ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް އެ ޕާޓީގެ ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫނު ކުރިމަތިލައިފިއެވެ.

އެމްއާރްއެމްގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހަވީރު ހަތަރަކަށް ހަމަވިއިރު، ފާރިސް ނޫން އެހެން ފަރާތެއް ކުރިމަތިލާފައެއް ނުވެއެވެ.

އެމްއާރުއެމްގެ ޕްރައިމަރީގައި ވާދަކުރައްވާން ފާރިސް ފޯމް ހުށަހެޅުއްވިކަން އެމްއާރުއެމްއިން އިއުލާންކުރީ އެ ޕާޓީން މިއަދު ކުރި ޓުވީޓެއްގައެވެ.

ޕްރައިމަރީގެ ވޯޓުލާން ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުގައެވެ. އެމްއާރްއެމުން މީގެ ކުރިން ބުނީ، ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ އޮންލައިންކޮށް ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީއާއެކު ކޯލިޝަން ހަދަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެމްއާރުއެމްއަށް ދައުވަތު ދެއްވި ނަމަވެސް، އެ ދައުވަތު ގަބޫލުނުކުރަން އެ ޕާޓީން ވަނީ ނިންމާފައެވެ. އަދި އެ ޕާޓީން އަންނަނީ ސަރުކާރާ ދެކޮޅު ޕާޓީތަކާ އެކު މަޝްވަރާތައް ކުރަމުންނެވެ.

އެމްއާރްއެމްއިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނައިރު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވުމުން އިލްކްޝަންސް ކޮމިޝަން (އީސީ)ން ވަނީ އެ ޕާޓީ އުވާލުމަށް މީގެ ކުރިން ނިންމައިފައެވެ.

އީސީގެ ނިންމުމަށް އަމަލުކުރުން ފަސް ކުރަން ސިވިލް ކޯޓުން މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު ވަނީ އަމުރެއް ނެރެފައެވެ.

ސިވިލް ކޯޓުގެ އަމުރު މުރާޖައާ ކޮށްދިނުމަށް އެ ކޮމިޝަންގެ ފަރާތުން ހުށަހެޅުމުން ޣައިރު ހާޒިރުގައި އަމުރު ނެރެދިނުމަށް ހުރަސްއެޅޭ ފަދަ ހަގީގަތެއް އެމްއާރުއެމްގެ ފަރާތުން ހާމަނުކޮށް އޮތްކަން އީސީއަށް ބަޔާންކޮށްދެވިފައި ނެތް ކަމަށް ކޯޓުން ވަނީ ބުނެފައެވެ. އެހެންކަމުން، ޝަރީއަތުން ވަކި ގޮތެއް އަންގަންދެން، އީސީން އެމްއާރުއެމް އުވާލަން ނިންމި ނިންމުމަށް އަމަލެއް ނުކުރެވޭނެއެވެ.