މިހާތަނަށް ނެރުނު އެންމެ ބޮޑު ޓީވީ ޝޯ ކަމަށްވާ "ދަ ގޭމް އޮފް ތުރޯންސް" ބިނާ ކޮށްފައިވާ ވާހަކަ ސީރީޒް "އަ ސޯންގް އޮފް އައިސް އެންޑް ފަޔާ" ސީރީޒްގެ ކުރިއަށް އޮތް ފޮތުގެ މަސައްކަތް އަދިވެސް ކުރެވެމުން ދާ ކަމަށް ފޮތުގެ ލިޔުންތެރިޔާ ޖޯޖު އާރުއާރު މާޓިން ބުނެފިއެވެ.

ގޭމް އޮފް ތުރޯންސް އަކީ މިހާތަނަށް ނެރުނު އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނޭ ޝޯތަކެވެ. ނަމަވެސް ފަހު ތިން ސީޒަނަކީ އެންމެ ގިނަ ބަޔަކު ވެސް ފޫހިވާ ތިން ސީޒަނެވެ. މީގެ ބޮޑު ސަބަބަކަށް ވެގެން ދިޔައީ ޝޯ ބިނާވެފައިވާ ފޮތް ސީރީޒް ލިޔެވިފައި އޮތް ހިސާބަށް ނިމުމެވެ. އެއަށްފަހު ޝޯ ތައްޔާރު ކުރީ އަމިއްލަ ޕްލޮޓަށެވެ.

ނަމަވެސް މާޓިން ބުނަނީ ފޮތުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސީރީޒްގެ ކުރިއަށް އޮތީ ހަ ވަނަ ފޮތް "ވިންޑްސް އޮފް ވިންޓާ" އެވެ. މާޓިން މި ފޮތުގެ މަސައްކަތް ކުރަމުން އަންނަ ތާ މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. އޭނާ ބުނާގޮތުގައި 2011 ވަނަ އަހަރުން ފެށިގެން ހަވަނަ ފޮތުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ދާދިފަހުން ދިން އިންޓަވިއުއެއްގައި މާޓިން ބުނީ އަދިވެސް ފޮތުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އަވަހަށް ނިމެނޭ ކަމުގެ ޔަގީންކަން އޭނާ މިފަހަރު ދެއެވެ.

މި ފޮތަކީ 2،000 ސަފުހާ އަށް ވުރެ ދިގު ފޮތެކެވެ. މިހާރު ފޮތުގައި ނުނިމި އޮތީ ގާތްގަނޑަކަށް 500 ވަރަކަށް ސަފުހާ ކަމަށް އޭނާ ފާހަގަކުރެއެވެ.

އެތައް އަހަރެއް ވީ އިރުވެސް މާޓިން އެ ފޮތް ނެރޭނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ. މި ފޮތުގެ މަސައްކަތް ކުރަމުން އަންނަ އިރު އިތުރު ފޮތްތަކާއި ޓީވީ ޝޯތަކުގެ މަސައްކަތް ވެސް އޭނާ އަންނަނީ ކުރަމުންނެވެ. ނަމަވެސް ފޭނުން ބޭނުން ވަނީ އޮރިޖިނަލް ވާހަކަ ސީރީޒްއަށް ނިމުމެއް ގެންނާށެވެ. ސޯންގް އޮފް އައިސް އެންޑް ފަޔާ ސީރީޒްގައި ޖުމްލަ ހަތް ފޮތް ހިމެނޭނެއެވެ. މިހާރު އެއްގޮތަކަށް ވެސް ނުލިޔެވި އޮތީ އެންމެ ފޮތެކެވެ.