30 Jul 2023, 08:53
"ދަ ޑިމޮކްރެޓްސް"އަށް ރައްޔިތުންގެ މެދުގައި ބޮޑު ތަރުހީބެއް އޮތް ނަމަ، 50،000 މީހުން ޕްރައިމަރީގައި ވޯޓު ލާން ވާނެ ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެެ.
"ދަ ޑިމޮކްރެޓްސް"އަކީ ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާ އެކު އުފެއްދެވި "ފިކުރެއްގެ ދިރުން" ފެކްޝަނުން އުފެއްދި އައު ސިޔާސީ ޕާޓީއެވެ.
"ފިކުރެއްގެ ދިރުން" އުފެއްދުމާއެކު 50،000 މީހުން ސޮއި ކުރިކަން އޭރު އިއުލާން ކުރިއެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލި ހަމައެކަނި ކެންޑިޑޭޓް ކަމުގައިވާ އިލްޔާސް ލަބީބަށް ރިޔާސީ ޓިކެޓް ދޭން ފެންނަ ކަމަށް 3،041 މީހުން ވޯޓު ދިން އިރު، ނުފެންނަ ކަމަށް 153 މީހުން ވޯޓު ދިނެއެވެ.
އެ ޕްރައިމަރީގައި 3،203 މީހުން ވޯޓު ލާފައިވާއިރު ބާތިލު ނުވަ ވޯޓު ހިމެނެއެވެ.
އިއްޔެ ބޭއްވި ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ފާޑު ކިޔުއްވާ "ސަން"އަށް ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހަދެއްގައި ވޯޓުލުން ކުރިޔަށް ދިޔަ އިރު އޮންލައިންކޮށް ވެސް ވޯޓުލުން ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންވެ، ރައްޔިތުންގެ މެދުގައި އެވަރުގެ ތަރުހީބެއް އޮތް ނަމަ ތިބި ކަމަށް ބުނި 50،000 މީހުން، ވޯޓު ލާން ވާނެ ކަމަށެވެ.
"އެބޭފުޅުން މި ހެއްދެވި ގޮތަކީ އެމެރިކާގައި އޮންނަ އޯޕަން ވޯޓިން ސިސްޓަމަށް މި ހެދީ. މިސާލަކަށް ވޯޓު ލީ ދުވަހު ވޯޓު ލީ ގަޑީގައި ވެސް އައިސް ވަދެލާފަ ސޮއެއް ޖަހާލާފަ ވޯޓު ލެވޭ ގޮތަށް ހުޅުވިފަ އޮތް ތަނެއްގައި ރައްޔިތުންގެ ތެރޭގައި އެވަރުގެ ތަރުހީބެއް އޮތް ނަމަ އެ ބުނާ ފަންސާސް ހާސް މީހުން އެދުވަހު ވޯޓް ލާން ވާނެ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ފާހަގަ ކުރެއްވިގޮތުގައި ރާއްޖޭގައި ތިބި 280،000 މީހުންނަށް ހުޅުވާލައިގެން ބޭއްވި ޕްރިމަރީއެއްގައި އެހާ މަދު އަދަދަކަށް މީހުން ވޯޓު ލުމުން ކުރިއަށް އޮތް ދުވަސްތަކުގައި ވާނެގޮތް ވަރަށް ސާފުކޮށް ފެނެއެވެ.
އޭނާ ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން ބޭއްވި ޕްރައިމަރީއަކުން 3،000 ވޯޓު ލިބިގެން ކާމިޔާބު ކުރެވުނު ބޭފުޅަކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ބުނުމަކީ ވަރަށް ވެސް ހެއްވާ ކަމެއް ކަމަށެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް އިލްޔާސް ކަށަވަރު ކުރެއްވުމާ ގުޅުވައިގެން ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓްގައި ވަރަށް ބޮޑަށް މަރުހަބާ ދެންނެވުމަށް ފަހު، ވިދާޅުވެފައި ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ވެސް އިލްޔާސް ކާމިޔާބު ކުރައްވާނެ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހުއެވެ.