މީގެ ފަސް އަހަރުކުރިން ރިލީޒްވި ރެއާ ކަޕޫރުގެ ފިލްމު "ވީރޭ ދި ވެޑިންގް"ގެ ސީކުއަލްއެއް އުފައްދަން ނިންމައި ފިލްމުގެ މަސައްކަތް ކުރިޔަށްއޮތް އަހަރު ފަށަން ނިންމާފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ލީޑް ރޯލްއިން އެއްވެސް އެކްޓަރަކު ނުފެނި ހަމައެކަނި ބަތަލާއިންތަކެއް ލީޑްކުރި މިފިލްމުގެ ސީކުއަލްގެ ކޮންސެޕްޓްވެސް ނިމިފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އެއް އުމުރުފުރާއެއްގެ ރަޙްމަތްތެރިންގެ ގުޅުންތައް ދައްކުވައިދިން މިފިލްމަކީ ބެލުންތެރިން ހެއްވާލަދިން ކޮމެޑީ ފިލްމެއްވެސްމެއެވެ. ރެއާ ކަޕޫރު އަދި އެކްތާ ކަޕޫރު ޕްރޮޑިއުސްކުރި މިފިލްމު ގެނެސްދިނީ ބާލާޖީ މޯޝަން ޕިކްޗާސްއިންނެވެ.

އަނިލް ކަޕޫރުގެ ދަރިފުޅު ރެއާ ކަޕޫރުގެ ވަރަށް ބޮޑު ހިއްސާއެއްއޮތް މިފިލްމަކީ 2018ވަނަ އަހަރު ރިލީޒްވި ފިލްމުތަކުގެތެރެއިން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. އެގޮތުން ފިލްމަށް ލިބުނު އާމްދަނީގެ ޢަދަދު 130 ކްރޯޑު ރުޕީސްއަށް އަރައެވެ.

ފިލްމު "ވީރޭ ދި ވެޑިންގް"ގެ ސީކުއަލްގެ ކޮންސެޕްޓް ފައިނަލްކުރެވުނު ނަމަވެސް ފިލްމުގައި ފެންނާނެ ބަތަލާއިންގެ މައުލޫމާތު އަދި ހާމައެއް ނުކުރެއެވެ. ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު މިފިލްމުގެ ދެވަނަ ބައެއް އުފައްދަން ނިންމާފައިވީނަމަވެސް މިއީ ރެއާ ކަޕޫރަށް ވަރަށް ހާއްސަ ޕްރޮޖެކްޓެއްކަމުން ފިލްމާބެހޭ މަޢުލޫމާތު މީޑިއާތަކާ ހިއްސާކުރާނީ ފިލްމުގެ ހުރިހާ ނިންމުންތަކެއް ފައިނަލްވުމުންކަމަށް ރިޕޯޓުތަކުންވަނީ ބުނެފައެވެ.

މިފިލްމުގެ މައިގަނޑު ރޯލްތައް ކުޅުނު ބަތަލާއިންގެތެރޭގައި ކަރީނާ ކަޕޫރު، ސޯނަމް ކަޕޫރު، ސްވަރާ ބާސްކަރު އަދި ޝިކާ ތަލްސާނިއާ ހިމެނެއެވެ. މީގެތެރެއިން ބަތަލާ ސްވަރާ ބާސްކަރު މިހާރު އިނީ އަލަތު ދަރިފުޅަށް ބަލިވެއެވެ. ބެލެވޭގޮތުގައި މިސީކުއަލްގެ މަސައްކަތް ފަސްކުރެވިފައިމިވަނީވެސް ބަތަލާ ސްވަރަ ބާސްކަރު ހިމަނައިގެން ފިލްމު އުފައްދަން ޕްރޮޑިއުސަރުން ބޭނުންވާތީއެވެ.

ފިލްމު "ވީރޭ ދި ވެޑިންގް"އަށްފަހު އަންހެނުންނަށްވެސް ކާމިޔާބު މޮޅު ފިލްމުތަކެއް އުފެއްދިދާނެކަން ރެއާވަނީ ސާބިތުކޮށްދީފައިކަމަށް ގިނަބަޔަކުވަނީ ބުނެފައެވެ. ރެއާ ޕްރޮޑިއުސްކޮށްފައިވާ ފިލްމުތަކުގެތެރޭގައި "އައިޝާ" އަދި "ހޫބުސޫރަތު"ވެސް ހިމެނެއެވެ. މީގެއިތުރުން ރެއާ އަންނަނީ ބަތަލާ ކަރީނާ ކަޕޫރު، ތައްބޫ އަދި ކްރިތީ ސެނޮން ހިމަނައިގެން "ދަ ކްރޫ"ގެ ނަމުގައި ފިލްމެއް އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ.