28 Jul 2023, 10:17
ފިލްމު "އުރީ ދަ ސާޖިކަލް ސްޓްރައިކް"ގެ ޑައިރެކްޓަރު އަދިތުޔަ ދާރު, އަންހެނުން ޔާމީ ގޯތަމް ހިމަނައިގެން އިތުރު ފިލްމެއް އުފައްދަން ނިންމައިފިއެވެ.
ޑައިރެކްޓަރު އަދިތުޔަ މިހާރުވެސް އަންނަނީ ބަތަލާ ޔާމީ ގޯތަމް މުހިއްމު ރޯލް ކުޅޭ ފިލްމު "ދޫމް ދާމް"ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމުގެ މަސައްކަތް ވަނީ ޕޯސްޓު ޕްރޮޑަކްޝަން މަރުޙަލާގައެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޔާމީއާއި އަދިތުޔަ މަސައްކަތް ފަށަން ނިންމާފައިވަނީ ޕޮލިޓިކަލް ތްރިލާއެއްގެ މަސައްކަތެވެ. މި ފިލްމު ވެގެންދާނީ ޔާމީއާއި އަދިތުޔަ އެކީގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމަށެވެ. މި ފިލްމުގައި ގެނެސްދޭނީ އަދިތުޔަގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ބީ62 ސްޓޫޑިއޯ ބެނާގެ ދަށުންނެވެ. އަދި ފިލްމު ޑައިރެކްޓްކުރާނީ އަދިތުޔަ ސުހާސް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
އަދިތުޔަ ސުހާސްއަކީ ދެ ފަހަރުމަތިން ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ފަރާތެކެވެ. ހަޤީޤީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ޕޮލިޓިކަލް ތްރިލާގެ މަސައްކަތް ފެށުމަށް ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުތެރޭއެވެ. ވަކި ނަމެއް އަދި ހަމަޖެހިފައިނުވާ މި ފިލްމުގެ ބޮޑު ބައެއް ޝޫޓުކުރުމަށް ނިންމާފައިވަނީ އިންޑިއާގެ ވެރި ރަށް ނިއު ދިއްލީއާއި ކަޝްމީރުގައެވެ.
ބަތަލާ ޔާމީ ގޯތަމްގެ ދެ ފިލްމެއް މި އަހަރު ވަނީ ރިލީޒްވެފައެވެ. އެއީ ފިލްމު "ލޮސްޓު" އަދި ސަނީ ކޯޝަލްއާއެކު ކުޅުނު ފިލްމު "ޗޯރު ނިކަލް ކޭ ބާގާ"އެވެ. މި ދެ ފިލްމަކީ ވެސް ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ޕްރިމިއާކުރެވުނު ދެ ފިލްމެވެ. ފިލްމު "ޗޯރު ނިކަލް ކޭ ބާގާ"އަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާއިރު ޔާމީ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ކުރިޔަށްއޮތް އޮގަސްޓް މަހުގެ 11ގައި ރިލީޒްކުރާ ފިލްމު "އޯމައި ގޯޑް2"އިންނެވެ. މި ފިލްމުގައި ޔާމީއާއެކު ލީޑް ރޯލްއިން ފެންނާނީ އެކްޓަރު އަކްޝޭ ކުމާރެވެ.