31 Jul 2023, 10:23
ކެޓްރީނާ ކައިފް އާއި ސައުތު އެކްޓަރު ވިޖޭ ސެތުޕަތީ މުހިއްމު ރޯލް ކުޅޭ ފިލްމު "މެރީ ކްރިސްމަސް" ބޮޑު އަގުގައި ނެޓްފްލިކްސްއަށް ވިއްކާލައިފިއެވެ.
ނެޓްފްލިކްސްއިން މިފިލްމުގެ ކޮޕީ ރައިޓްސް ގަނެފައިވަނީ ފިލްމު ސިނަމާތަކަށް އަންނަން ފަސް މަސް ބާކީ އޮއްވައެވެ. ފިލްމު "މެރީ ކްރިސްމަސް" ނެޓްފިލްކްސްއަށް ވިއްކާލާފައިވަނީ 60 ކްރޯޑު ރުޕީސްއަށެވެ.
ނެޝަނަލް އެވޯޑްވެސް ހާސިލުކޮށްފައިވާ ޑައިރެކްޓަރު ސްރީރާމް ރާގަވަންގެ ފިލްމު "މެރީ ކްރިސްމަސް"އަކީ 50-60 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފައްދާ ފިލްމެއްކަމަށް މީޑިއާ ރިޕޯޓުތަކުންވަނީ ބުނެފައެވެ. އެހެންކަމުން ހަމައެކަނި ޑިޖިޓަލް ޕްލެޓްފޯމްއަށް ފިލްމު ވިއްކައިގެންވެސް ވަރަށް ބޮޑު ޚަރަދެއް މިވަނީ ފޫބެއްދިފައެވެ. ކުރިން މިފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުކަމަށްވިޔަސް ފަހުން އިއުލާނުކޮށްފައިވަނީ މިއަހަރުގެ ޑިސެމްބަރު 15ގައި ފިލްމު ރިލީޒްކުރުމަށް ނިންމާފައިވާކަމަށެވެ.
މިފިލްމު ނެޓްފްލިކްސްއިން ޕްރިމިއަކުރާނީ ރިލީޒްކުރާތާ އަށް ހަފްތާ ފަހުންނެވެ. ބަތަލާ ކެޓްރީނާ ކައިފްއާއި ވިޖޭގެ އިތުރުން ހުނަރުވެރި ބަތަލާ ރާދިކާ އަޕްތޭވެސް މިފިލްމުގެ މުހިއްމު ރޯލްއިން ފެންނާނެއެވެ. ރާދިކާ މީގެކުރިންވަނީ ޑައިރެކްޓަރު ސްރީރާމްއަށް ނެޝަނަލް އެވޯޑް ލިބުނު "އަންދާދުން"ގައިވެސް މަސައްކަތްކޮށްފައެވެ.
ރީތި ލޯބީގެ ވާހަކައެއް ކިޔައިދޭ މިފިލްމުގައި ސައުތު ސިނަމާގެ މަގުބޫލު އެކްޓަރު ވިޖޭ ހިމެނޭތީ ސްރީރާމް ނިންމާފައިވަނީ މިފިލްމު ހިންދީ ބަހުންނާއި ތަމަޅަ ބަހުން ރިލީޒްކުރުމަށެވެ. ހިންދީ ބަހުން ގެންނަ ފިލްމުގައި ސަންޖޭ ކަޕޫރު، ވިނޭ ޕަތަކް، ޕްރަތިމާ ކަންނާ އަދި ޓިންނޫ އާނަންދު ފެންނާނެއިރު ތަމަޅަ ފިލްމުގައި މި ތަރިންގެ ރޯލްތަކުން ފެންނާނީ ތަމަޅަ އެކްޓަރުންނެވެ.
ސްރީރާމް ބުނެފައިވަނީ ތަމަޅަ ފިލްމުގެ ސްޓޯރީ ލައިންވެސް ކޮންމެވެސް ވަރަކަށް ހިންދީ ފިލްމާ ތަފާތުވާނެކަމަށެވެ. މިފިލްމު ރިލީޒްކުރާ ތާރީޚު ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމު "ޔޯދާ"އާ ފުށު އަރާތީ ކަރަންގެ ފާޑުކިޔުންތައްވަނީ ޕްރޮޑިއުސަރުންނަށް އަމާޒުވެފައެވެ.