27 Jul 2023, 08:48
ބަތަލާ ރަވީނާ ޓަންޑަންގެ ކުރިޔަށްއޮތް ފިލްމު "ވަން ފްރައިޑޭ ނައިޓް"ގެ ޓްރެއިލަރ ރިލީޒްކޮށް ފިލްމު ޖިއޯ ސިނަމާގައި ޕްރިމިއާކުރުމަށް ނިންމައިފިއެވެ. ބެލުންތެރިންނަށް މިފިލްމު ހިލޭ ޖިއޯ ސިނަމާ ޕްލެޓްފޯމް މެދުވެރިކޮށް ބަލާލެވޭނެކަމަށް ރިޕޯޓުތަކުންވަނީ ބުނެފައެވެ.
ރަވީނާ ޓަންޑަންގެ އިތުރުން ފިލްމީ ތަރި އަދި ކުރީގެ މަޝްހޫރު މޮޑެލް މިލިންދު ސޯނަމް މުހިއްމު ރޯލް ކުޅޭ މިފިލްމަކީ، ލޯބީގެ ތުރިލާ ފިލްމެކެވެ.
ސިއްރު ލޯބީގެ ގުޅުމެއްގެ ސަބަބުން ބައެއްގެ ދިރިއުޅުމަށް ކުރާ އަސަރު ފެންނަ މިފިލްމު ޖިއޯ ސިނަމާއަށް ގެންނަން ނިންމާފައިވަނީ މިމަހުގެ 28ވަނަ ދުވަހުއެވެ. މިއީ ޖިއޯ ސްޓޫޑިއޯސްއިން ޕްރެޒެންޓުކުރާ ފިލްމެކެވެ. ޖިޔޯތީ ދެޝްޕާންޑޭ ޕްރޮޑިއުސްކުރާ މިފިލްމުގެ ޑައިރެކްޓަރަކީ، މަނިޝް ގުޕްތާއެވެ.
މަނިޝް ގުޕްތާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެތެރޭގައި "ހޮސްޓެލް"، "ޑަރްނާ ޒަރޫރީހޭ" އަދި އަމީތާބް ބައްޗަން މުހިއްމު ރޯލް ކުޅުނު ފިލްމު "ސެކްޝަން 375" ހިމެނެއެވެ. މިފިލްމާބެހޭގޮތުން މިލިންދު ސޯނަމް ބުނީ "ވަން ފްރައިޑޭ ނައިޓް"އަކީ އެކްޓަރެއްގެ ހައިސިއްޔަތުން އޭނާގެ ކިބައިގައިހުރި ހުނަރު ވަރަށް ރަގަޅަށް ދައކުވައިދޭން މަސައްކަތްކުރަން ހިތްވަރު ލިބުނު ފިލްމެއްކަމަށެވެ.
މީގެކުރިން ފިލްމެއްގައި ކުޅެން ނުޖެހޭކަހަލަ ޖަޒުބާތީ ސީންތަކެއް މިފިލްމުގައި ހިމެނޭކަމަށް މިލިންދުވަނީ ބުނެފައެވެ. ރަވީނާފަދަ ތަޖުރިބާހުރި ބަތަލާއަކާއެކު މަސައްކަތްކޮށްލަން ލިބުނު ފުރުސަތަކީ ރަނުގެ ފުރުސަތެއްގެގޮތުގައި މިހާރު ފިޓްނަސްގެ ދާއިރާގައި މަޝްއޫލުވެފައިވާ އެކްޓަރުވަނީ ސިފަކޮށްފައެވެ.
ރަވީނާއާއި މިލިންދުގެ އިތުރުން ޓެލެވިޒަން ބަތަލާ ވިދީ ޗިތާލިއާވެސް މިފިލްމުގެ މުހިއްމު ރޯލްއަކުން ފެންނާނެއެވެ. ފިލްމީ ދާއިރާގެ އެންމެ ކާމިޔާބު ބަތަލާއިންގެތެރޭ ހިމެނޭ ރަވީނާ ޓަންޑަންއަކީ، އިންޑިއާގެ ނެޝަނަލް ފިލްމު އެވޯޑްގެ އިތުރުން އިންޑިއާއިން އަރުވާ އެންމެ ޝަރަފުވެރި މަޤާމު ޕަދުމާ ޝްރީ މިއަހަރު ލިބުނު ފިލްމީތަރިންގެތެރެއިން އެކަކެވެ.
ފިލްމު "ވަން ފްރައިޑޭ ނައިޓް"އަކީ މިދިޔަ އަހަރު ރަވީނާގެ ފެނިލުމެއް ހިމެނުނު ކާމިޔާބު ފިލްމު "ކޭއެފްޖީ:ޗެޕްޓަރ2"އަށް ފަހު ބެލުންތެރިންނަށް ބަތަލާ ފެންނާނެ ފުރަތަމަ ފިލްމެވެ.