05 May 2012, 17:39
ޒުވާނުންތަކެއް އިސްނަގައިގެން މޫސުމަށް އަންނަ ބަދަލުތަކަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން އާޓިފިޝަލް ބީޗްގައި މިއަދު ހަވީރެއް ބާވައިފި އެވެ.
ހަވީރު އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްވެވި އޮފިޝަލު މިއަދު ވިދާޅުވީ މި ހަވީރަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ އެކިއެކި ކަންތައްތަކަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން ބޭއްވި ހަވީރެއްކަމަ ށެވެ.
"މިހަވީރުގައި އަޅުގަނޑުމެން އިޝޫއަކަށް ނަގާފައިމިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކަށް" އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިކަމަކީ ދިވެހިން ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާކަމެއް ކަމަށާއި ސަބަބަކީ އިންޕޯޓް މުދަލަށް ބަރޯސާވެފައިވުން ކަމަށެވެ.
މިއަދު ބޭއްވި ހަވީރުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ދައްކުވައިދޭ ޕޯސްޓަރުތަކެއް ދައްކާލުމުގެ އިތުރުން މައުލޫމާތު ލިބޭ ފަދަ ކަރުދާސްތަކެއް ހިއްޕި އެވެ.
މިއަދަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ފާހަގަ ކުރުމުގެ ދުވަހެވެ.