07 Aug 2010, 10:03
15:00
މުސްތަގިއްލު މުއައްސަސާތަކުގެ ކޮމިޓީގައި، ފަނޑިޔާރުންގެ ގާނޫނާއި، އުއްތަމަ ފަނޑިޔާރު އައްޔަން ކުރުމާ މެދު ބޮޑު ދެ ޕާޓީގެ މެދުގައި ހިޔާލު ތަފާތުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހަތަރު ވަނަ ފަހަރަށް ފަސްކޮށް މިރޭ އަށެއްޖަހާއިރު ޖަލްސާ ބޭއްވުމަށް ހަމަޖައްސައިފި އެވެ.
މަޖިލިސް ހުއްޓުމަކަށް އައިސްފައި މި ވަނީ، މިރޭގެ 12:00 އަށް ހަމަވާ އިންތިގާލީ މަރުހަލާގައި މަޖިލީހުން ނިންމަން ޖެހޭ މުހިއްމު ގާނޫނުތަކެއް ނިންމުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ނުވައެއްޖަހާއިރު ބޭއްވުމަށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ނިންމަވާފައި ވަނިކޮށެވެ.
މިއަދު ހެނދުނު ނުވައެއްޖަހާއިރު ބާއްވަން އޮތް ޖަލްސާ، ދެ ޕާޓީގެ މެދުގައި ހިޔާލު ތަފާތުވެ އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން، ފުރަތަމަ ފަސްކުރީ 10:30 އެވެ. އަދި އެއަށް ފަހު އެގާރަގަޑިބައިގައި ޖަލްސާ ބޭއްވުމަށް ހަމަޖެއްސުމަށް ފަހު، ދެގަޑިބަޔަށް ފަސްކޮށް މިހާރު އެ ޖަލްސާ ވަނީ މިރޭ 8:00 އަށް ލަސްކޮށްފަ އެވެ.
ޑީއާރުޕީއަށް ނިސްބަތްވެވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވީ، އިންތިގާލީ މަރުހަލާގައި ނިންމަން ޖެހޭ ކަންތައްތަކުގެ ތެރެއިން، ސިވިލް ސާވިސް ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމުގެ މައްސަލައިގައި ކޮމިޓީއަށް ގޮތެއް ނިމި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންދާވެސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ސުޕުރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމާއި، ފަނޑިޔާރުންގެ ބިލުގެ މައްސަލައިގައި މެންބަރުންނަށް އެއްގަލަކަށް ނޭރިގެން ޖަލްސާ ފަސްކުރަން ޖެހެނީ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ބިލުތަކުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ. މި މައްސަލައާ ބެހޭ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާމަނިކު ވިދާޅުވީ، އެ މައްސަލައަށް ކޮމެންޓް ކުރައްވަން ބޭނުންފުޅުވަނީ ލައިވްކޮށް ކަމަށެވެ. އަދި ހަބަރުތެރެއިން ލައިވްކޮށް ގުޅުމަށް އެދިވަޑައިގެން ފޯނު ވަނީ ކަނޑުއްވާ ލައްވައިފަ އެވެ.