމަ 1.1 ބިލިޔަން މީހުން ފަގީރުކަމުން ސަލާމަތްކުރެވުނީސް ކަމަށް އެބޭންކުގެ މާހިރުން ލަފާކުރައްވަ އެވެ. ކޮރަޕްޝަނުގެ ޢަމަލުތައް ގިނަވެފައިވީ ނަމަވެސް ދުނިޔޭގައި އެންމެ ބާރަަށް ކުރިއަރަމުންދާ ގިނަ ޤައުމުތައްވަނީ އޭޝިޔާގަ އެވެ.

އޭޑީބީގެ ރިޕޯޓްތައް ލަފާކުރާގޮތުން ކުރިޔަށް އޮތް ހަތަރު އަހަރުތެރޭގައި އޭޝިޔާގެ މުއްސަނދި ޤައުމުތަކުގެ އިތުރުން ފަގީރު ޤައުމުތަކަށާއި މެދުފަންތީގެ ޤައުމުތަކަށް ވެސް އިޤްތިސާދީ އަދި ޢުމްރާނީ ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ އެވެ. މީގެތޭރޭގައި އެތައް މިލިޔަން ވަޒީފާގެ ފުރުސަތު އިތުރުވުމާއި 16 ހާސް ކިލޯމީޓަރުގެ މަގުތައް ހެދުމާއި ސިއްޙީ އަދި ތަޢްލީ އިންފްރާސްޓްރަކްޗަރު ތަރައްޤީ ވުމުގެ އިތުރުން ސާފުބޯފެނާއި ހިޔާވަހިކަމާއި ހަކަތައިގެ ރޮނގުގައި ވެސް ބޮޑެތި ކުރިއެރުންތަކެއް ފަގީރު ޤައުމުތަކަށާއި މެދުފަންތީގެ ޤައުމުތަކަށް ލިބިގެންދާނެ އެވެ. (ޑީ.ބީ.އައި)