28 Jul 2023, 10:26
ސޮނީ ޓެލެވިޒަންއިން ގެނެސްދެމުން އަންނަ ރިއަލިޓީ ޝޯވް "ސުޕަރ ޑާންސަރ"އަށް ގާނޫނީ މައްސަލަތަކެއް ކުރިމަތިވެއްޖެއެވެ.
އިންޑިއާގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ (ދަ ނެޝަނަލް ކޮމިޝަން ފޯ ޕްރޮޓެކްޝަން އޮފް ޗައިލްޑް ރައިޓްސް)އިން ވަނީ މި ޝޯވްގެ ތިން ވަނަ ޗެޕްޓާގެ އެޕިސޯޑެއް ބްރޯޑްކާސްޓު ނުކުރުމަށް އަމުރުކޮށްފައެވެ. ދުވަސްވީ ރިއަލިޓީ ޝޯވްއަށް ގާނޫނީ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިމިވަނީ ޗެޕްޓާ ތިނެއްގެ އެޕިސޯޑެއްގައި ކުޑަކުދިންގެ ޢުމުރާ ނުގުޅޭ ވާހަކަތަކެއް ބްރޯޑްކާސްޓުކުރުމާ ގުޅިގެންނެވެ.
މި ޝޯވްއަކީ ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރިޔަށްގެންދެވޭ ޝޯވްއެއްކަމުން އެންސީޕީސީއާރުއިން ފާހަގަކޮށްފައިވާ ޗެޕްޓަރު ތިން ވަނަ އެޕިސޯޑުގައި ކުޑަކުދިންގެ ޢުމުރާ ނުގުޅޭ ބޭ އަދަބީ ވާހަކަތަކެއް ޝޯވްގެ ތިން ފަނޑިޔާރުން ދައްކާފައިވާތީ ސޮނީ ޕިކްޗަރސްއާއި ދެކޮޅަށް މި އޮތޯރިޓީއިން ވަނީ ނޯޓިސްވެސް ނެރެފައެވެ.
މި ޝޯވްއަކީ 2016 ވަނަ އަހަރުން ފެށިގެން ކުޑަކުދިންގެ ނެށުމުގެ ހުނަރުތައް ކުރިއެރުވުމުގެ މަގުސަދުގައި އާއްމުންގެ ވޯޓާއެކު ކުރިޔަށްގެންދާ ޝޯވްއެކެވެ. މި ޝޯވްގެ ފަނޑިޔާރުންގެ ގޮތުގައި މިހާތަނަށް މަސައްކަތް ކޮށްފައި ވަނީ، ޑައިރެކްޓަރު އަނޫރާގު ބާސޫ، ބަތަލާ ޝިލްޕާ ޝެޓީ އަދި ކޮރިއަގްރާފަރު ގީތާ ކަޕޫރެވެ. މި ޝޯވްގެ އެ ޕިސޯޑެއްގައި ޝޯވްގެ ބައިވެރިޔަކާއެކު ފަނޑިޔާރުން ކޮށްފައިވާ ބޭ އަދަބީ މުޢާމަލާތާ ގުޅޭ ވީޑިއޯތައްވެސް މިހާރުވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. މިއާއެކު ބެލުންތެރިންގެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ޝޯވްގެ ތިން ފަނޑިޔާރުންނަށް ވަނީ އަމާޒުވެފައެވެ.
މިއީ ޝޯވްގައި ބައިވެރިވާ ކުދިންގެ ބެލެނިވެރިންނާއެކު ކުރިޔަށްގެންދާ ޝޯވްއަކަށްވެފައި ކުދިންނާއެކު ކުރެވޭ މުއާމަލާތްތަކީ އެ ކުދިންގެ ޢުމުރާގުޅޭ މުއާމަލާތްތަކަކަށް ވާންޖެހޭކަމަށް އެ އޮތޯރިޓީންވަނީ ބުނެފައެވެ. ހާއްސަކޮށް މި ޝޯވްގެ ފަނޑިޔާރު ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާގެ މައްޗަށް ބޭ އަދަބީ ފިލްމުތަކެއް އުފެއްދިކަމުގެ ތުހުމަތުތަކެއް ކުރެވިފައިވާތީ އެންމެ ބޮޑު ފާޑުކިޔުންތައް އަމާޒުވެފައިވަނީ ވެސް ޝިލްޕާ ޝެޓީއަށެވެ. މި މައްސަލައާ ގުޅިގެން ސޮނީ ޓީވީއިން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.