28 Jul 2023, 19:49
ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީގައި ވޯޓުލީ މީހުންގެ 94 އިންސައްތަ މީހުންގެ ވޯޓާ އެކު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް, އެ ޕާޓީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރައްވައިފިއެވެ.
ޑިމޮކްރެޓްސްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ކުރިއަށް ގެންގޮސްފައިވާ އިރު، ޕްރައިމަރީގައި ވޯޓު ލާފައިވަނީ ޖުމްލަ 3،203 މީހުންނެވެ. ޕާޓީގެ އަސާސީ ގަވާއިދުގައި ވާ ގޮތުން ޕްރައިމަރީއަށް އެންމެ ކެންޑިޑޭޓަކު ކުރިމަތި ލައިފިނަމަ ކާމިޔާބު ކުރުމަށް ޕާޓީގެ 10 އިންސައްތަ މީހުންގެ ތާއީދު ބޭނުންވާނެއެވެ.
މިއަދުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ ތެރެއިން 3،041 މީހުން ވޯޓުލާފައި ވަނީ ޑިމޮކްރެޓްސްގެ ޓިކެޓުގައި އިލްޔާސް ވާދ ކުރައްވަން ފެންނަ ކަމަށެވެ. އެއީ، ވޯޓުލީ މީހުންގެ 94 އިންސައްތައެވެ.
ނުފެންނަ ކަމަށް ވޯޓު ލާފައި ވަނީ 153 މީހުންނެވެ. ބާތިލް ވޯޓުގެ ގޮތުގައި ހިމެނެނީ ނުވަ ވޯޓެވެ.
ދަ ޑިމޮކްރެޓްސް އަކީ މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާ ވާދަކުރައްވައި، ނާކާމިޔާބު ވެވަޑައިގެންނެވުމަށް ފަހު އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންތަކެއް އެ ޕާޓީން ވަކިވެ އުފެއްދި ޕާޓީއެކެވެ.
އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވުމަށް ފަހު އެ ޕާޓީން ވަކިވެ، ނަޝީދު މިހާރު ވަނީ ޑިމޮކްރެޓްސްއަށް ސޮއި ކުރައްވާފައެވެ.
މި މަހުގެ ދެވަނަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޑިމޮކްރެޓްސް ރަޖިސްޓްރީ ކޮށްދީފައިވާއިރު، އެޕާޓގައި މި ވަގުތު 4،100 މެންބަރުން އެބަ ތިއްބެވެ.