08 Aug 2023, 08:53
ސަނާ ދިޔުމުން، ޒައިލް ގެއަށް ވަނެވެ. ސޯފާއަށް ވެއްޓިގަތެވެ. ގޭގެ ހަތަރުފާރުން އެތެރެ މިހާރު ޒައިލްއަށް ވަނީ ވޭނަކަށެވެ. މާޔޫސްކަމާއި އެކަނިވެރިކަން ފިޔަވައި އިތުރު އެއްޗެއް އެގޭގެ ތެރެއިން ޒައިލްއަކަށް ނުލިބެއެވެ. އެހެނަސް، އެގެއާއި ގުޅިފައިވާ ފޮނި ހަނދާންތަކެއް އޭނާގެ ހިތުގައި ނުފިލާ ހުއްޓެވެ. ދެލޯ މަރާލުމާއިއެކު، ޒައިލްއަށް ސިފަވީ އެނާ ދެކެން ބޭނުންވި ސޫރައެވެ. އެ ރީތި ހިނިތުންވުމެވެ. ޒައިލްގެ ދެލޮލުގެ ހިމަކޮޅުން ފޭދިގެން އައީ ހޫނު ކަރުނައެވެ.
********
"މަންމީ..." ޑިއުޓީ ނިންމާލާފައި ނުކުތް ނިޔަމް ފެނުމުން، ދާވިއަން ގޮވާލިއެވެ.
ދާވިއަންގެ އަތުގައި ކުޅޭކުޅޭ ބޮޑު ބަޑިއެއް އޮތެވެ. ލޫކްގެ އަތުން ދޫކޮށްލުމަށްފަހު، ދާވިއަން އައިސް ނިޔަމްގެ ގައިގައި ބައްދާލިއެވެ.
"ދަރިފުޅު ބަޑިއެއް ގަތީތަ؟..." ނިޔަމް ތިރިވެލާފައި، ދާވިއަންގެ ދެކޮނޑުގައި ހިފަހައްޓައިލިއެވެ. "މަންމި ބުނީމެއްނު މާގިނަ ކުޅޭ އެއްޗެހި ނުގަންނަން..."
"ދާން ބޭނުމޭ ޕޮލިސްއަކަށް ވާން..." ދާވިއަން ތުންކޮޅު ދަމައިލިއެވެ.
ނިޔަމްގެ އަތްދަށުން މިނިވަންވެގެން ދާވިއަން އެނބުރި ލޫކްގެ ކައިރިއަށް ދިޔައެވެ. ލޫކް ދާވިއަން އުރާލައި ކޮނޑަށް ލިއެވެ.
"މިއަދު ޕޮލިހެއް ފެނިގެން މާ ބޮޑަށް ބަޑިއެއް ބޭނުންވީއޭ ދޯ ދޫނީ..." ލޫކް ދާވިއަން ދިފާއުކުރިއެވެ.
"ކިހާވަރަކަށް ގަތީ؟..." ނިޔަމް ވޮލެޓު ނެގިއެވެ.
"އަހަރެން ދާންއަށް ގަނެދޭ ހުރިހާ އެއްޗަކަށް އަގުދޭން ޖެހޭތަ؟... ދޭންޖެހެންޏާ، ހިނގާ ކާންދޭން.... ވަރަށް ހައި..." ލޫކް ބަނޑުގައި އަތް ޖައްސައިލަމުން ބުންޏެވެ.
"ދާން ބޭނުން ފިޝް އެންޑް ޗިޕްސް..." ދާވިއަންވެސް ލޫކްހެން ބަނޑުގައި އަތް ޖައްސައިލިއެވެ.
ނިޔަމްގެ ކައިރިއަށް ހިނިއައެވެ.
"މަންމިގެ ދޫނި ކީއްވެތަ ކުކުޅު ނުކަނީ؟..." ދާވިއަންގެ ކޯކޮޅުގައި ހިފައިލަމުން ނިޔަމް ބުންޏެވެ.
********
"ކުކުޅު ތީ ވަރަށް ފަކުރުގަންނަ އެއްޗެއް... މަށަށް ފިޝް އެންޑް ޗިޕްސްއެއް..." ޒައިލް ވާހަކަ ދެއްކީ ފޯނު ކަންފަތުގައި ޖަހައިގެން ހުރެއެވެ. "މަ މި ނައްޓާލަނީއޭ... އޯޑަރު ދީ..."
