ނޯންޕެން (26 ޖުލައި 2023): ކެންބޯޑިއާގައި ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ ހުންސެން މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން އިއުލާނު ކުރައްވައިފިއެވެ.

ކެންބޯޑިއާގެ ގައުމީ ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ހުންސެން ވިދާޅުވީ ވަރަށް އަވަހަށް އޭނާ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވާނެކަމަަށާއި އެއަށްފަހު އޭނާގެ ދޮށީ ދަރިކަލުން ހުން މަނައެތާއާ ބޮޑުވަޒީރުކަމުގެ މަގާމު ހަވާލު ކުރައްވާގޮތަށް ނިންމަވާފައިވާ ކަމުގައެވެ.

ހުންސެން ކެމްބޯޑިޔާގެ ބޮޑުވަޒީރުކަމުގައި ހުންނަވާތާ 38 އަހަރުވަނީ ވެފައެވެ. މިއާއެކު އޭނާވަނީ ދުނިޔޭގައި އެންމެ ދިގުމުއްދަތަކަށް ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ ލިސްޓުގައި ހިމެނިފައެވެ.

މަގާމުން އިސްތިއުފާ ދެއްވާނެކަން ހުންސެން އިއުލާނު ކުރައްވާފައި މިވަނީ މި ހަފުތާ ކުރީކޮޅު ކެންބޯޑިއާގައި ބޭއްވި އާންމު އިންތިޚާބުގައި އޭނާގެ ޕާޓީ، ކެންބޯޑިއަން ޕީޕަލްސް ޕާޓީ އާދަޔާ ޚިލާފު ކާމިޔާބީއެއް ހޯދާފައިވާ ވަގުތެއްގައެވެ.

މި އިންތިޚާބުގައި ހުންސެންގެ ޕާޓީ ވަނީ ކެންބޯޑިއާގެ ޕާލަމެންޓްގެ 125 ގޮނޑީގެ ތެރެއިން 120 ގޮނޑި ކާމިޔާބުކޮށްފައެވެ. ހުންސެންގެ ޕާޓީ މިހާބޮޑު ކާމިޔާބީއެއް ހޯދީ އެޕާޓީއާ ވާދަކުރާނެ އިދިކޮޅު ޕާޓީއެއްނެތިއެވެ. އިންތިޚާބުގެ ކަންތައް ކުރިޔަށްދިޔައީވެސް ވާދަވެރި އެއްވެސް މާހައުލެއްނެތި ދައުލަތުގެ ހުރިހާ އާރަކާއި ބާރަކާއި ނުފޫޒެއް ހުންސެންގެ އަތްޕުޅުގައި ބާއްވައިގެން އެބާރުގެ ބޭނުން އިންތިހާއަށް ކުރައްވައިގެންނެވެ.

ހުންސެން ގެ ދަރިކަލުން ހުން މަނައެތާ އައު ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަނީ

ހުންސެން އޭނާގެ ދަރިކަލުން ހުން މަނައެތާ ވެރިކަމަށް ގެނައުމަށްޓަކައި އެކަމަށް އޭނާ ތައްޔާރުކޮށް ފައްކާ ކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާތާ އަހަރުތަކެއް ވެއްޖެއެވެ. ވެރިކަމާ ދުރަށް ޖެހިވަޑައިގަންނަވަން ގަސްދުކުރައްވާކަން ހުން ސެން އެންމެ ފުރަތަމަ އިއުލާނު ކުރައްވާފައިވަނީ 2021 ވަނަ އަހަރެވެ.

ނަމަވެސް ވެރިކަން ދޫކޮށްލައްވާނެ ތާރީޚެއް އަދި ވެރިކަން ހަވާލުކުރައްވާނެ ބޭފުޅެއް އެދުވަސްވަރު ހުންސެން އިއުލާނު ކުރައްވާފައެއް ނުވެއެވެ.

ހުން މަނައެތާ ބޮޑުވަޒީރުކަމަށް އިސްކުރިނަމަވެސް ހުންސެން ވިދާޅުވެފައިވާގޮތުން ވެރިކަންކުރާ ކެންބޯޑިއަން ޕީޕަލްސް ޕާޓީ ގެ ޒައާމަތުގައި އަދިވެސް ހުންނަވާނީ ޚުދު ހުންސެން އެވެ. އެހެންކަމުން ދަރިފުޅާ ވެރިކަން ހަވާލުކުރިނަމަވެސް ވެރިކަން ކުރާ ޕާޓީގެ ޒައީމުގެ ހައިސިއްޔަތުން ކެންބޯޑިއާގެ ވެރިކަމުގެ ހުރިހާ ބާރުތަކެއް ހަގީގަތުގައި ނުސީދާގޮތުން އޮންނާނީ ހުން ސެންގެ އަތްޕުޅުގައި ކަމަށްވަނީ ބެލެވިފައެވެ.