27 Jul 2023, 08:54
ސަނީ ޑިއޯލްއާއި އަމީޝާ ޕަޓޭލް މުހިއްމު ރޯލް ކުޅެފައިވާއި ފިލްމު "ގަދަރު2"ގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ. މިއީ 2001ވަނަ އަހަރު ރިލީޒްވި ފިލްމު "ގަދަރު"ގެ ސީކުއަލްއެކެވެ. އެންމެ 19 ކްރޯޑު ރުޕީސްއިން އޭރު އުފެއްދި މިފިލްމަށް ބޮކްސް އޮފީހުގައި 133 ކްރޯޑް ރުޕީސްގެ އާމްދަނީއެއްވަނީ ލިބިފައެވެ.
ފިލްމު "ގަދަރު2"އިން ސަނީ ޑިއޯލް ފެންނަނީ ވަރަށް ހިތްވަރުގަދަ އެހާމެ ވަރުގަދަ ބައްޕައެއްގެ ރޯލްއިންނެވެ. ސަނީކުޅޭ ރޯލް ތާރާ ސިންގްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ޕާކިސްތާނުގެ ސިފައިންގެ އަތްދަށަށް ގެންދިއުމުން އެމީހުންގެ ކިބައިން ދަރިފުޅާއި އާއިލާ ސަލާމަތްކުރުމަށް ކުރާ ވަރުގަދަ ހަނގުރާމައެއްގެ ސީންތަކެއް ފިލްމުގެ ޓްރެއިލާއިން ބެލުންތެރިންނަށް ދައްކުވައިދެއެވެ.
ލޯތްބަށްޓަކައި ވާ ގުރުބާނީތަކެއް ފިލްމުގެ ފުރަތަމަ ބައިގައި ދައްކުވައިދީފައިވާއިރު ސީކުއަލް "ގަދަރު2" ފެށެނީވެސް ކުރީގެ ފިލްމުގެ ރީކެޕްއަކުންނެވެ. މިފިލްމުގެ ޓްރެއިލަރ ބެލުމަށްފަހު ބެލުންތެރިން ސަނީގެ ތާރާ ސިންގް ރޯލް ސިފަކޮށްފައިވަނީ އިންޑިއާގެ ތޯރުގެ ގޮތުގައެވެ.
ކުރިޔަށްއޮތް އޮގަސްޓް މަހުގެ 11ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ މިފިލްމާއެކު ސަނީއާއި އަމީޝާގެ ފިލްމީ ކެރިއަރަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ބެލެވޭކަމުގައި ރިޕޯޓުތަކުންވަނީ ބުނެފައެވެ.
ސަނީއާއި އަމީޝާގެ ފިލްމުތައް ސިނަމާތަކަށް އަންނަވަރު މަދުވުމުގެ އިތުރުން ދެ ތަރިންނަކީ ބޮލީވުޑުގައި މާ ކާމިޔާބު ފިލްމީތަރިންނެކޭ ނުބުނެވޭނެއެވެ. ނަމަވެސް ފިލްމު "ގަދަރު"އާއެކު ދެ ތަރިންގެ ކެރިއަރަށް މީގެކުރިންވެސްވަނީ ބޮޑެތި ކުރިއެރުންތައް ލިބިފައެވެ. އަމީޝާއާއި ސަނީއާއެކު ފިލްމުގައި ދަރިއެއްގެ ރޯލްއިން ފެންނާނީ ކުރީގެ ފިލްމުން ފެނުނު އުތުކަރުޝް ޝަރުމާއެވެ.