ޒައިލް ގެއިން ނުކުތްއިރު، ތުނިތުނިކޮށް ވާރޭ ވެހެއެވެ. އޭރުވެސް މަގުތައް މަތީގައި އޮތީ ފެންބޮޑުވެފައެވެ. ދުއްވާ އެއްޗެހި ގިނަކަމުން، ޒައިލްއަށް ރެސްޓޯރެންޓަށް ދެވުނީ ބައިގަޑިއިރެއްހާއިރު ފަހުންނެވެ. އޭރު އޭނާ ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. ޝަރަފްއަށް ހަނާ އަޅައިލުމަށްފަހު، ޒައިލް ހިނގައިގަތީ ފާހާނާއާއި ދިމާއަށެވެ.
ޝަރަފްއާއި ޖެހިގެން ހުރި މޭޒުގައި ލޫކާއި ނިޔަމްގެ އިތުރުން ދާވިއަން އިނެވެ. ނިޔަމް އިނީ ޝަރަފްމެން ތިބި މޭޒާއި ފުރަގަސްދީގެންނެވެ.
"ދަރިފުޅާ... ގަޔަކަށްނު ތިއޮއް އެޅުނީ..." ސޯސްތަށި ދާވިއަންގެ ގަޔަށް ބަންޑުންވިތަން ފެނުމުން، ނިޔަމްއަށް ތެދުވެވުނެވެ. "ހިނގާ ފާހާނާއަށް ގޮސް ދޮވެލަން...."
"އަހަރެން ގޮސްދާނަން..." ލޫކް ތެދުވިއެވެ.
ޒައިލް ފާހާނާގެ ލޯގަނޑު ކައިރީގައި ހުރީ އިސްތަށިގަނޑު ރީތިކުރާށެވެ. ތެމިފައި ހުރުމުގެ ސަބަބުން، އޭނާގެ އިސްތަށިގަނޑުގެ ތަރުތީބު ވަނީ ގެއްލިފައެވެ. ލޫކާއި ދާވިއަން އެތެރެއަށް ވަންއިރު، ޒައިލް ބޭރަށް ނުކުތުމަށް ހިނގައިގަންނަނީއެވެ. ދާވިއަން ފެނުމުން، ޒައިލްގެ ފިޔަވަޅުތައް ހުއްޓުނެވެ.
"ޕޮލިސްބޭ..." ދާވިއަން ވަރަށް ލޯބިން ގޮވާލިއެވެ.
"ކޮންކުއްޖަކާ އަނެއްކާ މި ދިމާވީ؟...." ޒައިލްގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ.
ދާވިއަންގެ ގަމީސް ދޮއްވާފައި ލޫކް ފާހާނާއަށް ވަނީ ދާވިއަންގެ ކައިރީގައި ބަސްއަހައިގެން ހުރުމަށް އެދިފައެވެ.
"ދާން މިއައީ ފިޝް އެންޑް ޗިޕްސް ކާން..." ދާވިއަން ބުންޏެވެ.
"ބޭބެވެސް މިއައީ ފިޝް އެންޑް ޗިޕްސް ކާށޭ..." ވާހަކަ ދައްކާއިރު، ޒައިލްއެކޭ ދާވިއަންއެކޭ ތަފާތެއް ނެތެވެ. ދެމީހުންވެސް ހީވަނީ ދެ ކުޑަކުދިން ހެންނެވެ.
"ދާންއަށް ޗިކަން ނުބައި..." ދާވިއަން ބުނެލިއެވެ.
"ބޭބެއަށްވެސް ނުބައޭ..." ޒައިލް ޖަހައިލީ ލުއި ހިނިގަނޑެކެވެ.
"ދާންގެ ފޭވަރިޓް ކަލަރ ބްލޫ..." ދާވިއަންއާއި ޒައިލްގެ އެއްގޮތް ކަންތައްތަކެއް ހުރިކަން ކުޑަކުޑަ ދާވިއަން އެނގުނު ކަހަލައެވެ. އެ ކުޑަ ހިތުގައި ވަނީ ޝައުގުވެރިކަން އުފެދިފައެވެ.
"ބޭބެގެވެސް..." ޒައިލް ވަރަށް ޖޯޝާއިއެކު ބުންޏެވެ.
"ދާންގެ ފެވަރިޓް ފުރުޓް ގްރޭޕްސް..." ދާވިއަންގެ ތުންފަތުގައިވި ހިނިތުންވުން ފުންވިއެވެ.
"އަހަނ... ބޭބެގެ ފެވަރިޓް ފުރުޓަކީވެސް ގްރޭޕްސްއޭ..." އަޖައިބުވާގޮތް ދައްކައިލަމުން ޒައިލް ބުންޏެވެ.
