މެންޗެސްޓާ ސިޓީގެ އަލްޖީރިއާ ފޯވަޑް ރިޔާދް މަހްރޭޒް، ސައުދީ އަރަބިއާގެ އަލް އަހްލީއަށް ސޮއިކޮށްފިއެވެ.

އަލް އަހްލީއާ މަހްރޭޒް ގުޅުނުކަން ސިޓީން ވެސް މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. ސިޓީ ދޫކޮށް، އަލް އަހްލީއާ މަހްރޭޒް ގުޅުނީ 30 މިލިއަން ޕައުންޑް (39.2 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ.

ސިޓީ ދޫކޮށްލުމަށްފަހު އެ ކްލަބުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި މަހްރޭޒް ބުނީ އެ ކްލަބާއެކު ހޭދަކުރި ފަސް އަހަރަކީ ހަނދާނުން ފުހެވިގެންދާނެ ދުވަސްތަކެއް ނޫން ކަމަށާއި މޮޅެތި ކުޅުންތެރިންތަކެއް އަދި ދުނިޔޭގެ އެންމެ މޮޅު ކޯޗާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުމުން އުފާކުރާ ކަމަށެވެ.

"ފާއިތުވެދިޔަ އަހަރުތަކުގައި އިނގިރޭސި ޕްރިމިއާ ލީގުން އުފެދިގެންދިޔައީ ހާއްސަ ހަނދާންތަކެއް. އަހަރެމެން މަސައްކަތްކުރީ އެންމެ މޮޅު ޓީމަށްވުމަށް. ސިޓީ ވެގެންދާނީ އަހަރެންގެ ހަޔާތުގެ އުފާވެރި ބައިވެރިޔަކަށް،" އޭނާ ބުންޏެވެ.

މަހްރޭޒް ސިޓީއާ ގުޅިފައިވަނީ ލެސްޓާ ސިޓީއާއެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރުމަށްފަހު 2018 ވަނަ އަހަރުއެވެ. މަހްރޭޒް ވަނީ ސިޓީއާއެކު ހަތަރު ޕްރިމިއާ ލީގާއި ދެ އެފްއޭ ކަޕްގެ އިތުރުން މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

މިދިޔަ ސީޒަނަށްފަހު ޕްރިމިއާ ލީގަށް ކުޅުނު ގިނަ ތަރިންތަކެއް ވަނީ ސައުދީގެ ކްލަބުތަކަކާ ގުޅިފައެވެ. އޭގެ ތެރޭގައި ޗެލްސީއަށް ކުޅުނު ގޯލްކީޕަރު އެޑުއާޑް މެންޑީ، ލިވަޕޫލަށް ކުޅުނު ފޯވަޑް ރޮބާޓޯ ފިރްމީނޯ އަދި އެ ކްލަބުގެ ކެޕްޓަން ޖޯޑަން ހެންޑަސަން، ވުލްވްސްއަށް ކުޅުނު ރުބެން ނެވޭސްގެ އިތުރުން ޗެލްސީއަށް ކުޅުނު އެންގޯލޯ ކަންޓޭ ފާހަގަކޮށްލެވެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި މަހްރޭޒްގެ ބަދަލުގައި ސިޓީން މަސައްކަތްކުރާނީ ބާސެލޯނާގެ ބްރެޒިލް ފޯވަޑް ރަފީނިއާ ގެނައުމަށެވެ. ނަމަވެސް ރަސްމީކޮށް އޭނާއަށް ބިޑެއް ހުށަހަޅާފައިވާ ކަމެއް އަދި ކަށަވަރެއް ނުވެއެވެ.