ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާ އެކު މަސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ދެއްވި ދައުވަތާ އެއްގޮތަށް މަސައްކަތް ކުރަން ނުފެންނަ ކަމަށް ބުނެ، އެމްޑީޕީއާއެކު މަސައްކަތް ނުކުރުމަށް އެމްއާރުއެމުން ނިންމައިފިއެވެ.

އެމްއާރުއެމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައީސް ދެއްވި ދައުވަތާ ގުޅިގެން އެމްއާރުއެމުގެ އިސްވެރިންނާއި އެމްޑީޕީގެ އިސްވެރިންނާ ދެމެދު މަޝްވަރާ ކުރެވުނު ކަމަށެވެ.

ނުރަސްމީކޮށް ލިޔެކިޔުމުގެ މެދުވެރިކޮށް ވެސް މަޝްވަރާކުރެވުނުއިރު އެމްއާރުއެމުން ތާއީދުކުރާ ސިޔާސަތުތައް އެ މަޝްވަރާތަކުގައި ހާމަކޮށްފައިވާނެ ކަމަށް އެމްއާރުއެމުން ބުންޏެވެ.

އެގޮތުން މޭ މަހުގެ އެއްވަނަ ދުވަހު އެމްޑީޕީއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހު އެމްޑީޕީގެ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމަށް އެމްއާރުއެމުގެ އެކްސްކޯއަށް ހުށަހެޅިކަމަށް ބުންޏެވެ.

ނަމަވެސް އެމްޑީޕީއިން ހުށަހެޅި ކަންކަމަށް އެއްބަސްނުވެވޭތީ އެ ޕާޓީގެ އެގްޒެކެޓިވް ކޮމިޓީން މި އަހަރު ބޭއްވި 10 ވަނަ ބައްދަލުވުމުގައި ނިންމީ ރައީސާ އެކު މަސައްކަތް ނުކުރުމަށް ކަމަށް އެމްއާރުއެމުން ބުންޏެވެ.

އެމްއާރުއެމުން އެންމެ ފުރަތަމަ ނިންމީ އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ރިޔާސީ ރޭހަށް ނެރުމަށެވެ. ނަމަވެސް އެ ނިންމުން މަޑުޖެހިފައި އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޮމަން ކެންޑިޑޭޓެއް ނެރުމާމެދު ޖުމްހޫރީ ޕާޓީއާ އެކު އެމްއާރުއެމުން ކުރަމުން އަންނަ މަޝްވަރާތަކާ ގުޅިގެންނެވެ.

އެ ޕާޓީން އަންނަނީ ސަރުކާރާ ދެކޮޅު ޕާޓީތަކާ އެކު މަޝްވަރާތައް ކުރަމުންނެވެ.