އެމްޑީޕީގެ ފަރާތުން ބައިވެރިވި ބޭފުޅުންގެ ގާނޫނީ ހައިސިއްޔަތާއި މެދު ސުވާލުއުފެދިގެން ސިޔާސީ ޕާޓީތަކުގެ މެދުގައި ކުރިއަށް ގެންދާ ސުލްހައިގެ ވާހަކަތަކުގެ މިއަދުގެ ބައްދަލުވުން ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.

އެ ބައްދަލުވުން ބާއްވަން ޝެޑިއުލްކޮށްފައި އޮތީ މިއަދު މެންދުރު 2:00 ން އިރުއޮއްސި 6:00 ޖަހާއިރަށްށެވެ.

މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވި އޮފިޝަލަކު މިއަދު ވިދާޅުވީ ބައްދަލުވުން ފެށިތާ މާގިނަ އިރުތަކެއް ނުވަނީސް ހުއްޓާލަން ޖެހުނީ އެމްޑީޕީގެ ފަރާތުން މަޝްވަރާތަކަށް ވަޑައިގެންނެވި ހާމިދު އަބްދުލްޣަފޫރާއި އަދި ކުރީގެ ޓޫރިޒަަމް މިނިސްޓާ މަރިޔަމް ޒުލްފާގެ ގާނޫނީ ހައިސިއްޔަތާ މެދު މެންބަރުން ސުވާލުތައް ފެންމަތިކުރައްވަމުން ގެންދެވުމުން ކަމަށެވެ.

"އިދިކޮޅު މެންބަރުން ވިދާޅުވަމުން ގެންދެވީ އެމްޑީޕީގެ ރައީސްއެއް ނެތް އިރު، އެ ޕާޓީގެ ރައީސްގެ ފަރާތުން ނޭ މަންދޫބެއް ވަޑައިގަންނަވަން ޖެހޭނީ، އެގޮތައް ވަކާލާތު ކުރައްވަން ފެއްޓެވުމުން މަޝްވަރާ ހަމަ އެއްގޮތަކަށް ކުރިއަށް ގެންދެވޭ ގޮތް ނުވެގެން ހުއްޓާލި،" އޮފިޝަލް ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި މަޝްވަރާތަކުގައި ޕާޓީތަކުން ވަނީ މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ އައިޓަމްތަކަކަށް އެއްބަސްވެ މަޝްވަރާތައް ފަށަން އެއްބަސްވެފަ އެވެ. އެމްޑީޕީންވެސް މީގެ ކުރިން ބުނެފައިވަނީ މިއަދުގެ މަޝްވަރާތައް ކާމިޔާބުވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.