މީހުންތައް އެއްފަރާތްކުރުމަށް ޒައިލްވެސް މީހުންނަށް ނަސޭހަތްތެރިވަމުން ދިޔައެވެ. ގިނަ މީހުން ބޯ ހަރެވެ. ތިބި ތަނުން ގުޑިވެސްނުލާއިރު، ދުރުކުރަން އުޅޭ މީހުންނާއި ދިމާއަށް ހިތުހުރި އެއްޗެއް ގޮވަމުން ދިޔައެވެ. ބައެއް މީހުން ނަރުހުންތައް ކޮއްޕާ އެމީހުންގެ މަގުން އެއްފަރާތް ކުރަމުން ދިޔައެވެ. މީހުންތަކުގެ ތެރެއިން ނުކުންނަން މަސައްކަތްކުރި ނިޔަމްއަށް އެރުނީ ސީދާ ޒައިލްގެ ކުރިމައްޗަށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެ، ސިކުންތެއްވެސް ހޭދަނުވަނީސް، ނިޔަމްގެ ގައިގައި މީހަކު ޖެހިގަތެވެ. ނިޔަމް އެދިޔަ ބާރުމިނުގައި ގޮސް ތަތްވީ ޒައިލްގެ ގައިގައެވެ. ޒައިލް ހުށިޔާރުކަމާއިއެކު، ނިޔަމްގެ ގައިގައި ދެއަތުން ހިފެހެއްޓިއެވެ. ލިބުނު ސިހުމުގައި ނިޔަމްއަށް ހުރެވުނީ، ޒައިލް ލައިގެން ހުރި ގަމީހުގައި ހިފައިގަނެގެންނެވެ. ނިޔަމްގެ ދެލޯ ބޮޑުވެފައިވާއިރު، ޒައިލްގެ ހާލަކީވެސް އެއީއެވެ. ކަޅި ޖަހާނުލައި، ނިޔަމްގެ އޮމާން މޫނަށް ބަލަން އޭނާއަށް ހުރެވުނެވެ. އެކަކު އަނެކަކު އެހާ ކައިރިން ފެނުމުން، ދެމީހުންގެ ހިތުގެ ހިނގުން ވަނީ މަޑުޖެހިފައެވެ.

*********

ޒައިލްގެ ކަސްރަތީ ރީތި ހަށިގަނޑުގެ ބާރު ނިޔަމްއަށް އިހުސާސް ކުރެވުނެވެ. އެބާރުގަދަ އަތުގެ ތެރޭގައި ނިޔަމް ގައިދުކޮށްލާފައިވަނީ، ކުޑަވެސް ގެއްލުމެއް ނުލިބޭނޭ ފަދައިންނެވެ. އެތައް ދުވަހަކަށްފަހު ބައްދަލުވީއިރުވެސް، ޒައިލްގެ ފިރިހެންވަންތަކަމަށް ބަދަލެއް ނާދެއެވެ. "ބްލޫ ހޭޒަލް" ކުލައިގެ ދެލޮލުގެ ވިދުން ގަދައެވެ. އޭރެކޭ އެއްފަދައިން އެދެލޮލުން ބުނެދޭ އިހުސާސްތައް ބަދަލުނުވާކަން ނިޔަމްއަށް އިހުސާސް ކުރެވުނެވެ. ކަޅު އިސްތަށިގަނޑު ތުނިތުނިކޮށް ކޮށާލާފައިވާއިރު، ނިތްކުރިމަތިން މައްޗަށް ހިއްލާލާފައިވާގޮތް ނުހަނު ހިތްގައިމެވެ.

ނިޔަމްގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށިއެވެ. ކުޑަކޮށް ސިހިފައި ޒައިލްއާއި ދުރަށްޖެހުނު ނިޔަމްއަށް ފޯނު ނަގާނޭ ފުރުސަތެއް ނުލިބުނެވެ. ކޮންމެވެސް މީހަކު އޭނާގެ އަތުގައި ހިފައި ދަމައިގަތެވެ.

"ހާދަ ވަރަކަށް ހޯދައިފީމޭ... ހިނގާބަލަ އަވަހަށް..." އަރުޝާ ނިޔަމްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ދަމުން އޭނާ ޒައިލްއަށް ފުން ނަޒަރެއް ދިނެވެ.

ނިޔަމް ގޮސް ބޭސްއަޅާ ކޮޓަރިއަށް ވަންނަންދެންވެސް ޒައިލް ބަލަން ހުއްޓެވެ. އަރުޝާ ފަސްއެނބުރި ދެތިން ފަހަރަކު ބެލި ނަމަވެސް، ނިޔަމް އެންމެ ފަހަރަކުވެސް ފަސްއެނބުރި ބަލައެއް ނުލައެވެ. ޒައިލްގެ ހިތުގައި ރިއްސާލިއެވެ. ނިޔަމް އޭނާ ދަންނަ ކަމަށްވެސް ނުހެދިއެވެ. ޒައިލްގެ ކުށަކީ ކޮބައިބާއޭ އޭނާގެ ހިތަށް އެރިއެވެ. އެހާ ދުވަސްފަހުން ނިޔަމްއާއި ބައްދަލުވީ ޒައިލް ކުޑަކޮށްވެސް އުއްމީދުކުރި ގޮތަކަށް ނޫނެވެ. ވާހަކަ ދައްކާލާނޭ ފުރުސަތެއްވެސް ނުލިބުނެވެ. އޭނާ ނިޔަމްއާއި ދައްކަން ބޭނުންވާ އެތައް ވާހަކައެއް ހުއްޓެވެ. އެކަމަކު ނިޔަމް އެ ފުރުސަތު ނުދޭނޭކަން ޒައިލްއަށް ޔަގީންވިއެވެ.

"ކާކުތަ އެއީ؟... ހާދަ ގޮތަކަށޭ އޭނަ ޔަމްއަށް ބަލަން ހުރީ..." ބޭސްއަޅާ ކޮޓަރިއަށް ވަދެފައި އަރުޝާ ބުންޏެވެ. "އެކްސްއެއްތަ؟..."

ނިޔަމް އަރުޝާގެ ކޮނޑުގައި ޖެހިގަތީ، ބޭސްއަޅާ ކޮޓަރީގައި އިން ޝަރަފް ފެނުމުންނެވެ. އަރުޝާގެ ވާހަކައިން ސަލާމަތްވާން ނިޔަމްއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި، އަވަސް އަވަހަށް ޝަރަފްގެ ކައިރިއަށް ދިޔައެވެ.

ޝަރަފް ބޭސްއަޅައިގެން ނުކުތްއިރު، ޒައިލް ހުރީ ދޮރުމަތީގައި ދެކޮޅަށް ހިނގާލަހިނގާލައެވެ. ޝަރަފް ނުކުތުމުންވެސް ޒައިލްއަށް ބެލުނީ ދޮރާއި ދިމާއަށެވެ. ނިޔަމް ނުނުކުތެވެ.

"މިއަދު އެބައޮތެއްނު މީޓިންއެއް..." ހޮސްޕިޓަލުން ނުކުންނަމުން ޝަރަފް ބުންޏެވެ. "އެއްކަލަ ޓްރިޕެއް ރޭވިއެއްނު... ސަރ ވިދާޅުވެއްޖެ އެ ދަތުރު އަވަސްކުރަން..."

"މާދަމާ ކޮންއިރަކު ބޭސްއަޅަން އަންނަންޖެހެނީ؟..." ޒައިލް ދެއްކީ މުޅީން އެހެން ވާހަކައެކެވެ.

"ކިހިނެއްވީ؟... ދެދުވަހު އަންނަންޖެހުނީމަ ބޮޑުވީތަ؟..." ޝަރަފް މޫނަށް ވައްތަރެއް ޖައްސައިލިއެވެ.

"އޭރުންނެއްނު އެނގޭނީ އެގަޑިއަކަށް ހުސްވާން..." ޒައިލް ޖަހައިލީ ހިނިގަނޑެކެވެ.

"މާ ކަމުދާ މަންޖެއެއް ފެނުނީތަ؟..." ޝަރަފް ދިމާކުރިއެވެ.

ޒައިލްގެ ފޯނު ރިންގްވާން ފެށިއެވެ. ގުޅީ ޔާމީނެވެ. ޝަރަފްއަށް އިސްކްރީން ދައްކައިލުމަށްފަހު، ޒައިލް ފޯނު ނެގިއެވެ. ޔާމީން އެދުނީ އޭނާގެ ގެއަށް އައުމަށެވެ. ޒައިލް ދިޔައިރު، އިސްތިގުބާލުގައި ހުރީ އާޔަތެވެ. ޒައިލް ފެނުމުން ހަދިޔާކޮށްލީ ފުޅާ ހިނިތުންވުމެކެވެ.

"އަހަރެން ބުނެގެން ބައްޕަ އެ ގުޅީ..." ދޮރު ހުޅުވައިލަމުން އާޔަތު ބުންޏެވެ.

ދެމީހުން އެތެރެއަށް ވަންއިރު، ޔާމީނާއި އޭނާގެ އަންހެނުން ނުޒުހަތު އިނީ ސޯފާގައެވެ. ނުޒުހަތުގެ ނަޒަރު ހުއްޓިފައިވީ އޭނާގެ އަތުގައި އޮތް ފޯނަށެވެ. ޒައިލް އެތެރެއަށް ވަންކަން އެނގުނު ނަމަވެސް، އެކުވެރިއަކާއި ވާހަކަ ދައްކަން އިނުމުން، އޭނާއަށް ބަލައިނުލެވުނީއެވެ.

"ކޮބާ ހިނގާ ކާން..." ޒައިލް ފެނުމުން ޔާމީން ސޯފާއިން ތެދުވިއެވެ. "ނުޒޫ، އާދޭ..."

ނުޒުހަތަށާއި ޒައިލްއަށް އެކަކު އަނެކަކަށް ބަލައިލެވުނީ އެކުއެކީގައެވެ. ދެމީހުންނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ޒައިލް އަވަސް އަވަހަށް އިސްޖަހައިލިއެވެ. ނުޒުހަތު ދެލޯ ހަނިކޮށްލައިގެން ޒައިލްއަށް ބަލަން ހުރީއެވެ. އެއީ ޔާމީނުގެ ގެއަށް ޒައިލް ދިޔަ ފުރަތަމަ ފަހަރެވެ. ޔާމީނުގެ އަނބިމީހާ ފެނުނު ފުރަތަމަ ފަހަރުވެސް މެއެވެ. އެކަމަކު، ނުޒުހަތާއި ޒައިލް ބައްދަލުވި ފުރަތަމަ ފަހަރު ނޫންކަން ދެމީހުންގެ މޫނުމަތީގެ އަސަރުތަކުން ދޭހަކޮށްދިނެވެ.

ކާމޭޒު ކައިރީގައި ދެ އަންހެނަކު ހަރަކާތްތެރިވަމުން ދިޔައެވެ. ޖޫހާއި ފެން އަޅައިދީ، ތަށިތައް ކައިރިކޮށްދިނުމުގައި އެހީތެރިވިއެވެ. ކާމޭޒުމަތި ފުރާލާފައިވާ ކާތަކެތީގެ މީރުވަސް މުޅިތަނުގައި ހަރުލާފައި ހުއްޓެވެ. އެތަކެތި ފެނުމުންވެސް ޒައިލްގެ ބަނޑު ފުރުނެވެ. ކާން އިންއިރު ނުޒުހަތު އިނީ ހިމޭންވެފައެވެ. ކެއުމާއި ގަޔާނުވެފައި އިން ކަހަލަ ގޮތަކަށެވެ. ޔާމީން އެންމެން ތައާރަފް ކުރުމުންވެސް، ނުޒުހަތު އަނގަޔަކުން ނުބުންޏެވެ. މަންމަގެ ހިމޭންކަން ފެނި އާޔަތުގެ ހިތުގެ ހަމަޖެހުން ނަގާލިއެވެ. އޭނާ ޒައިލްގެ ވާހަކަ ބުނިއިރު މަންމަގެ މޫނުން ފެނުނު ޝައުގުވެރިކަމެއް މިހާރު ފެންނާކަށް ނެތެވެ.

"ޒައިލް ހިތަށް އަރާނެ ކީއްވެބާއޭ ކުއްލިއަކަށް ކެއުމަކަށް ދައުވަތު ދިނީ..." މާހައުލުގައިވި ހިމޭންކަން ނެތިގެން ދިޔައީ ޔާމީން ވާހަކަ ދައްކަން ފެށުމުންނެވެ. "މީ އަހަރެންގެ ދަރިފުޅު އާޔަތުގެ ދައުވަތެއް... އާޔަތުގެ އުފަންދުވަސް ފާހަގަ ކުރަން މާދަމާ ރޭ އޮންނަ ހަފުލާގަ ޒައިލްވެސް ބައިވެރިވާންވާނެ..."

