26 Jul 2023, 21:48
މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިޞާދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް، 21 އަހަރަށް ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭގޮތަށް ގަވާއިދު އެކުލަވާލަ ގެޒެޓު ކޮށްފިއެވެ.
އިއްޔެ ގެޒެޓުކޮށްފައިވާ މިގަވާއިދަށް ކިޔަނީ "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު"އެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިއަދުން ފެށިގެންނެވެ.
މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ރަށްރަށުގެ ތެރޭގައި ނުހިމެނޭ ރަށްރަށް:
ޤާނޫނޫނުގެ ދަށުން ވަރުވާއަށް ލިޔެދޭ ފަޅުރަށްރަށް
- މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ފަޅުރަށްރަށް
- އިޤުތިޞާދީ ނުވަތަ ސިނާއީ އެހެން ބޭނުމަކަށް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ދޫކުރެވޭ ފަޅުރަށްރަށް
- ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ފަޅުރަށްރަށް
މިގޮތަށް ދޫކުރާ ރަށްރަށުގެ ތެރެއިން ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލުގެ އިހްތިޞާސްގައި ނުހިމެނޭ ފަޅު ރަށްތައް ކަނޑައަޅާނ،ީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ރަށެއް ނުވަތަ ސިޓީއެއްގެ އިހްތިޞާސްގައި ހިމެނޭ ފަޅުރަށްރަށް ދޫކުރާނ،ީ އެ ރަށެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލުންނެވެ.
މި ގަވާއިދުގެ ދަށުން ފަޅުރަށްރަށް ދޫކުރަން ހަމަޖެހިފައި ވާ ގޮތްތައް:
ބީލަމުގެ އުސޫލުން އާންމުކޮށް އިޢުލާން ކޮށްގެން
- ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ރިޕޯޓެއް ހުށަހަޅައިގެން
- ސަރުކާރުގެ އިސްނެގުމަށް، ފަޅުރަށެއް ބެލެހެއްޓުން، ވަކި ޝަރުޠު ތަކަކާއެކު ކައުންސިލަކާ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން
މި ރަށްތައް 21 އަހަރަށް ދޫކުރަން ނިންމި ނަމަވެސް، އެއަށްވުރެ ކުރު މުއްދަކަށް ދޫކުރުމުގެ އިޚްތިޔާރު ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެން ވެއެވެ. މި މުއްދަތު އިތުރުކުރަށް ބޭނުން ނަމަ 12 މަސްދުވަހާއި 24 މަސް ދުވަހާ ދެމެދުގެ މުއްދަތުގެ ތެރޭގައ،ި ފަޅުރަށް ދޫކުރާ ފަރާތަށް ހުށަހަޅަން ޖެހޭނެއެވެ. މިފަދައިން ހުށަހެޅުމުން 50 އަހަރަށް ވުރެ ދިގު ނުވާނޭހެން މުއްދަތު އިތުރު ކުރުމުގެ ބާރު ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެން ވެއެވެ.
ފަޅުރަށް ދޫކުރި ބޭނުން ނޫން އެހެން ބޭނުމަކަށް ފަޅުރަށް ނުވަތަ ރަށުގެ ބައެއް ބޭނުންކޮށްފިނަމަ ޖޫރިމަނާއެއް ކަނޑައަޅާފައިވެއެވެ. އެގޮތުން އެެއްބަސްވުމުގައި އެކަމުގައި ކަނޑައަޅައިފައިވާ ފިޔަވަޅުގެ އިތުރުން 1,000,000
ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު ފަޅުރަށް ދޫކުރާ ފަރާތަށް
ލިބިގެންވެއެވެ.