05 May 2012, 13:56
އައިޖީއެމްއެޗްގެ ފާހާނާއަކަން ވަން ކުޑަ އަންހެން ކުއްޖެއްގެ ބަރަހަނާ މަންޒަރު ވީޑިއޯކުރި ކަމަށް ތުހުމަތު ކުރެވޭ ހޮސްޕިޓަލުގެ ސެކިއުރިޓީ ގާޑެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ރޭ އައިޖީއެމްއެޗްގެ އިމަޖެންސީ ވޯޑް ކައިރީގައި ހުންނަ ފާހާނާއަކަށް ވަން އަންހެން ކުއްޖާގެ ބަރަހާނާ މަންޒަރުތައް އެތާންގެ ސެކިއުރިޓީ ގާޑަކު ވީޑިއޯ ކުރަމުން ދިޔަ ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލައިގައި އަދި މީހަކު ހައްޔަރުކުރި ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
އުމުރުން 16 އަހަރުގެ އަންހެން ކުއްޖާގެ އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ އެ ހާދިސާ ހިނގި އެރޭ ދަންވަރު 1:45 އެހާކަންހާއިރު އަންހެން ކުއްޖާގެ ބައްޕަ އިމަޖެންސީގައި ބާއްވައިގެން އުޅޭތީ އޭނާގެ މަންމަ ބައްޕަ ކައިރީގައި ބައިންދާފައި ފާހާނާއަށް ދިޔަ ވަގުތު ކަމަށެވެ.
އާއިލާގެ މެންބަރު ބުނިގޮތުގައި މީހަކު ފޯނުން ވީޑިއޯ ކުރިކަން އަންހެން ކުއްޖާއަށް އެނގުނީ ފާހާނާތައް ހުރި ތަނުގެ ތެރެއިން އަޑެއް އިވޭތީ ފާހާނާއިން ނުކުމެ މަޑުކޮށްލައިގެން ހުރެފައި، ފާހާނާގެ ދޮރާ ދިމާ މައްޗަށް ބަލާލި ވަގުތު ޖެހިގެން ހުރި ފާހާނާގެ ތެރެއިން ފޯނެއް ދިއްކޮށްފައިވާތަން ފެނުމުންނެވެ. އަދި އެވަގުތު ފާހާނާގެ ބިއްގަނޑުގައި ވަރަށް ބާރަށް އެއަންހެން ކުއްޖާ ޖެހުމާ އެކު އެމީހާ ދުވެފައި ނުކުމެގެން ދިޔަ އަޑުއިވުމުން، އަންހެން ކުއްޖާ ވެސް ފާހާނާއިން ނުކުމެގެން ދިއައީ އެވެ.
އޭނާ ބުނީ އަންހެން ކުއްޖާ ފާހާނާއިން ނިކުމެގެން ދަމުން ފާހާނާގެ ބޭރުގައި ހުރި ގާޑު މީހާ ކައިރީގައި ފާހާނާ ތެރެއަށް މީހަކު ވަދެގެން އުޅޭ ވާހަކަ ބުނުމުން، ފާހާނާ ތެރޭގައި އުޅޭ މީހަކު ނުކުންނާނެ ކަމަށް އެވަގުތު އެތަނުގައި ހުރި ގާޑަކު ބުނި ކަމަށެވެ.
ފާހާނާއިން ނުކުމެގެން ގޮސް، އެވާހަކަ އެއަންހެން ކުއްޖާ އޭނާގެ އާއިލާ މީހުންގެ ގާތުގައި ކިޔަދިނުމަށްފަހު ވަރަށް ބާރަށް ރޯން ފެށި ކަމަށައި އެހާހިސާބުން އާއިލާއިން އެމައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ކަމަށް ވެސް އޭނާ ބުންޏެވެ.
މި މައްސަލައިގައި އަންހެން ކުއްޖާގެ ބަޔާން ފުލުހުން ވަނީ ނަގާފަ އެވެ. އަދި ތުހުމަތު ކުރެވޭ ސެކިއިރިޓީ ގާޑުގެ ބަޔާން ނަގާއި އޭނާ ދޫކޮށްލާފައިވާ ކަމަށް ވެއެވެ.
" ފުލުހުން އައިޖީއެމްއެޗަށް ގޮސް ސީސީޓީވީ ކެމެރާ ވެސް ބެލި. ބުނި ވަރަށް ރީއްޗަށް ފާހާނާގެ ތެރެއަށް ވަންނަ ހުންނަ ދޮރު މަތި ފެންނަ ކަމަށް، ދެން އަންހެން ކުއްޖާ ބުނި ވައްތަރުގެ ފޯނެއް ހިފައިގެން ހުރި ގާޑު މީހަކު ފުލުހުންގެ އިދާރާއަށް ގެނައި، އޭރު އެ ފޯނު އޮތީ މެމޮރީ ކާޑު ނަގާފައި، އެވަގުތު އެމީހާ ބުނި ފޯނުގައި އަންހެނުންގެ ބަރަހާނާ ފޮޓޯ ވެސް ހުންނާނެއޭ، ނަމަވެސް ކޯޓު އަމުރެއް ނެތި ފޯން ނުބަލާނެ ކަމަށް ފުލުހުން ބުނީމަ އެމީހާ ފޯނު ދިނީ،" އެވަގުތު ކުޑައަންހެން ކުއްޖާއާ އެކު ފުލުހުންގެ އިދާރާގައި އިން އާއިލާގެ މީހާ ކިޔަދިނެވެ.
މި މައްސަލަ ހިނގައިގެން އުޅޭކަން އައިޖީއެމްއެޗުން ވެސް މިއަދު ވަނީ ކަށަވަރުކޮށްދީފަ އެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ގާޑު މީހާ އަދި ހުރީ ވަޒީފާގައި ކަމަށާއި އެމައްސަލަ އައިޖީއެމްއެޗުން ވެސް އިންޓާނަލް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.