ޕޮއިންޓްގެ ގޮތުން ހަމަހަމަވެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށް ވުރެ، 11 ގޯލުގެ ތަފާތަކާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މެންޗެސްޓާ ސިޓީ އޮތް ކަމުގައި ވިޔަސް، ލީގުގެ ޓްރޮފީ ކަށަވަރުކުރަން އަދި އަވަސް ކަމަށް ސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފިއެވެ.

ލީގުގެ އެއް ވަނައިގައި 83 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތްއިރު، އެޓީމަށް ލީގުގައި ކާމިޔާބު ކުރެވިފައި ވަނީ 61 ގޯލެވެ. އަދި ދެ ވަނައިގައި އޮތް ޔުނައިޓެޑަށް 83 ޕޮއިންޓާއެކު ކާމިޔާބު ކުރެވިފައި ވަނީ 53 ގޯލެވެ.

ހުސްވި ހަފްތާގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ގޯލުގެ ތަފާތުން ތާވަލްގެ އެއްވަނައަށް އެރުމަށްފަހު މަންޗިނީ ބުނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެ، އެ ދުވަހުގެ މެޗް ކާމިޔާބު ކުރުމުން ހުރިހާ ކުޅުންތެރިންކުރި ހިތްވަރަށް ތައުރީފް ހައްގުވާ ކަމަށެވެ.

ލީގުގައި ދެ ޓީމަށް ވެސް ބާކީ ދެ މެޗް އޮތްއިރު މަންޗިނީ ބުނީ މެންޗެސްޓާ ޔުނައިޓެޑަށް ދެ އޮތީ ވަރަށް ފަސޭހަ ދެ މެޗު ކަމަށާއި މެންޗެސްޓާ ސިޓީއަށް އޮތީ ވަރަށް އުނދަގޫ ދެ މެޗު ކަމަށެވެ. އަދި އެހެންވުމުން ލީގު ކަށަވަރުނުވާކަމަށާއި އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ގަދައަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗް އެކެއް ސުމެއްގެ ނަތީޖާއަކުން ސިޓީ ކާމިޔާބު ކުރިއިރު، މެޗުގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ކޮންފެނީއެވެ.