އެކުއެޑޯ މިޑްފީލްޑަރު މޮއިސެސް ކައިސޭޑޯއަށް ޗެލްސީން ހުށަހެޅި 80 މިލިއަން ޕައުންޑް (103 މިލިއަން ޑޮލަރު)ގެ ބިޑު، ބްރައިޓަނުން ގަބޫލުނުކޮށް ދޫކޮށްލައިފިއެވެ.

ޗެލްސީން ކައިސޭޑޯ ހޯދުމަށް ބްރައިޓަނަށް ހުށަހެޅި އެ ބިޑަކީ އެ ކްލަބުގެ ތިންވަނަ ބިޑެވެ. ޗެލްސީން ފުރަތަމަ 60 މިލިއަން ޕައުންޑް (77 މިލިއަން ޑޮލަރު)ގެ ބިޑެއް ކުރި އިރު، ދެވަނައަށް ހުށަހެޅީ 70 މިލިއަން ޕައުންޑް (90 މިލިއަން ޑޮލަރު)ގެ ބިޑެކެވެ. އެ ހުރިހާ ބިޑެއް ވެސް ބްރައިޓަނުން ވަނީ ގަބޫލުނުކޮށް ދޫކޮށްލައިފައެވެ.

އިތުބާރު ހުރި ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި ކައިސޭޑޯއަށް ޗެލްސީން ހުށަހެޅި 80 މިލިއަން ޕައުންޑުގެ ބިޑު ވެސް ގިނަ ވަގުތުތަކެއް ނުވެ، ބްރައިޓަނުން ވަނީ ގަބޫލުނުކޮށް ދޫކޮށްލައިފައެވެ. އަދި ދެ ކްލަބާ ދެމެދު އަދިވެސް އެއްބަސްވުމެއް ނެތް ކަމަށް އޭނާ ރިޕޯޓުކުރިއެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި ޗެލްސީން އެއަށްވުރެ ބޮޑު އަގެއް ހުށަހަޅައިފި ނަމަ، ބްރައިޓަނުން ކައިސޭޑޯ ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް އެކަމަށް ޗެލްސީން 100 މިލިއަން ޕައުންޑް (128 މިލިއަން ޑޮލަރު)ގެ ބިޑެއް ހުށަހަޅަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗެލްސީގެ ކޯޗުކަމާ މައުރީސިއޯ ޕޮޗެޓީނޯ ހަވާލުވުމަށްފަހު، މިހާތަނަށް 13 ކުޅުންތެރިޔަކު ވަނީ ދޫކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނަ ތަރިންތަކެއް ވެސް ހިމެނޭ އިރު، ޗެލްސީން އަންނަ ސީޒަނަށް މިހާތަނަށް ގެނެސްފައިވަނީ ކްރިސްޓޮފާ އެންކުންކޫ އާއި ނިކޮލަސް ޖެކްސަން އަދި އެންޖެލޯއެވެ.