05 May 2012, 19:34
ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަން އުޅުއްވި ކަންކަތައްތައް ގޮވީ އަތަށް ކަމަށާއި މި ފެބްރުއަރީ މަހުގެ 7 ވަނަ ދުވަސް އާއިރު އޮތީ ޖުޑިޝަރީ ހަލާކޮށް ނިންމާލުމަށްފަހު ދަށު ކޯޓްތައް އުވާލައި 60 މީހަކު ވަންދު ކުރަން ނިންމާފައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދުގެ ހދ. ދަތުރުފުޅުގައި މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ފެބުުއަރީ މަހުގެ 7 ވަނަ ދުވަހު ހިނގި ޙާދިސާ މާތްﷲގެ ރަޙްމަތްފުޅުން ނައި ނަމަ ރާއްޖޭގައި ޖުޑީޝަރީ ނޯންނާނެ ކަމަށެވެ،
"އޭރު [ނިންމާފައި އޮތީ] އޮތީ ޖުޑީޝަރީ ހަލާކުކޮށް ނިންމާލަން. އޭރު އޮތީ ދަށު ކޯޓުތައް އުވާލަން ނިންމާފައި. އޭރުގައި އޮތީ މަތީ ކޯޓުތަކުގެ ފަނޑިޔާރުންގެ ޢަދަދު މަދުކުރަން ހުށަހަޅާފައި. އޭރުގައި އޮތީ 60 މީހަކު ބަންދުކުރަން ލިސްޓް ހަދާފައި، ފުލުހުންނަށް ފޮނުވާފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ އެ ހުރިހާ ކަމެއް ކުރެއްވުމަށްފަހު ރައީސް ނަޝީދު ދިމާ ކުރެއްވީ އިސްލާމްދީނަށްޓަކައި، ރާއްޖެއަށްޓަކައި މަސައްކަތްކުރި ބަޔަކު މައިތިރިކުރަން ކަމަށައި އެމީހުންނާ ދެކޮޅަށް "އެމްޑީޕީގެ ގުންޑާއިން ނެރުނު" ކަމަށެވެ.
"އެގޮތަށް ޙަމަލާދޭން އެމީހުން ނުކުތުމުން، ފުލުހުން ނުކުމެ، އެކަން ހުއްޓުވުމަށް މަސައްކަތް ކުރީމާ، ފުލުހުން އެކަން ނުކުރުމަށް އަމުރުކުރީ ފުލުހުން އެތަނުން ދުރަށްލީ. ފުލުހުން ދުރަށްލާފައި، އެދޭތެރެއަށް ސިފައިން ވައްދަން އުޅުނީ. މިދެންނެވިކަހަލަ ކަންތައްތަކެއް މީނަ ކުރަން އުޅުމުގެ ސަބަބުން، މީނަ ރޭވި އެއްޗެއް، މީނަގެ އަތަށްގޮވީ،" ރައީސް ވިދާޅުވި އެވެ. "އެހިސާބުން ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން، ރައްޔިތުން ތިބީ ތިމަންނަ ކައިރީގައި ނޫންކަން އެނގިގެން، ތިމަންނައަކަށް ދެން ބޯލަނބާނެ ސިފައިންގެ މީހަކު، ތިމަންނައަށް ބޯލަނބާނެ ފުލުހަކު، މި ރާއްޖެއަކު ނެތްކަން އެނގިގެން، އަމިއްލައަށް އިސްތިޢުފާދީފައި ގެޔަށް ވަޑައިގަތީ މިއިރު މީނައަކަށް ނުވިސްނެއޭ، މީނަ އެތައް ބަޔަކަށް ވަޢުދުވެ ދީފައި ހަދައިދީފައި ހުރި ކުންފުނިތަކާއި، ދީފައި ހުރި ފަޅުރަށްތަކާ، މިހުރިހާ އެއްޗެއް ގެއްލިގެން ހިނގައިދާނެ ކަމެއް. އެވަރު ވިސްނުނީ 24 ގަޑިއިރު ފަހުން، ވިސްނިގެން ހޭލާފައި މިބުނީ، ބަލަ ތިމަންނަގެ އަތުގައި އޮތް ހުރިހާ އެއްޗެއް މިއޮތީ ގެއްލިފައޭ. މިއީކީ އަދި މިކަން ވާންވާނެ ގޮތެއް ނޫނޭ،"
ވަހީދު ވިދާޅުވީ އެހިސާބުން މީހުން ރައީސް ނަޝީދުގެ އަރިހަށް ގޮސް ސުވާލުތައް ކުރަން ފެށީ ކަމަށާއި އޭގެ ތެރޭގައި "ތިމަންނައަށް ދިން ރަށް ކޮބައިހޭ" އަދި "ތިމަންނައަށް މިއަދު ހަދައިދިން ކުންފުންޏަށް ކިހިނެއްހޭ ތިހެއްދެވީ؟" އަހަމުން ދިޔަ ކަމަށެވެ. އަދި އުޒުރު ދެއްކެވުމަށް ވާހަކައެއް ހައްވައި ސިފައިން ޢަސްކަރީ ވެރިކަމެއް ޤާއިމްކޮށްފި ކަމަށް ވިދާޅުވާން ފެއްޓެވީ ކަމަށެވެ.
