ކުރެއްދޫ އައިލެންޑް ރިސޯޓުގައި މިއަހަރުގެ މިނިވަން ދުވަސް ކުލަގަދަ ހަރަކާތްތަކަކާއެކު ފާހަގަކޮށްފިއެވެ.

ކުރެއްދޫ ރިސޯޓުގައި ރާއްޖޭގެ 59 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި، ރިސޯޓުގެ ވެރިންގެ ފަރާތުން މުޙައްމަދު މޫސާ ބައިވެރިވެވަޑައިގެން، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވިއެވެ.

މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން އިއްޔެ ހެނދުނު އެ ރިސޯޓުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ދިދަ ނަންގަވައިދެއްވީ، ކްރައުން އެންޑް ޗަމްޕާ ރިސޯޓުގެ ސީއޯއޯ މުޙައްމަދު ސަލާހުއެވެ. އަދި އެ ރިސޯޓުގެ ދިދަ ނަންގަވައިދެއްވީ ރިސޯޓްގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޢަބްދުﷲއެވެ.

ކުރެއްދޫ ރިސޯޓުގައި ރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ތެރެއިން-- ފޮޓޯ/ ކުރެއްދޫ އައިލެންޑް ރިސޯޓު

އެ ހަރަކާތްތަކާ ބެހޭ ގޮތުން 'ސަން'އަށް މައުލޫމާތު ދެއްވަމުން އިސްމާއިލް ޢަބްދުﷲ ވިދާޅުވީ ކޮންމެ އަހަރެއްގެ މިނިވަން ދުވަސް ވެސް އެ ރިސޯޓުގައި ކުލަގަދަ ހަރަކާތްތަކާއެކު ފާހަގަކުރާ ކަމަށެވެ. އެގޮތުން މިއަހަރު ވެސް މިނިވަން ދުވަހާ ގުޅުވައި އެކި ކުޅިވަރުތަކާއި ސަގާފީ ހަރަކާތްތައް ބޭއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިނިވަން ދުވަހުގެ އުފަލުގައި ކޭކު ފެޅުން ވެސް ކުރިއަށްގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ، މިނިވަން ދުވަހު ދިދަ ނެގުމުގެ ރަސްމިއްޔާތު ފަށާފައި ވަނީ ބޮޑުބެރުގެ ހަރަކާތްތަކާއެކު ކަމަށެވެ. އަދި ރިސޯޓް ސްޓާފުންގެ ސަގާފީ ނެށުންތައް ވެސް ހުށައެޅި ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރެއްދޫ ރިސޯޓުގައި ރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ތެރެއިން-- ފޮޓޯ/ ކުރެއްދޫ އައިލެންޑް ރިސޯޓު

އެ ހަރަކާތްތަކުގެ އިތުރުން މިނިވަން ދުވަހާ ގުޅުވައިގެން ކުރެއްދޫގައި ވަނީ ވޮލީ މުބާރާތަކާއި ފެތުމުގެ މުބާރާތެއް ބާއްވައިފައެވެ.

އިސްމާއިލް ވިދާޅުވީ މިނިވަން ދުވަސް ފާހަގަކުރުމުގައި 720އަށް ވުރެ ގިނަ ރިސޯޓް މުވައްޒަފުން ބައިވެރިވި ކަމަށެވެ. އޭގެ ތެރޭގައި ރިސޯޓުގެ މެނޭޖްމަންޓުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.