ނިއާމޭ (29 ޖުލައި 2023): ހުޅަނގު އެފްރިކާގެ އިސްލާމީ ގައުމެއްކަމަށްވާ ނައިޖަރގެ ރައީސް މުޙައްމަދު ބާޒޫމް އަސްކަރީ އިންގިލާބެއްގައި މިދިޔަ ހަފުތާގައި މަގާމުން ދުރުކޮށްފައިވަނިކޮށް އެގައުމުގެ ރިޔާސީ ގާޑުންގެ ލަޝްކަރުގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހްމާން ނިޔާނީ ރައީސްކަމުގެ ހުވާކުރައްވައި ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންފިއެވެ.

ނައިޖަރގެ ދުސްތޫރާ ޚިލާފަށް އަސްކަރީ ބަޣާވާތެއްގައި ރައީސް މުޙައްމަދު ބާޒޫމް މަގާމުން ދުރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ ރިޔާސީ ގާޑުންގެ ލަޝްކަރުންނެވެ. ބަޣާވާތުގެ ލީޑަރަކީ ރިޔާސީ ގާޑުންގެ ލަޝްކަރުގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހްމާން ނިޔާނީއެވެ. ނިޔާނީ ބަޣާވާތުގެ އަމަލު ހިންގެވީ ނައިޖަރުގެ ސިފައިންގެ ލަޝްކަރުތަކުގެ ރުހުމާއެކުގައެވެ.

މިކަން ހާމަވެގެންދިޔައީ މަގާމުން ދުރުކޮށްފައިވާ ރައީސް މުޙައްމަދު ބާޒޫމްގެ ހިމާޔަތުގައިވެސް އަދި އޭނާގެ ވެރިކަން ދިފާއުކުރުމުގައިވެސް ސިފައިން އެއްވެސް ވަރަކަށް ހަރަކާތްތެރިވެފައި ނުވާތީއެވެ. އަދި ސިފައިން އެންމެ ފަހުން ވަނީ އިންގިލާބީ ލީޑަރު ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހްމާން ނިޔާނީ ނައިޖަރުގެ ރައީސްކަމުގެ ހުވާކުރެއްވުމުގެ ކަންކަމުގައި އެހީތެރިވެދީ އަދި އޭނާގެ ފަހަތުގައި ތިބިކަންވެސް ހާމަކޮށްފައެވެ.

ނައިޖަރު އާއި އެގައުމުގެ ވަށައިގެންވާ ގައުމުތައް

މިއީ ލޭއޮހޮރުވުމެއްނެތް އިންގިލާބެކެވެ. މަގާމުން ދުރުކޮށްފައިވާ ރައީސް މުޙައްމަދު ބާޒޫމް ހުންނެވި ކަމަށްވަނީ ސިފައިންގެ ބެލުމުގެ ދަށުގައި ރިޔާސީ ގަނޑުވަރުގައި ހައްޔަރުކޮށްފައެވެ. އޭނާގެ ހަށިކޮޅަށް އެއްވެސް ނުރައްކަލެއްނެތްކަން ސިފައިންވަނީ އިއުލާނުކޮށްފައެވެ.

މުހައްމަދު ބާޒޫމް އަކީ ނައިޖަރުގެ އަރަބި ގަބީލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ވަރަށް ތައުލީމީ ބޭފުޅެކެވެ. ބާޒޫމް ނިސްބަތްވެވަޑައިގަންވަނީ ލީބިއާގެ "އަވްލާދު ސުލައިމާނު" ގަބީލާ އަށެވެ. އަވްލާދު ސުލައިމާނު ގަބީލާ އަކީ 19 ވަނަ ގަރުނުގެ ކުރީކޮޅު ސައޫދީ އަރަބިއާގެ ނަޖުދު ސަރަހައްދުން ލީބިޔާއަށް ހިޖުރަކުރި އަރަބި ގަބީލާއެކެވެ. އެގަބީލާގެ ބަޔަކުވަނީ އޭގެފަހުން ނައިޖަރ އަށް ހިޖުރަކޮށްފައެވެ.

މުހައްމަދު ބާޒޫމް އަކީ ފުރިހަމައަށް ހަ ބަސް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. މި ބަސްތަކަކީ އަރަބި ބަހާއި ފަރަންސޭސިބަހާއި އިނގިރޭސިބަހާއި ނައިޖަރުގެ ބަސްކަމަށްވާ ހަވްސާ ބަހުގެ އިތުރުން އެފްރިކާގެ އެހެން ދެބަސްކަމަށްވާ ކަނޫރީ އަދި ތޫބޫ އެވެ. މިހުރިހާ ބަހަކުންވެސް އޭނާ ވަރަށް ރަނގަޅަށް ވާހަކަ ދައްކަވައެވެ.