"މި ޚަބަރު މިފެތުރީ މުޅި ދުނިޔޭގައި. ދެން އެއްގޮތަކަށްވެސް ދިވެހިރާއްޖެއަށް ޓުއަރިސްޓުން ނާންނާށޭ. ދިވެހިރާއްޖެއަށް އެއްވެސް މީހަކު ނާންނާށޭ. ދިވެހިރާއްޖޭގައި އޮތީ ސިފައިންގެ ވެރިކަމެކޭ. މިވަރުގެ ދޮގުހަދާ މީހަކު، ދިވެހިރާއްޖެއަށް މިހާ އިޚްލާޞްތެރިކަން ކުޑަ މީހަކު، މިހާރު މިބުނަނީ ތިމަންނަ އަނބުރާ އަންނާށޭ ބޭނުންވަނީ. އަވަހަށް އިންތިޚާބެއް ބާއްވާށޭ. އަވަހަށް އިންތިޚާބެއް ބާއްވާށޭ މި ބުނަނީ. ކޮން އިންތިޚާބެއްތޯ ބޭއްވޭނީ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ތަނެއް ނުދެއޭ އަވަސް އިންތިޚާބެއް ބާއްވާކަށް. އަޅުގަނޑު ދަންނަވާފައި އޮންނާނީ، އަވަސް އިންތިޚާބު ބާއްވާނެ ތާރީޚު. އަޅުގަނޑު ދަންނަވައިފިން، އަވަސް އިންތިޚާބު އޮންނާނެއޭ 2013 ވަނަ އަހަރުގެ ޖުލައި މަހު އިރާދަކުރެއްވިއްޔާ. އެއަށްވުރެ އަވަހަކަށް ނޯންނާނެ އަވަސް އިންތިޚާބު ބޭއްވޭކަށް،" ރައީސް ވިދާޅުވި އެވެ،
ކުރީގެ ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީގެ މައްޗަށް ވެސް ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ "ކެނެރީގޭ މުޙަންމަދު ނަޝީދަށް ކާމިޔާބުވީ، އަޅުގަނޑު އެބޭފުޅާގެ ރަނިންގމޭޓަކަށްވީތީ" ކަމަށެވެ. އަދި މިއަދު އެ މަނިކުފާނަށް އެވަރު ވިސްނިވަޑައިނުގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެމަނިކުފާނުގެ ފަހަތުން މަގުމައްޗަށް ނުކުމެ އުޅޭ މީހުންނަށްވެސް އެވަރު ނޭނގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"އެންޑީޕީއަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފަ ހަގީގަތުގައި އެމްޑީޕީ އުފެއްދި މީހުން މިހާރު ތިބީ އެމްޑީޕީއަކު ނޫން އެމްޑީޕީ އުފެއްދި މީހުންނަށް ނަޝީދު ޖެއްސެވި ޙާލުގެ ސަބަބުން އެންމެން ނުކުމެގެން ހިނގައްޖެ. މިހާރު ތިބީ އަލަށް އައިސް އެތަނަށް ވަދެ އެމްޑީޕީ ޙިޞާރުކޮށްގެން އުޅޭ ބައެއް. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، އަޅުގަނޑުމެންނަކަށް ކުޑަކޮށްވެސް ކަންބޮޑުވާކަށްނުޖެހެއޭ. މިއަދު އެމްޑީޕީއަށް ދިމާވެގެން އުޅޭ ހުރިހާ މައްސަލައަކީ، ރައީސް ނަޝީދު އެމްޑީޕީ ޙިޞާރުކޮށްގެން، އެމްޑީޕީގެ ތެރެއިން އެއްވެސް ޒުވާން ބޭފުޅަކަށް، އެ ޕާޓީގެ ޒަޢާމަތަށް އައުމުގެ ފުރްޞަތު ނުދިނުން،" ރައީސް ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީއާ އާއި ރައީސް ނަޝީދާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީގެ ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބުގައި އެމްޑީޕީން އެމަނިކުފާނަށް މަކަރު ހެއްދެވި ކަމަށާއި
"އެފަހަރު އިންތިޚާބުވި ބޭފުޅާގެ ފަހަތްޕުޅުގައިވެސް އަޅުގަނޑު ހުރީ މަސައްކަތް ކުރަން. އަޅުގަނޑު މަސައްކަތް ކުރަމުން ގެންދިޔައީ ޝެޑޯ ކެބިނެޓްގައި. އެހެން ނަމަވެސް، އެފަހަރުވެސް އިންތިޚާބުވީ ރައީސަކަށް ފުރްޞަތެއް ނުދެއްވި. ފުރްޞަތު ނުދެއްވުމުގެ ސަބަބުން އެބޭފުޅާވެސް ވަކިވެގެންދިޔައީ. ދެން އޭގެފަހުން ވަޑައިގަތީ މުނައްވަރު. މުނައްވަރުވެސް ވަކިވެވަޑައިގެންދިޔައީ. ދެން ވަޑައިގަތީ އިބްރާހީމްދީ. މިހާރު ޑޮކްޓަ ޑީޑީ ވެސް ވަކިކޮށްލާފައި ފޮނުވާލީ. މިއީ ކޮންކަހަލަ ޑިމޮކްރެޓިކް ޕާޓީއެއްތޯ؟ މިއީ އަޅުގަނޑުމެން ދަންނަ ބާވަތުގެ ޑިމޮކްރެޓިކް ޕާޓީއެއް ނޫން. އެކަމަކުވެސް ތިމަންނަމެންވަރުގެ ޑިމޮކްރެޓިކް ބައެއްނެތޭ ބުނެ، މަގުމައްޗަށް ނުކުމެ ހަޅޭއްފަޅޭއްލަވައި، ތަންތަން ރޯކޮށް، ރައްޔިތުންގެ މުދާތައް ހަލާކުކޮށް، މިއީ ކޮންކަހަލަ ޑިމޮކްރެޓުންނެއްތޯ؟ މިއީ ޑިމޮކްރެޓުންނެއް ނޫނޭ. މީގެތެރޭގައި، މިބާވަތުގެ ޢަމަލުކުރާ މީހުންނަކީ އަޅުގަނޑު ދަންނަވާނީ، ޓެރަރިސްޓުންނޭ. އެމީހުންނަށް ދޭންޖެހޭ އަދަބުދޭކަށް އަޅުގަނޑުމެން ކުޑަވެސް ތަންކޮޅެއް ފަހަތަކަށް ނުޖެހޭނަން،... ދެން އެހެންވީމާ، ކާކުތޯ ޤަބޫލުކުރާނީ، މި ކުޅުދުއްފުށީ ރައްޔިތުންދެކެ އަޅުގަނޑަށްވުރެ ބޮޑަށް ލޯބިވާ މީހަކީ ކެނެރީގޭ ނަޝީދޭ ބުނީމާ. ކެނެރީގޭ ނަޝީދަށް މި ރައްޔިތުންދެކެ ކޮން ލޯތްބެއްތޯ ވެވޭނީ. ނުވެވޭނެ ލޯތްބެއް،" ރައީސް ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ އެމަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން ވަންނާނެ ގެދޮރާއި އަވަހާރަފުޅު ލައްޕަވާނެ އެނދާއި ފަރިއްކުޅުއްވާނެ މޭޒު ވެސް ހުންނާނެ ކަމަށައި އިށީނދެ ވަޑައިގަންނަވާނެ ގޮނޑިވެސް ހުންނާނެ ކަމަށެވެ.
