26 Jul 2023, 22:27
ކުޑަކުދިން ހެއްވާލާ އެކުދިންގެ ހިތްތަކަށް އުފާވެރިކަން ގެނުވާ އެެއް "ކެރެކްޓާ"އަކީ ހަމަ ގައިމު ވެސް "ރޮބޯމޭން"އެވެ. މި މަސައްކަތުގައި ރަށްރަށާއި ރާއްޖޭން ބޭރަށް ވެސް ރޮބޯމޭން މިހާރު ވަނީ ގޮސްފައެވެ.
ރޮބޯމޭން ކުރާ ބުރަ މަސައްކަތުގެ އަގު މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަތްޕުޅުން ލިބިފައެވެ. 'ހުނަރުވެރި، ފަންނުވެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގެ ކާމިޔާބީގެ އެވޯޑް' ރޮބޯމޭންއަށް ލިބުނު އިރު، އެވޯޑާ ހަވާލުވީ އެންމެން އުންމީދުކުރި ގޮތާ ޚިލާފަށް، ރޮބޯމޭންގެ ބައްޕައެވެ.

ރޮބޯމޭން ކުޑަކުދިންނާ އެކު -- ފޮޓޯ/ ރޮބޯމޭން ފޭސްބުކް
އެވޯޑާ ހަވާލުވާން ނަން ވެސް އިއުލާނު ކުރީ "ރޮބޯމޭން"ގެ ގޮތުގައެވެ. މާސްކުގެ ފަހަތުގައިވާ ސޫރައެއް ނުވަތަ ނަމެއް ވެސް ނުފެނުނެވެ.
ރޮބޯމޭންގެ ފެށުމާއި އެވޯޑާ ހަމައަށް ކުރި މި މަސައްކަތް "ސަން"އާ ހިއްސާކުރަމުން އޭނާ ބުނީ، މީގެ އަށް އަހަރު ކުރިން މި މަސައްކަތް ފެށި އިރު ރައީސްގެ އަތްޕުޅުން އެވޯޑެއް ލިބޭނެކަމަށް ހީވެސް ނުކުރާ ކަމަށެވެ.
"އެކަމަކު ޑްރީމް ކުރަން އަބަދުވެސް،" އޭނާ ބުންޏެވެ.
މި އެވޯޑާ ހަވާލުވާން ރޮބޯމޭންގެ ބައްޕަ ދިއުމުގެ ފަހަތުގައި ވާ ވާހަކަ ހިއްސާކުރަމުން އޭނާ ބުނީ ކިޔަވައިގެން ސްޓޭޖުމަތިން، މަތީ އަރުތަވެރިންގެ އިނާމް ހާސިލްކުރާތަން ދެކުމަކީ މަންމައާއި ބައްޕަގެ ހުވަފެނެއް ކަމަށެވެ.
"އެހެންވެ ރައީސްގެ އަތްޕުޅުން އެވޯޑެއް ލިބުނީމަ ބައްޕަ ފޮނުވީ. ބައްޕައަކަށް ނޭނގޭނެ މާލެ އައި އިރު ވެސް ކީއްކުރަން ކަމެއް ގެންނަނީ. މިއަދު އެނގުނީ." ރޮބޯމޭން ބުންޏެވެ.
ނަމަވެސް، ރޮބޯމޭން ވަނީ ރައީސް އޮފީހަށް ގޮސް ރައީސާ އެކު އެވޯޑު ހިފައިގެން ހުރެ ފޮޓޯ ނަގާފައެވެ. އެ ފޮޓޯތަކުގައި ވެސް ރޮބޯމޭން ހުރީ ފަނޑުވުމެއް ނުވާ ސްޓައިލްގައެވެ. އެ ތޮތްޕާއި އައިނު ވެސް އަޅައިގެނެވެ.

އޭނާ ގަބޫލު ކުރާ ގޮތުގައި މާސްކުގެ ފަހަތުގައި ވާ މޫނަކީ ކޮބައިކަން މީހުންނަށް އެނގޭނަމަ މި އެވޯޑު ރޮބޯމޭންއަށް ނުލިބުނީހެވެ. އަދި އެ މާސްކުގެ ފަހަތުގައި ވާ މޫނަކީ ކޮބައިކަން ހާމަކުރުމުގެ ވިސްނުމެއް ވެސް ރޮބޯމޭންގެ ނެތެވެ.
"އެއީ ފެށިގެން އައި ގޮތް ވީމަ. އެންމެނަށް މީ ކާކުކަން އެނގޭނަމަ މިއަދު މި އެވޯޑް ރޮބޯމޭން އަކަށް ނުލިބޭނެ އެންނު. އުފެއްދުންތެރި ކަމަކަށް މިކަން ވަނީ ކާކުކަން ނޭނގި ކުރާ ކަމަކަށް ވީމަ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ"

ފިހާރަތަކަށް ވިޔަފާރި ރަނގަޅުކޮށްދިނުމަށް ރޮބޯމޭންގެ ސިފައިގައި ފެށި މަސައްކަތް ފުޅާވެ 2015ވަނަ އަހަރު ކުޑަކުދިންނަށް ޝޯދޭން ފެށި އިރު، އޭނާ ގޮސް އުޅުނީ ކުދިކުދި އިވެންޓުތަކުގައެވެ. ނަމަވެސް އެ އޯޑިއަންސް ބޮޑުވެ މިއަދު ހުރިހާ ބޮޑެތި އިވެންޓުތަކެއްގެ ފޯރި ހިފަހައްޓަނީ ރޮބޯމޭންއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ރޮބޯމޭން ޖާގަ ހޯދާފައި ވަނީ ހަމައެކަނި ކުޑަކުދިންގެ ފޮތްތަކުން އެކަންޏެއް ނޫނެވެ. ބޮޑެތި މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ކުރީގެ ރައީސުންނާއި، ރާއްޖޭން ބޭރު މީހުންގެ ހިތްތައް ވެސް ރޮބޯމޭން ވަނީ އަތުލާފައެވެ.

"އަސްލު ތަފާތު ކަމެއް ކުރަން ވެގެން ފެށީ. ދެން މިހާ ހިސާބަށް ދާނެކަމަށް ވެސް ހިޔެއް ނުކުރަން،"
ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށާއި ތަފާތު ޗެރިޓީތަކުގައި ވެސް ރޮބޯމޭން ޝޯ ދެއެވެ. މިފަދަ ޝޯތަކަށް އޭނާ ފައިސާއެއް ވެސް ނުނަގައެވެ. މިއީ އޭނާގެ ހިތުގެ އެންމެ ފުން މިނުން ގައުމަށް ކަމެއް ކޮށްދިނުމަށް އަދި ކުޑަ ކުދިންނަށް އުފާވެރި ވަގުތުކޮޅެއް ހޯދައި ދިނުމަށް ކުރާ ކަމެކެވެ.
އެހެންވީމައި، ރޮބޯމޭންއަށް މި އެވޯޑު ހައްގެވެ. ރޮބޯމޭންއަކީ ހަގީގަތުގައި ވެސް ކުޑަކުދިންގެ ހީރޯއެކެވެ.