ޒައިލް ހަމައެކަނި ބޯޖަހައިލީއެވެ. ނުޒުހަތު ފެނުނުފަހުން އޭނާގެ މުޅި ތަބީއަތު ހަރާބުވެއްޖެއެވެ. އޭނާގެ އަރުތެރެއިން ކާއެއްޗެއް ދިރުނީވެސް އުނދަގުލުންނެވެ.

"މެޑަމް ނުބައިތަ؟..." ނުޒުހަތު ނުކައި އިންނަން ފެށުމުން، ބިދޭސީމީހާ ސުވާލުކުރިއެވެ.

"ކަލޭމެން ކައިރީ ބުނީމެއްނު މިހާ ކުޅިގަދަކޮށް ކާއެއްޗެހި ނުހަދާށޭ..." ނުޒުހަތު ހިތްހަމަނުޖެހިފައި ބުންޏެވެ.

އެންމެންނަށް އެއްފަހަރާ ނުޒުހަތާއި ދިމާއަށް ބަލައިލެވުނެވެ. އާޔަތުގެ މޫނުން ހިތްހަމަނުޖެހުމުގެ އަސަރު ފެނިގެން ދިޔައިރު، ޔާމީންގެ މޫނުން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ. ކާންއިންދާ ނުޒުހަތުގެ އަޑު ޖެހުމުން، ޒައިލް ކޮށިނޭރީ ކިރިޔާއެވެ. އެއް ނޭވާއިން ފެންތަށި ބޮއެއް ހުސްކޮށްލެވުނު ގޮތްވެސް އޭނާއަށް ނޭނގުނެވެ. ކައިގެން އެންމެން ނުކުންނަން ފެށުމުން، ނުޒުހަތު ލޮލުގެ އިޝާރާތުން ޒައިލްގެ ކައިރީގައި މަޑުކުރުމަށް އެދުނެވެ.

"ކަލޭ ތިއައީ ބަދަލުހިފަންތަ؟..." ނުޒުހަތުގެ އަޑުގައިވީ ނުރުހުމުގެ އަސަރެވެ.

ޒައިލް ނުނުކުތުމުން އާޔަތު އަނބުރާލާފައި ގޮސް ކާގެއަށް ވަނެވެ. އޭރު ޒައިލް އާއި ނުޒުހަތު ތިބީ އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ. އާޔަތު ފެނުމުން، ނުޒުހަތު އަވަހަށް ހިނިތުންވެލިއެވެ.

ޒައިލް ދިޔުމުންވެސް، ނުޒުހަތަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާގެ ހިތް ބިރުގަންނަނީއެވެ. ބޮޑު ސިއްރު ޔާމީނަށް ހާމަވާން ގިނަ ދުވަހެއް ނެތްހެން ހީވަނީއެވެ. އެހެންވެއްޖެނަމަ، ޔާމީނު އޭނާއަށް މާފުކުރާނެ ހެއްޔެވެ؟ އެގޭގައި ބަހައްޓާނެ ހެއްޔެވެ؟ ނުޒުހަތުގެ އަތް މުށްކެވުނެވެ. ހާސްވެގެން މުޅި މީހާ ދާ ހިއްލާލިއެވެ.

"މަންމަ ކީއްވެތަ ޒައިލްއަށް ފުސްމޫނުދެއްކީ؟..." ނުޒުހަތު ސިހުނީ އާޔަތުގެ އަޑު އިވުމުންނެވެ. "އަންކޮންފޮޓެބަލް ވެގެނޭ ޒައިލް އެދިޔައީ... ދެން ނޭނގެ ޕާޓީއަށް އަންނާނެކަމެއްވެސް...އަލަށޭ މަންމަ ކައިރީ ބޯއީއެއްގެ ވާހަކަ ބުނީވެސް... ޑޭޑްވެސް މާ ރަނގަޅު..."

"ދަރިފުޅާ!... މަންމައަކަށް ހިއެއްނުވޭ ތި ޒައިލްއަކީ ރަގަޅު ކުއްޖެއް ހެނެއް..." ނުބުނަން ހުރި ވާހަކަ ނުޒުހަތަށް ބުނެވުނެވެ. ޔާމީން ހުރިކަން ވިސްނާނުލައެވެ.