ބާޒޫމް ނައިޖަރުގެ ރައީސްކަމަށް އިންތިޚާބު ކުރެވުނީ 2021 ވަނަ އަހަރު އެގައުމުގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. އޭނާގެ ވެރިކަމުގައި ފަރަންސޭސިވިލާތާއެކު ވަރަށް ބަދަހި ގުޅުންތަކެއް ބޭއްވެވިއެވެ. މިދުވަސްވަރަކީ އެފްރިކާގެ މެދުތެރެއާއި އެފްރިކާގެ ހުޅަނގުގެ ގައުމުތަކުގައި ޒަމާނުއްސުރެއޮތް ފަރަންސޭސި ބާރާއި ނުފޫޒު ވަރަށް ބޮޑަށް ކުޑަވަމުންދާ ދުވަސްވަރެކެވެ.

އިންގިލާބީ ލީޑަރު އަދި ރިޔާސީ ގާޑުންގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހްމާން ނިޔާނީ އާއި އޭނާއަށް ވަފާތެރި ސިފައިންގެ އޮފްސަރުން

ފަރަންސޭސި އަސްކަރީ ބާރާއި އެގައުމުގެ ސިޔާސީ އަދި އިގްތިސާދީ ނުފޫޒު އެންމެ ބޮޑަށް އޮތް ހަތަރު ގައުމުކަމަށްވާ ޗާޑް، މާލީ، ބުރުކީނާ ފާސޯ އަދި ސެންޓްރަލް އެފްރިކަން ރިބަލްލިކްއިން ފާއިތުވި ދެ އަހަރުތެރޭގައި ފަރަންސޭސި އަސްކަރީ ބާރުތައްވަނީ ފައިބަންޖެހިފައެވެ. އެގައުމުތަކުގައި މިހާރު އުފެދިފައިވާ ސަރުކާރުތަކަކީ ފަރަންސޭސިވިލާތާ ވަރަށް އިދިކޮޅު އަދި ޗައިނާއާއި ރަޝިއާއަށް ވަރަށް ބޮޑަށް ތާއީދުކުރާ ސަރުކާރުތަކެކެވެ.

އެފްރިކާއަށް ބަލާއިރު މިހާރު ފަރަންސޭސި ސިފައިން ތިބި އަދި ފަރަންސޭސިވިލާތުގެ ބާރާއި ނުފޫޒު އޮތް ހަމައެކަނި ގައުމަކީ ނައިޖަރ އެވެ. ނައިޖަރު ގެ ވެރިކަން ބަޣާވާތަކުން ވައްޓާލި އިންގިލާބީ ލީޑަރު ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހްމާން ނިޔާނީ އަކީ ފަރަންސޭސިވިލާތާ ވަރަށް އިދިކޮޅު ބޭފުޅެކެވެ.

މުޙައްމަދު ބާޒޫމް މަގާމުން ދުރުކުރުމަށްފަހު ނައިޖަރުގެ އިންގިލާބީ ލީޑަރު ލެފްޓިނެންޓް ޖެނެރަލް ނިޔާނީ އިއްވެވި ބަޔާނުގައި ބުނެފައިވާގޮތުން ބާޒޫމް މަގާމުން ދުރުކުރަން ޖެހުނީ އޭނާގެ ވެރިކަމުގައި ނައިޖަރުގެ އިގްތިސާދާއި ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ބޮއްސުންލައިގެން ދިޔުމުގެ އިތުރުން ސަރުކާރު ހިންގުމުގެ ދާއިރާގައިވެސް ވަރަށް ބޭއިންސާފުން އޭނާ ކަންތައްތައް ކުރައްވާތީއެވެ.

މަގާމުން ދުރުކޮށްފައިވާ ރައީސް މުހައްމަދު ބާޒޫމް

މަގާމުން ދުރުކޮށް ބަޒޫމް ހައްޔަރު ކުރުމަށްފަހު ނައިޖަރުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންގިލާބީ ލީޑަރަށް ސިފައިން ތާއީދުކުރާކަމަށާއި ގައުމުގެ ހާލަތު ނާޒުކު ފައްތަރެއްގައި އޮތުމުން ސަރަހައްދީ ރޮނގުތައް ބަންދުކޮށްފައިވާ ކަމުގައެވެ. އަދި، ދައުލަތުގެ ހުރިހާ މުއައްސަސާތައް ސަސްޕެންޑުކޮށް، ގައުމުގެ ހުރިހާ ސަރަހައްދެއްގައި ކުއްލި ހާލަތު އިއުލާނުކޮށްފައިވާކަންވެސް ސިފައިންގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