"އެހެންވިއްޔާ ތީ ދާންގެ ޑެޑީ..." ދާވިއަން ޒައިލްގެ ގައިގައި ބައްދައިލިއެވެ.
ޒައިލް ތިރިވެލާފައި ދާވިއަންގެ ކުޑަކުޑަ ހަށިގަނޑުގައި ބައްދައިލިއެވެ. އެވަގުތު ކުރެވުނު އުފާވެރި އިހުސާސަކުން ޒައިލްއަށް ހިނިތުންވެލެވުނެވެ. ލޫކް ނުކުތްއިރުވެސް ދާވިއަން ހުރީ ޒައިލްގެ ގައިގައި ބައްދާލައިގެންނެވެ. ލޫކް އަވަސް އަވަހަށް ދާވިއަން ދުރުކުރިއެވެ.
"ސޮރީ..." ލޫކް މާފަށް އެދުނެވެ. "ދާން ބައެއްފަހަރު ވަރަށް އެޓޭޗްވާނެ، ބައެއް މީހުންނާ..."
"އެއީ އެވަރުގެ ކަމެއް ނޫނޭ..." ޒައިލް ހިނިތުންވެލިއެވެ. "ކުޑަކުދިން އުޅޭނީ އެހެން..."
ޝަރަފްމެންގެ ކައިރީގައި ޒައިލް އިށީންއިރު، ދާވިއަންވެސް ލޫކާއިއެކު ގޮސް އިށީނދެއްޖެއެވެ. ދާވިއަން ދޭތެރެއަކުން ޒައިލްއަށް ހަނާއަޅާލައެވެ. ޒައިލްގެ ނަޒަރު ހުއްޓުނީ އޭނާއަށް ފަސްދީގެން އިން އަންހެންކުއްޖާ އަށެވެ. އެކުއްޖެއްގެ މޫނު ދެކިލުމަށް އޭނާގެ ހިތް އެދުނީ ކީއްވެކަމެއް ނޭނގުނެވެ. ކާން އިން އިރުވެސް ޒައިލްއަށް އެނޫން ދިމާއެއް ނުބެލުނެވެ. ކައިރީގައި ތިބި އެކުވެރިން ވާހަކަ ދެއްކި ނަމަވެސް އޭނާގެ ޝައުގުވެރިކަން އަތުލާފައިވީ ކުރިމަތިން ފެންނަމުންދިޔަ އާއިލާއަށެވެ.
ކައި ނިންމާލައިގެން ނިޔަމް ތެދުވިއެވެ. ދާވިއަންގެ ދެއަތާއި ތުންފަތް ޓިޝޫއަކުން ފޮހެލައިދިނުމަށްފަހު، ދާން އެނބުރުނެވެ. ދާވިއަން ގޮވައިގެން ލޫކް ހިނގައިގަތީ ބިލު ދައްކާށެވެ. ނިޔަމްގެ ހަރަކާތް ހުއްޓުނީ ކުރިމަތިން ފެނުނު ސޫރައަކުންނެވެ.
"ޒައިލް..." ނިޔަމްއަށް ހިތާއިހިތުން ބުނެވުނެވެ.
ޒައިލް އިނީ ޝަރަފާއި ވާހަކައެއް ދައްކާށެވެ. އެހެން އިނދެފައި ކުރިމައްޗަށް ބަލައިލިއެވެ. ނިޔަމްއަށް ފުރަގަސްދެވުނީ ކިރިޔާއެވެ. ނިޔަމް ކިތަންމެ އަވަހަށް އެނބުރުނު ނަމަވެސް، ޒައިލްގެ ހިތުގައި އޮތް ޝައްކު އިތުރުވިއެވެ. ކުރިމަތީގައި ހުރި އަންހެންކުއްޖާ އޭނާއަށް ފިލަންވީ ސަބަބެއް ނެތެވެ.
ނިޔަމްގެ ހިތް ބާރަށް ތެޅެމުން ދަނީއެވެ. ޒައިލްގެ ނަޒަރު އަމާޒުވެފައިވާކަން އެނގި، ނޭވާ އަވަސްވިއެވެ. ހަދަންވީގޮތެއް ނޭނގިފައި ހުއްޓާ ލޫކް އައުމުން، ދޭނެ ޖަވާބެއް ނިޔަމްއަކަށް ނޭނގުނެވެ.
