ފްރާންސް ތަރި ކިލިއާން އެމްބާޕޭ ބޭނުންވެއްޖެ ނަމަ، އޭނާއަށް ކޮންޓްރެކްޓް ހަމަވާންދެން އެ ކްލަބުގައި މަޑުކުރެވޭނެ ކަމަށްބުނެ، ސަޕޯޓިން ޕްރޮފެޝަނަލް ފުޓްބޯލް ޕްލޭޔާސް ވޯލްޑްވައިޑް (ފިފްޕްރޯ) އިން އެމްބާޕޭގެ ދިފާއުގައި ނުކުމެއްޖެއެވެ.

ފިފްޕްރޯ އިން އެމްބާޕޭގެ ދިފާއުގައި ވާހަކަދައްކާފައި މިވަނީ، ކޮންޓްރެކްޓް އާކުރުމަށް ދެކޮޅު ހެދުމުން ޕްރީ ސީޒަން ތަމްރީނުތަކުން ޕީއެސްޖީން އޭނާ ބާކީކޮށްފައިވަނިކޮށެވެ. ކޮންޓްރެކްޓް އާ ނުކުރާ ކަމަށްވާ ނަމަ، އެމްބާޕޭ ވިއްކާލާނެ ކަމުގެ އިންޒާރު ވެސް ޕީއެސްޖީން ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

"އެމްބާޕޭއަށް ކޮންޓްރެކްޓް ނިމެންދެން މަޑުކުރުމުގެ ހުރިހާ ފުރުސަތެއް އޮންނާނެ. އެކަމަށް އިހުތިރާމު ކުރަން ޖެހޭނެ. ކޮންޓްރެކްޓް ހަމަވާން ކައިރިވުމުން ނުވަތަ އެހެން ކްލަބަކާ ގުޅެން މަސައްކަތްކުރުމުން ކުޅުންތެރިންނަށް ވަރަށް ގިނައިން ކްލަބުތަކުންނާއި ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވޭ. އެންމެ މަތީ ލެވެލްގައި ކުޅޭ ކުޅުންތެރިންނަށް ވެސް މިހާރު އެ ޕްރެޝަރު އެބަ އާދޭ،" 'ދަ ޓައިމްސް'އަށް ދިން އިންޓަވިއެއްގައި ފިފްޕްރޯގެ ޖެނެރަލް ސެކްރެޓަރީ ޖޮނަސް ބައޭރް ހޮފްމަން ވިދާޅުވިއެވެ.

ހޮފްމަން ވިދާޅުވީ މީގެ ކުރިން ޕީއެސްޖީ އާއި އެމްބާޕޭ ވަނީ ދެ އަހަރު ދުވަހަށް ކޮންޓްރެކްޓް އާކުރަން އެއްބަސްވެފައި ކަމަށާއި އޭރު ވެސް މި ހާލަތު އައިސްދާނެކަން އެމްބާޕޭ އަދި ޕީއެސްޖީއަށް ވެސް އެނގޭނެ ކަމަށެވެ. އަދި ކޮންޓްރެކްޓަށް އިހުތިރާމުކޮށް، އެ ކޮންޓްރެކްޓް ނިމުމަކަށް އަންނަންދެން މަޑުކުރާނެކަމުގެ ޔަގީންކަން މީގެ ކުރިން އެމްބާޕޭ ދީފައިވާކަން ވެސް ހޮފްމަން ފާހަގަކުރެއްވިއެވެ.

ކުރިއަށްއޮތް ސީޒަނަށްފަހު ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމާއެކު އެމްބާޕޭ ގުޅެން ބޭނުންވަނީ ރެއާލް މެޑްރިޑާއެވެ. ނަމަވެސް ހިލޭ ޓްރާންސްފާއެއްގެ ދަށުން ގުޅޭތީ، އެއްވެސް އަގެއް ނުލިބޭނެތީ ޕީއެސްޖީން އެގޮތް ބޭނުމެއް ނުވެއެވެ.

ޕީއެސްޖީން އެމްބާޕޭ ވިއްކާލަން ބޭނުންވެފައިވާ އިރު، ސައުދީ އަރަބިއާގެ އަލް ހިލާލުން ވަނީ އެމްބާޕޭ ހޯދުމަށް ދުނިޔޭގެ ރެކޯޑު އަގެއް ހުށަހަޅައިފައެވެ. އެމްބާޕޭ ހޯދުމަށް އަލް ހިލާލުން ވަނީ ޕީއެސްޖީއަށް 300 މިލިއަން ޔޫރޯގެ އަގެއް ހުށަހަޅައިފައެވެ. އެކަމަށް އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، އެމްބާޕޭ ވެގެންދާނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ.

އިތުބާރު ހުރި މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ހުށަހެޅުމަށް އެއްބަސްވެއްޖެ ނަމަ، އަލް ހިލާލުން އެމްބާޕޭއަށް މުސާރައިގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތަކަށް 700 މިލިއަން ޔޫރޯ ދޭނެއެވެ. އަދި އެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން، އެމްބާޕޭ ބޭނުންވާ ގޮތަށް 2024 ވަނަ އަހަރު ރެއާލް މެޑްރިޑާ ގުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އަލް ހިލާލްގެ ހުށަހެޅުން ޕީއެސްޖީން ގަބޫލުކޮށް، އެމްބާޕޭއާއެކު މަޝްވަރާތައް ކުރިއަށްގެންދިއުމުގެ ހުއްދަ މިހާރު ޕީއެސްޖީން ދީފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.