އެއީ ކީއްވެގެންތޯ؟ އެއީ މިރަށަކީ އަޅުގަނޑުގެ ރަށެއް ކަމަށްވާތީ. އަޅުގަނޑު މާލޭގައި އުފަންވި ނަމަވެސް، އަޅުގަނޑުގެ ޢުމުރުން އެންމެ ދެ އަހަރުގައި، އެންމެ ފުރަތަމަ މާލެއިން ބޭރަށްދިޔަ ރަށަކީ މިރަށް. ސަބަބަކީ އަޅުގަނޑު މާލޭގައި އުފަންވީވެސް، އުޅެބޮޑުވީވެސް ކުޅުދުއްފުށިގޭގައި. އޭރު މާލޭގައި ހުންނާނެ، ކުޅުދުއްފުށީ ގެޔަކާއި، ހައްދުންމަތީ ގެޔަކާއި، ހަނިމާދޫ ގެޔަކާ، މިހެންހުރި ގެތަކެއް ހުންނާނެ... އޭރު ކުޅުދުއްފުށީ ގޭގައި އަޅުގަނޑު އުފަންވީ. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، އަޅުގަނޑަކީ ކުޅުދުއްފުށީ މީހެކޭ. މިރަށުގައި ތިބޭނީ އަޅުގަނޑުގެ އަޚުންނާއި އުޚުތުންނޭ ހައްތަހާވެސް،"
ރައީސް ވިދާޅިވީ އެމްޑީޕީން ކުޅުދުއްފުށީގައި ފުރަތަމަ ޖަލްސާ ބޭއްވީ އެމަނިކުފާނު ކަމަށައި އެ ޖަލްސާ ބޭއްވި ޖަލްސާ ނުބޭއްވިގެން އުޅެނިކޮށް ކަމަށެވެ. އަދި ކުޅުދުއްފުށީގައި އެމްޑީޕީގެ ގޮތްޕެއް ހެދުމަށް އެހީވެ ދެއްވީ ވެސް އެމަނިކުފާނު ކަމަށެވެ.
"އެ ގޮތްޕަށްވާންޖެހޭ ހުރިހާ އެހީއެއް ވެދިނީވެސް އަޅުގަނޑު. މި އިންނެވި އާދަމް ވަޙީދަށް އެނގިވަޑައިގަންނަވާނެ. އާދަމް ވަޙީދުމެންނަށް ދޭންޖެހޭ ހުރިހާ އެހީއެއް، ވިދާޅުވި ކޮންމެ ކަމެއް ކޮށްދިނީ އަޅުގަނޑުމެން. ޕްރޮޖެކްޓަރު ދިނީވެސް އަޅުގަނޑު. ގޮނޑި ދިނީވެސް އަޅުގަނޑު. ޖަލްސާ ބާއްވައިދިނީވެސް އަޅުގަނޑު. އެހެންވީމާ، މިއަދު މަގުމަތީގައި ދެތިން ކުއްޖަކު ނުކުމެ އަޅުގަނޑާ ދިމާލަށް އެއްޗެއް ބުންޏަކަސް، އަޅުގަނޑު ހާސްވާކަށް ނުޖެހޭނެ ނޫންތޯ. ތަންދޮރު ނުދަންނަ ކުދިން ބައެއްފަހަރު ވާހަކަ ދައްކާނެ. އެވާހަކައަކަށް އަޅުގަނޑުމެން އެއްގޮތަކަށް ވެސް ފަރުވާ ބަހައްޓާނެ ކަމެއްނެތް،"