ނިޔަމް ކުއްލިއަކަށް ލޫކްގެ އަތުގެ މުލައްދަނޑީގައި ހިފައިލިއެވެ. ލޫކް ދިޔައީ ސިއްސައިގެންނެވެ. ދުވަހަކުވެސް ނިޔަމްގެ ފަރާތުން އެފަދަ ގާތްކަމެއް އިހުސާސްކުރެވިފައިނުވާތީ، އޭނާއަށް ހުރެވުނީ ނޭވާލާންވެސް ނޭނގިފައެވެ. ނިޔަމްގެ އެ އަމަލުން އޭނާގެ ހިތަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް ލިބުނެވެ.
ރެސްޓޯރެންޓުން ނުކުމެވުމާއިއެކު، ނިޔަމް ލޫކްގެ އަތުން ދޫކޮށްލިއެވެ. އަވަހަށް ދުރަށްޖެހުނުގޮތުން ލޫކްގެ ހިތުގައި ރިއްސަން ފެށިއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ލިބުނު އުފާވެރިކަން ގެއްލުނެވެ. ނިޔަމް ހުރީ ރަނގަޅަށްވެސް ދާހިއްލާލާފައެވެ. މަގު ހުރަސްކުރެވެންދެންވެސް ނިޔަމް ފަސްއެނބުރިގެން ރެސްޓޯރެންޓާއި ދިމާއަށް ބެލިއެވެ.
********
ހޮސްޕިޓަލުގެ ތެރެ ހަލަބޮލިވެފައިވިއެވެ. މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަށް މީހަކަށް އަނިޔާވެ، އައިސީޔޫގައި ފަރުވާދެމުން ދިޔައެވެ. އައިސީޔޫގެ ބޭރުގައި ތިބެގެން ބައެއް މީހުން ރޮނީއެވެ. ޝަރަފްގެ ގޮވައިގެން ބޭސްއަޅަން ދިޔަ ޒައިލްއަށް ފުލުހުން ހަރަކާތްތެރިވާތަން ފެނި، އެތަނަށް ދިޔައެވެ. އޭރު ތޮއްޖެހިފައިވާ މީހުން ދުރުކުރުމަށް ދެތިން ނަރުހަކު އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ޒައިލް ވާނުވާ އޮޅުންފިލުވީ ތަނުގައި ހުރި ފުލުހެއްގެ ކައިރީގައެވެ.
މީހުންތައް އެއްފަރާތްކުރުމަށް ޒައިލްވެސް މީހުންނަށް ނަސޭހަތްތެރިވަމުން ދިޔައެވެ. ގިނަ މީހުން ބޯ ހަރެވެ. ތިބި ތަނުން ގުޑިވެސްނުލާއިރު، ދުރުކުރަން އުޅޭ މީހުންނާއި ދިމާއަށް ހިތުހުރި އެއްޗެއް ގޮވަމުން ދިޔައެވެ. ބައެއް މީހުން ނަރުހުންތައް ކޮއްޕާ އެމީހުންގެ މަގުން އެއްފަރާތް ކުރަމުން ދިޔައެވެ. މީހުންތަކުގެ ތެރެއިން ނުކުންނަން މަސައްކަތްކުރި ނިޔަމްއަށް އެރުނީ ސީދާ ޒައިލްގެ ކުރިމައްޗަށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެ، ސިކުންތެއްވެސް ހޭދަނުވަނީސް، ނިޔަމްގެ ގައިގައި މީހަކު ޖެހިގަތެވެ. ނިޔަމް އެދިޔަ ބާރުމިނުގައި ގޮސް ތަތްވީ ޒައިލްގެ ގައިގައެވެ. ޒައިލް ހުށިޔާރުކަމާއިއެކު، ނިޔަމްގެ ގައިގައި ދެއަތުން ހިފެހެއްޓިއެވެ. ލިބުނު ސިހުމުގައި ނިޔަމްއަށް ހުރެވުނީ، ޒައިލް ލައިގެން ހުރި ގަމީހުގައި ހިފައިގަނެގެންނެވެ. ނިޔަމްގެ ދެލޯ ބޮޑުވެފައިވާއިރު، ޒައިލްގެ ހާލަކީވެސް އެއީއެވެ. ކަޅި ޖަހާނުލައި، ނިޔަމްގެ އޮމާން މޫނަށް ބަލަން އޭނާއަށް ހުރެވުނެވެ. އެކަކު އަނެކަކު އެހާ ކައިރިން ފެނުމުން، ދެމީހުންގެ ހިތުގެ ހިނގުން ވަނީ މަޑުޖެހިފައެވެ.
(ނުނިމޭ)