އެމްޑީޕީގެ ރައީސްކަމުން ވަކިކުރި ޑރ. އިބްރާހިމް ދީދީ (ޑީޑީ) އާއި ނައިބު ރައީސް ކަމުން ވަކިކުރި އަލްހާން ފަހުމީ އުޅުއްވަނީ އޮޅި ވަޑައިގެން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕް ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

ރޭ އެމްޑީޕީން އެމްއެމްއޭ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަމީރު ވިދާޅުވީ އަލްހާން މަސައްކަތް ކުރައްވާފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގަވާއިދާއި ހިލާފަށް ކަމަށާއި ވެރިކަން ބަދަލުވެފައިވާ ގޮތް ބެލުމަށް ކަމަށް ބުނެ އަލްހާން ހުށަހެޅި މައްސަލައަކީ އެގޮތަށް ހުށަހަޅުއްވާފައިވާ މައްސަލައެއް ކަމަށެވެ.

" އަޅުގަނޑު އަލްހާނެ ފަހުމީއަށް ބުނެލަން ބޭނުން އެބޭފުޅާ ނަގަން އަޅުގަނޑު މަސައްކަތް ކުރީމޭ. އަލްހާނަށް އެގެންޖެހޭނެ މިޕާޓީއަށް ވަޑައިގަތުމުން މިޕާޓީގެ އެންމެ އެތެރެ ދައްކާނެ ކަން އަދި ގޯސްހަދަން ފެށީމާއި އެކަހެރި ކުރާނެކަން ވެސް،" ސަމީރު ވިދާޅުވި އެވެ.

ގައުމީ މަޖިލީހުގެ ނިންމުން ދިފާއުކުރައްވާ ސަމީރު ވިދާޅުވީ ހަތެއް ފެބުރުއަރީގައި ވެރިކަން ވެއްޓުމާއެކު ގައުމީ މަޖިލީހުން މި ސަރުކާރު ގަބޫލު ނުކުރާނެ ކަމަށާއި ރައީސް ނަޝީދަކީ އިސް ލީޑަރު ކަމަށް ނިންމި ކަމަށެވެ. އަދި ޕާޓީގެ އެންމެ އިސްފަރާތްތަކުން ވެސް އެ ނިންމުންތައް ގަބޫލުކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީގެ ގަވައިދުގައި ބުނާ ގޮތުގެ މަތިން އެމްޑީޕީގެ ރައީސާއި ނައިބް ރައީސް އެމްޑީޕީގެ ގުނަވަންތަކުން ނިންމާ ނިންމުންތަކަށް ތަބާވާން ޖެހޭނެ" ސަމީރު ވިދާޅުވި އެވެ.

އަލްހާން އާއި ޑީޑީއަށް ޗެލެންޖް ކުރައްވާ ސަމީރު ވިދާޅުވީ ގައުމީ މަލީހުން ނިންމާނިނަމުންތައް ބާތިލް ނުކުރެވޭ ނަމަ ރައީސާއި ނައިބު ރައީސް ތިއްބަވަން ޖެހޭނީ "ސައިޒު"ގައި ކަމަށެވެ. އަދި ވިދާޅުވީ ހަށި ފޮޅާލާފައި އެމްޑީޕީން ނުކުތުމަކުން ވަކި ވާނެ މޮޅެއް ވެސް ނޯންނާނެ ކަމަށެވެ.