28 Jul 2023, 13:39
އާސެނަލް ފުރިހަމަކުރުން ދެން ބޭނުންވަނީ ބްރެޒިލް ތަރި ނޭމާ ކަމަށް އެ ކްލަބަށް ކުރިން ކުޅުނު ޖޫލިއޯ ބަޕްޓިސްޓާ ބުނެފިއެވެ.
ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގައި ނޭމާ ދަނީ އުނދަގޫ ދުވަސްތަކެއް ހޭދަކުރަމުންނެވެ. އެގޮތުން މިދިޔަ ސީޒަނުގައި ވެސް ނޭމާއަށް ވަނީ އެ ކްލަބުގެ ސަޕޯޓަރުންގެ ގިނަ ފާޑުކިޔުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މިދިޔަ ސީޒަނަށްފަހު އާޖެންޓީނާ ތަރި ލިއޮނެލް މެސީ، ޕީއެސްޖީ ދޫކޮށްލާފައިވާ އިރު، ފްރާންސް ތަރި ކިލިއަން އެމްބާޕޭ ވެސް ވަނީ ކްލަބާ މައްސަލަތަކެއް ޖެހިފައެވެ. އެމްބާޕޭ މަސައްކަތް ކުރަމުން ދަނީ އަންނަ ސީޒަން ނިމުމާއެކު ކޮންޓްރެކްޓް ހަމަވުމުން ރެއާލް މެޑްރިޑާ ގުޅުމަށެވެ. ހިލޭ ޓްރާންސްފާއެއްގެ ދަށުން އެމްބާޕޭ ދޫކޮށްލުމަށް ޕީއެސްޖީން ބޭނުންނުވި ނަމަވެސް، އޭނާ ވަނީ ކޮންޓްރެކްޓް އާކުރުމަށް ދެކޮޅު ހަދައިފައެވެ.
އެމްބާޕޭއާއެކު ނޭމާ ވެސް ޕީއެސްޖީ ދޫކޮށްލުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓުތައް ބުނަމުންދާ އިރު، ނޭމާއަކީ އާސެނަލަށް ވަރަށް ރަނގަޅު ޓްރާންސްފާއަކަށް ވެގެންދާނެ ކަމަށް ކުރިން އާސެނަލާއި ރެއާލް މެޑްރިޑް ފަދަ ކްލަބުތަކަށް ކުޅެފައިވާ ބްރެޒިލް ލެޖެންޑް ބަޕްޓިސްޓާ ގަބޫލުކުރެއެވެ.
"އަހަރެންނަށް ހީވަނީ މިހާރު ނޭމާ އާ ކްލަބެއް ހޯދަން ޖެހޭ ހެން. އޭނާއަށް ސަޕޯޓު ދޭނެ ކްލަބެއް އެބަ ބޭނުންވޭ. އެކަން އޭނާއަށް ޕީއެސްޖީން ނުލިބޭ. ސަޕޯޓަރުން ވެސް އޭނާ ބޭނުމެއް ނުވޭ. އާސެނަލަކީ އޭނާއަށް ރަނގަޅު ކްލަބަކަށް ވެގެންދާނެ. ނޭމާއާއެކު އާސެނަލް ފުރިހަމަވެގެންދާނެ،" އޭނާ ބުންޏެވެ.
ބަޕްޓިސްޓާ ބުނީ އާސެނަލަކީ ޔޫރަޕްގެ އެންމެ ވަރުގަދަ ކްލަބުތަކުގެ ތެރޭގައި ހިމެނޭ ކްލަބެއް ކަމަށާއި އާސެނަލަށް ނާކާމިޔާބީ އަހަރުތަކެއް އައި ނަމަވެސް، ކޯޗު މިކެލް އާޓެޓާއާއެކު މިހާރު އެ ކްލަބުން ތަފާތު ފެންނަމުންދާ ކަމަށެވެ.