05 May 2012, 13:19
ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވާ ސުލްހައިގެ ވާހަކަތަކާމެދު އެމްޑީޕީން ދެކެނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށާއި މިއަދުގެ ބައްދަލުވުމުގައި ވާހަކަތައް ފެށި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށް އެ ވާހަކަތަކުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު 2:00 ޖަހާއިރު ސިޔާސީ ޕާޓީތަކުގެ ވާހަކަތައް ވެލާނާގޭގައި ބާއްވަން ވަނީ ނިންމާފަ އެވެ. އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ހުރިހާ ޕާޓީތަކުން ވެސް ވަނީ މިއަދުގެ ބައްދަލުވުމުގައި އެޖެންޑާގެ ތަރުތީބަކަށް އެއްބަސްވެ މަޝްވަރާތައް ފަށަން އެއްބަސްވެފަ އެވެ.
ހާމިދު ވިދާޅުވީ މީގެ ކުރިން ހުއްޓުން އަރާފައިވާ ވާހަކަތައް މިއަދު ފެށޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށާއި އެމްޑީޕީން ބޭނުން ވަނީ ވާހަކަތައް ކުރިއަށް ގެންގޮސް ނިންމާލުމަށް ކަމަށެވެ. އަދި މިދިޔަ ބައްދަލުވުމުގައި އެއްބަސްވި ގޮތަށް ވޯޓަކަށް ނުގޮސް އެންމެ ކިނަ ބަޔަކަށް އެއްބަސްވާ ކަންތައްތަކަކާ މަޝްވަރާ ކުރުމުން ވާހަކަތަކައިގެން ކުރިއަށް ދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެންމެން އެއްބަސްވެވޭ ކަންތައްތަކެއް އެ އޮތީ ހޯދިފައި، ހޯދިއިރުގައި މިވީ ފުރަތަމަ ރާއްޖޭގެ އިގްތިސޯދު، ދެވަނަ ކަމަކަށް ގާނޫނުތަކާއި ގާނޫނު އަސާސީގެ ވާހަކަ، ތިން ވަނަ ކަމަކަށް ފެނިވަޑައިގަތީ ޖުޑިޝަރީ އާއި ކުރައިމް ނުވަތަ ކުށާއި ބެހޭ މައްސަލަތައް، ދެން މިވާގޮތަކީ އެޖެންޑާގައި އޮންނަ އެންމެ ބޮޑު މައްސަލަ، އަދި ތިބޭފުޅުން ވެސް ކުރާ ސުވާލު އަވަސް އިންތިހާބުގެ ވާހަކަ އެ ޖެންޑާގައި އޮންނާނެތޯ ނުވަތަ ނޫންތޯ، އެންމެން އެއްބަސްވާ ކަންކަމަށް ވާހަކަ ދެއްކިގެންނޭ އެކަމަށް ވާހަކަ ދެއްކޭނީ، އެއީ އެޖެންޑާގައި އޮތް ނުނެގޭނެ އެޖެންޑާ އައިޓަމެއް،" ހާމިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސުލްހައިގެ ވާހަކަތަކުގައި މިހާރަށް ވުރެ ގިނަ ވަގުތު ހޭދަކުރަން ޖެހޭ ކަމަށާއި ވާހަކަތައް ދިގުދަންމަން ވަގުތެއް ނެތް ކަމަށެވެ. އަދި މެދުނުކެޑި ވާހަކަތައް ޖައްސަ ޖައްސައިގެން ބޭއްވުމަށް ވެސް އެމްޑީޕީ ތައްޔާރުކަމަށް ވިދާޅުވި އެވެ. އަދި މަޝްވަރާކުރަން ހުރި ކަންތައްތަކަކީ މާ ދގުކޮށް މަޝްވަރާ ކުރަން ޖެހޭ ކަންތައްތަކެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަންބޮޑުވޭ މިވާހަކަތަކައް ގިނަދުވަސްތަކެއް ވާތީ، އަޅުގަނޑުމެންނަށް ހަތަރު ގަޑިއިރު ތެރޭގައި ލައްކަ ވާހަކަ ދެއްކޭނެ. އަޅުގަނޑުމެންނަށް ބުނެވިދާނެ އެ ވާހަކަ ދައްކާފައި ހިނގާށޭ އެ ވާހަތަކުގެ އަލީގައި އަވަސް އިންތިހާބުެ ވާހަކަވެސް ދައްކަން، އެ ހިސާބަށްވެސް ދެވިދާނެ، މީގައި އޮތް ގޮތަކީ އަޅުގަނޑުމެން އުޅުނު ވަރެއް، މެދޔނުކެޑި ދެތިން ދުވަހު ވާހަކަ ދެއްކުނީމައި ރަނގަޅުވާނެ،" ހާމިދު ވިދާޅުވި އެވެ.
ވާހަކަތަކުގެ ސެކްރެޓޭރިއަޓުން ބުނީ މިއަދު ދޭއްޖަހާއިރު ފަށާ ވާހަކަތައް ހައެއް ޖަހަންދެން ކުރިއަށް ގެންދިޔުމަށް ޝެޑިއުލްކޮށްފައިވާ ކަމަށެވެ. އަދި ހުރިހާ ޕާޓީތަކުންވެސް ވާހަތަކުގައި ބައިވެރިވާނެ ކަމަށްވެސް ބުންޏެވެ.