ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް މިރޭ ބާއްވައިފިއެވެ.

ގަލޮޅު ދަނޑުގައި ބޭއްވި މި ރަސްމިއްޔާތު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ބައްލަވާލައްވައިފައެވެ.

މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތައް ބައްލަވާލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ދަނޑަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ.

ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

މި ހަރަކާތްތައް ފެށުނީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާއި، ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓު މާޗުންނެވެ. އަދި ސިފައިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ބޭންޑްގައި ގައުމީ ސަލާން ކުޅުމަށްފަހު، ދިވެހި ސިފައިންގެ ލަޝްކަރުންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުން ބޭއްވިއެވެ. އެ ހިނގާލުމުގައި ވެސް ރައީސަށް ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ.

މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބޭއްވި، ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓްކޯގެ ޝަރަފްގެ ހިނގާލުމުގައި މާލޭގެ 14 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ.

މިނިވަން ދުވަހުގެ ކުޅިވަރު ހަރަކާތްތައް ހުށައަޅާފައި ވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަރާތުންނާއި ހުޅުމާލެ ޖޫނިއާ އަދި ސީނިއާ ގުރޫޕުންނާއި، މާލޭގެ ހެންވޭރާއި މާފަންނުގެ ދެގުރޫޕެއްގެ އިތުރުން ކ. ކާށިދޫ ރައްޔިތުންނާއި، ހއ. ވަށަފަރު ރައްޔިތުންނާއި ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުގެ ފަރާތުންނެވެ.

ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ހުޅުމާލޭ ސީނިއާ ގްރޫޕުގެ ފަރާތުން ވަނީ މިނިވަންކަމުން ރާއްޖެ ދެކުނު ތަރައްގީއާއި ޒަމާނީ ބަދަލުތައް ދައްކުވައިދޭ އައިޓަމެއް ހުށައަޅާފައެވެ. މ. ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުގެ ފަރާތުން ލަނގިރިޖެހުމުގެ ޚާއްސަ ސަޤާފީ ހަރަކާތެއް ކުރިއަށް ގެންގޮސްފައި ވާއިރު ކާށިދޫގެ ފަރާތުން ވަނީ ހަރުބީ އައިޓަމްގެ ނަމުގައި ކާށިދޫގައި ކުޅޭ ކުޅިވަރުތަކުގެ ތެރެއިން ސަޤާފީ ކުޅިވަރެއް ގެނެސްދީފައެވެ.

ސްކޫލްތަކުގެ ދަރިވަރުންވެސް ވަނީ މިނިވަންދުވަހާ ގުޅުވައިގެން އެކިއެކި ތަމްސީލާއި ތަފާތު އައިޓަމްތައް ހުށައަޅާފައެވެ.

ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

މިނިވަން ދުވަހުގެ ކުޅިވަރުތައް ނައިބު ރައީސް ފައިސަލް ނަސީމާއި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު ޝަމްސަދާގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ރާއްޖޭގައި ތިއްބާވާ ބޭރު ގައުމުތަކުގެ އިއްޒަތްތެރިންވެސް ވަނީ ބައްލަވާފައެވެ. އަދި ގިނަ އާއްމުން ވެސް މި ކުޅިވަރުތައް ބަލާލުމަށް ގަލޮޅު ދަނޑަށް ދިޔައެވެ.

ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގައެވެ.