ބޭރަށް ހިންގުމުންދޭ ބޭހާއި އޯއާރްއެސް ލޮނު ޕެކެޓު ފަދަ ތަކެތި ރާއްޖެއިން ހުސްނުވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން މިހެން ބުނެފައި ވަނީ، ބޭރަށް ހިންގުމުންދޭ ބޭހާއި އަދި އެފަދަ އެ ނޫން ވެސް ތަކެތި ރާއްޖެއިން ހުސްވެފައިވާ ކަމަށް އަޑު ފެތުރިފައިވުމާއި ގުޅިގެންނެވެ.

'ސަން' އާ ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ޝަތުފާ ޝަފީއު ވިދާޅުވީ ރާއްޖޭގެ އެއްވެސް ހިސާބަކުން އެއްވެސް ކަހަލަ ބޭހެއް ހުސްވެފައި ނުވާ ކަމަށެވެ. އަދި އޯއާރްއެސް ލޮނު ޕެކެޓު ވެސް ހުސްނުވެ އެބަހުރި ކަމަށް ޝަތުފާ ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި އެކި ފިހާރަތަކުންނާއި ފާމަސީތަކުން އޯއާރްއެސް ލޮނު ޕެކެޓު ހުސްވެދާނެ ކަމަށެވެ. އެހެންނަމަވެސް ސްޓޮކްގައި 10،000 ވުރެ ގިނައިން އެބަހުރި ކަމަށާއި ހުސްވެފައިވާ ފިހާރަތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮޑުލެވުމާއި ބޭރަށް ހިންގުންފަދަ ގިނަ އަލާމަތްތަކެއް ފެންނަ، ގިނަ އަދަދެެއްގެ ކުދިންނާއެކު މާލޭގެ ހޮސްޕިޓަލްތައް ވަނީ އެމަޖެންސީ ހާލަތަށް ގޮސްފައެވެ. އެގޮތުން މާލޭގެ ހޮސްޕިޓަލްތައްކަމަށްވާ އައިޖީއެމްއެޗާއި، އޭޑީކޭ އަދި ސެނަހިޔާގެ އެމަޖެންސީގައި ވެސް ގިނައީ މިފަދަ އަލާމާތްތައް ފެނިގެން އައިސް ތިބި ކުދިންނެވެ.

މި ދުވަސްވަރު ހަލުވި މިނުގައި ބޭރަށް ހިންގުމާއި ހޮޑުލެވުމުގެ ރޯގާ އަންނަނީ ފެތުރެމުންނެވެ.