"އެއީ ކީއްވެ؟..." އާޔަތަށްވުރެ ކުރިން ސުވާލުކުރީ ޔާމީނެވެ. "އަހަރެން ކައިރީ އޭނަ މަސައްކަތްކުރާތާ ހާދަ ދުވަހެއް ވެއްޖެއޭ... ދުވަހަކުވެސް ގޯސްކަމެއް ނުފެނޭ..."

"އާނއެކޭ... އެންމެ ފަހަރަކު ފެނިލާއިރަށް ކިހިނެއްތަ މީހެއްގެ ގޮތް އެނގެނީ؟..." އާޔަތު ޝަކުވާ ކުރިއެވެ. "މަންމައަށް ކުރިން ޒައިލް އެނގެނީތަ؟..."

"އޭނ؟..." އާޔަތު ދެން ކުރި ސުވާލަކުން ނުޒުހަތު ދިޔައީ ސިއްސައިގެންނެވެ.

********

"ހާދަ ހާސްވެފަ؟..." ނިޔަމްގެ ބުރަކަށީގައި ޖަހައިލަމުން އަރުޝާ ބުންޏެވެ.

ދެމީހުން ތިބީ، ނިޔަމް އުޅޭ ގޭގެ ޓެރެސްގައެވެ. ރޭގަނޑުގެ ވަގުތު ޓެރަސް ފެންނަން އޮތީ ހިތްގައިމުކޮށެވެ. އޮރެންޖު އަލިން މުޅި ތަން ދިއްލާލާފައިވާއިރު، ފާރު ކައިރީގައި ބަހައްޓާފައިވާ ގަސްޕޮޓުތަކުގައި އަޅާފައިވާ މާތަކުގެ މީރުވަސް މާހައުލުގައި ނުފިލާ ހުއްޓެވެ. ނިޔަމްމެން ތިބީ، ލަކުޑި މޭޒުގެ ކައިރީގައި ބަހައްޓާފައިވާ ލަކުޑި ގޮނޑިތަކުގައެވެ. މޭޒުމަތީގައި އެކި ބާވަތުގެ ލުއި ކާނާއާއި ޖޫސް ތަށިތައް ބަހައްޓާފައި ހުއްޓެވެ. އަރުޝާ އިނީ އަނގަ ފުރެންދެން ކާއެއްޗެހި އަޅައިގެންނެވެ. ދާވިއަން ބޯޅައެއް ހިފައިގެން ކުޅެން އުޅުނެވެ.

ނިޔަމް ދައްކައިލީ ފޯނެވެ. އިސްކްރީނުން ފެންނަން އޮތީ، ދައުވަތު ކާޑެކެވެ.

"ތި ޕާޓީއަށް ދާންޖެހޭތީތަ މޫޑު ގޯސްވެފަ ތީނީ؟..." ޖޫސްފޮދެއް ބޯލަމުން އަރުޝާ ވާހަކަދެއްކިއެވެ.

"ތެދަށް ބުނަންޏާ، ދާހިތެއް ނުވޭ..." ނިޔަމް ބުންޏެވެ.

ދާވިއަން ބޯޅަ ހިފައިގެން އަރުޝާގެ ކައިރިއަށް ދިޔައެވެ. އަރުޝާގެ އަތަށް ބޯޅަ ދީފައި، ޗިޕްސްކޮޅެއް ނަގައިގެން ކާލިއެވެ. އަނެއްކާވެސް ބޯޅަ ހިފައިގެން ދުއްވައިގަތެވެ.

"އެއްކަލަ ހޮސްޕިޓަލުން ދިމާވިއެއްނު ބޯއީއެއް..." ދާވިއަންއަށް ބަލަން އިނދެފައި އަރުޝާ ބުންޏެވެ.

"ކާކުތަ؟..." ނިޔަމް ނޭނގޭކަމަށް ހެދިއެވެ.

"ތަތްވެގަނެގެން ހުރީމެއްނު..." އަރުޝާ ހީގަތެވެ. ހަމަ އެހާ އަވަހަށް ސީރިއަސްވިއެވެ.

"އޭނަ ކިހިނެއްވީ؟..." މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާވޭތޯ ބަލަމުން ނިޔަމް އަހައިލިއެވެ.

"އޭނަޔާ ދާވިއަންއާ ހާދަ ވައްތަރޭ..." އަރުޝާ ދެފިކުރެއްގައި އިނދެފައި ބުންޏެވެ.

(ނުނިމޭ)