ރެޕް މިއުޒިކްގެ ތާރީހުގައި ވެސް އެންމެ ފާހަގަކޮށްލެވޭ ތަރިންގެ ތެރޭގައި ހިމެނޭ އެކަކު ކަމަށްވާ ޓޫޕާކް ޝަކޫރު އަމިއްލަ އަށް ޑިޒައިން ކުރި އަނގޮޓިއެއް އެއް މިލިއަން ޑޮލަރަށް ވިކިއްޖެއެވެ.

ޓޫޕާކް އަމިއްލައަށް ޑިޒައިން ކޮށްފައިވާ އަނގޮޓިއަކީ އޭނާ މަރުވުމުގެ ކުރީން 1996 ގައި އެންމެ ފަހުން އޭނާ ފެނުނު އިރު އަޅައިގެން ހުރި އަނގޮޓިއެކެވެ.

ރަނުންނާއި ޖަވާހިރުން ޖަރީކޮށްފައިވާ މި އަނގޮޓި އަކީ ޓޫޕާކް އަމިއްލަ ޑިޒައިނަކަށް ހަދާފައިވާ އަނގުބޮޑު އަނގޮޓިއެކެވެ. އޭނާ އެންމެ ފަހުން މި އަނގޮޓި އަޅާފައިވަނީ އެންމެ ފަހުން އޭނާ ޕަބްލިކުން ފެނުނު އިރު އެވެ. އެއީ 1996 ވަނަ އަހަރުގައި ބޭއްވި އެމްޓީވީގެ ވީޑިއޯ މިއުޒިކް އެވޯޑްސް (ވީއެމްސްއޭސް) އިންނެވެ.

ނީލަމަށް ލައިގެން އަނގޮޓި ވިކިފައިވަނީ ލަފާކޮށްފައިވާ މިންވަރަށްވުރެ ތިން ގުނަ އިތުރު އަދަދަކަށެވެ.

ނިއު ޔޯކްގައި ކުރިއަށް ގެންދިޔަ ނީލަމަކީ ހިޕް ހޮޕްގެ ތާރީހުގައި ހިމެނޭ އަގުބޮޑު ތަކެތި ދައްކާލި އިވެންޓެކެވެ. އޭގެ ތެރެއިންވެސް އެންމެ އަގުބޮޑުކޮށް މި ވިކުނީ ޓޫޕާކްގެ އަނގޮޓިއެވެ.

ޓޫޕާކް މި އަނގޮޓި ޑިޒައިން ކޮށްފައިވަނީ އޭނާ ޖަލުގައި ހޭދަ ކުރި އަށް މަހުގެ ތެރޭގައެވެ. މި މުއްދަތުގައި އަނގޮޓި ޑިޒައިން ކުރަން އުޅުނު އިރު އޭނާގެ މާމަގެ އަނގޮޓިއެއް ހިޔާލަށް ގެނެސްގެން އަނގޮޓި ޑިޒައިން ކުރިއެވެ.

ޓޫޕާކް މަރުވެފައިވަނީ ހަތެއް ސެޕްޓެމްބަރު 1996 ވަނަ އަހަރުގައި އޭނާ ގަޔަށް މީހަކު ބަޑި ޖެހުމުންނެވެ. އެއަށްފަހު ވެސް އެތައް އަހަރެއް ވަންދެއް ޓޫޕާކްގެ މިއުޒިކުގެ ނުފޫޒް ހިޕްހޮޕްގައި އޮވެއެވެ.