މީގެއިތުރުން ސިފައިންވަނީ މަގާމުން ދުރުކޮށްފައިވާ ރައީސް މުހައްމަދު ބަޒޫމްއަށް އެހީތެރިވުމަށް ބޭރުގެ ގައުމުތަކުން މަސައްކަތް ނުކުރުމަށާއި މިއީ ނައިޖަރުގެ ދާޚިލީ ކަމެއްކަން ބައިނަލްއަގްވާމީ މުޖްތަމައަށް ހަނދާންކޮށްދީ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ބޭރުގެ އެއްވެސް ފަރާތަކަށް ނުދޭނެކަން ހާމަކޮށްފައެވެ.

ބާޒޫމް މިނިވަން ކުރުމަށް ނޫނީ އިންގިލާބީ ހަރަކާތާ ދެކޮޅަށް ބޭރުގެ އެއްވެސް ގައުމަކުން ނޫނީ އދ. ފަދަ އެއްވެސް ޖަމްއިއްޔާއަކުން ވެސް މަސައްކަތް ނުކުރުމަށާ އެފަދަ މަސައްކަތްކުރާނަމަ އެއާ ދެކޮޅަށް ހަނގުރާމަކުރާނެކަމުގެ އިންޒާރުވެސް ނައިޖަރުގެ ސިފައިންގެ މުއައްސަސާއިން ނެރުނު ބަޔާނުގައި ވަނީ ދީފައެވެ.

ނައިޖަރުގެ ވެރިކަން އަސްކަރީ އިންގިލާބަކުން ފޮރޮޅާލައި ރައީސް މުހައްމަދު ބާޒޫމް މަގާމުން ދުރުކުރި މައްސަލާގައި އެންމެ ބޮޑަށް ރުޅިގަދަވެފައިވަނީ ފަރަންސޭސިވިލާތާއި އެމެރިކާއިންނެވެ. އެދެގައުމާއި އދ. އާ އަދި އެފްރިކާގެ އިއްތިޙާދުންވަނީ އަސްކަރީ އިންގިލާބުކުށްވެރިކޮށް އަދި ރައީސް ބާޒޫމް އަލުން އަނބުރައި ވެރިކަމަށް ރުޖޫއަކުރުމަށް ގޮވާލައި ބަޔާންތައް ނެރެފައެވެ.

ރައީސް ބަޒޫމްގެ ސަރުކާރު އަސްކަރީ ބަޣާވާތަކުން ވައްޓާލުމާ ގުޅިގެން ނައިޖަރުގެ އާންމުންގެ އެތައް ހާސްބަޔަކުވަނީ އެގައުމުގެ ވެރިރަށް ނިއާމޭގެ މަގުތަކަށް އެއްވެ އަސްކަރީ އިންގިލާބަށް ތާއީދުކޮށް މުޒާހަރާކޮށްފައެވެ. އެމީހުންވަނީ ފަރަންސޭސިވިލާތުން ކޮންޓްރޯލްކުރާ ގޮނޑިކޮއްކޮ ވެރިއަކު ނައިޖަރުގެ ރައީސްކަމުގައި ބަހައްޓަން ބޭނުންނޫން ނުވާކަން ހާމަކޮށްފައެވެ.

ބާޒޫމް އާ އިދިކޮޅަށް މުޒާހަރާކުރި އެތައް ހާސްބަޔަކު ވަނީ ނިއާމޭގައި ހުންނަ އޭނާގެ ޕާޓީގެ މައިއޮފީހަށް ވަދެގަނެ އެތަނަށް ގެއްލުންދީ، އެއޮފީހުގެ އިމާރާތުގައި ހުޅުޖަހާފައެވެ. މުޒާހަރާކުރި މީހުން ނައިޖަރުގެ ޕާލަމެންޓްގެ ކައިރިއަށް ވެސް އެއްވިއެވެ. ނަމަވެސް، ސިފައިން ވަނީ ކާފިއު ހިންގައި އެމުޒާހަރާ ރޫޅާލާފައެވެ.

ނައިޖަރުގެ ރައީސް މުހައްމަދު ބާޒޫމް ބަޣާވާތަކުން މަގާމުން ދުރުކުރި މައްސަލާގައި އެމެރިކާއާއި ފަރަންސޭސިވިލާތުންވަނީ ނައިޖަރުގެ އިންގިލާބީ ވެރިންނާއި އިންގިލާބީ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުތައް ދީފައެވެ.