29 Jul 2023, 11:00
އާސެނަލާއި ޗެލްސީ މުޅިން ތަފާތު ކަމަށާއި އޭނާއާ ގުޅޭ ފުޓުބޯޅައެއް ކުޅެމުންދާ ކްލަބަކީ އާސެނަލް ކަމަށް ޖަރުމަން މިޑްފީލްޑަރު ކައި ހަވާޓްޒް ބުނެފިއެވެ.
މިދިޔަ ސީޒަނަށްފަހު ޗެލްސީއަށް ކުޅެމުންދިޔަ ހަވާޓްޒް ވަނީ 67.5 މިލިއަން ޕައުންޑް (86.3 މިލިއަން ޑޮލަރު)ގެ އަގަކަށް އާސެނަލާ ގުޅިފައެވެ. އާސެނަލުގައި ކޯޗު މިކެލް އާޓެޓާ، ހަވާޓްޒް ބޭނުންކުރަމުންދަނީ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑްއާއެކު މިޑްފީލްޑްގައެވެ. ނަމަވެސް 5-3 ގެ ނަތީޖާއަކުން ބާސެލޯނާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި އެހެން މަގާމުތަކުގައި ވެސް އޭނާ ވަނީ ބޭނުންކޮށްފައެވެ. އެ މެޗުގައި ހަވާޓްޒްގެ ފަރާތުން ގޯލެއް ވެސް ފެނިގެންދިޔައެވެ.
އާސެނަލާއި ޗެލްސީއާ ގުޅޭގޮތުން ވާހަކަދައްކަމުން ހަވާޓްޒް ބުނީ އާސެނަލްގެ ފުޓުބޯޅަ މުޅިން ތަފާތު ކަމަށާއި އެ ކްލަބުން ކުޅޭ ފުޓުބޯޅައަކީ އޭނާގެ ސްޓައިލާ ވެސް ގުޅޭ ފުޓުބޯޅައެއް ކަމަށެވެ.
"ޗެލްސީގައި ކުޅެނީ މުޅިން ތަފާތު ފުޓުބޯޅައެއް. އަހަރެން ދެކެނީ އާސެނަލުގެ ފުޓުބޯޅަ ކަމަށް އަހަރެންނާ ގުޅެނީ. ނަމަވެސް ފުރިހަމައަށް ޓީމަށް ހޭނުމަށް ވަގުތު ނަގާނެ. އަހަރެންގެ އެންމެ ރަނގަޅު ކުޅުން ދެއްކުމަށް މަސައްކަތްކުރާނަން،" 'އީއެސްޕީއެން' އަށް ދިން އިންޓަވިއުއެއްގައި އުމުރުން 24 އަހަރުގެ ހަވާޓްޒް ބުންޏެވެ.
ހަވާޓްޒް ބުނީ އޭނާ ބޮޑަށް ބޭނުންވަނީ ޕްލޭމޭކަރެއްގެ ގޮތުގައި ގިނަ ވަގުތު ބޯޅަ ލިބޭ ކުޅުންތެރިއެއްގެ މަގާމަށް ކުޅެން ކަމަށާއި ގޯލު ޖެހުމަށް އެސިސްޓްކޮށްދޭ ކުޅުންތެރިޔަކަށް ވާން ބޭނުންވާ ކަމަށެވެ. އަދި އެ މަގާމަށް ކުޅުމުގެ ފުރުސަތު އާސެނަލުން ލިބޭ ކަމަށް އޭނާ ބުންޏެވެ.
ޗެލްސީއާއެކު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ހަވާޓްޒް، އާސެނަލާއެކު ދެން ނުކުންނަން ޖެހޭނީ އެމިރޭޓްސް ކަޕްގައި މޮނާކޯއާ ދެކޮޅަށެވެ. އަންނަ ބުދަ ދުވަހު ކުޅޭ އެ މެޗަށްފަހު، އަންނަ މަހުގެ ހަވަނަ ދުވަހު އާސެނަލުން ކޮމިއުނިޓީ ޝީލްޑް މެޗުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނާނެއެވެ.