26 Jul 2023, 17:17
ބެއިޖިންގް (26 ޖުލައި 2023): ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގަންގް އެގައުމުގެ ސިޔާސީ މަސްރަހުން ނުފެންނަތާ ދުވަސްތަކެއް ވެފައިވަނިކޮށް އޭނާ އެމަގާމުން ދުރުކޮށްފިކަން ޗައިނާގެ ރަސްމީ މީޑިއާއިން ހާމަކޮށްފިއެވެ.
ޗައިނާގެ ރަސްމީ މީޑީއާއިން ބުނީ ޗިން ގަންގް ޚާރިޖީ ވަޒީރުކަމުގެ މަގާމުން ދުރުކުރުމަށްފަހު އެމަގާމަށް ކުރީގެ ޚާރިޖީ ވަޒީރު ވާންގްޔީ އައްޔަން ކޮށްފައިވާ ކަމުގައެވެ. މިއީ ކޮން ސަބަބަކާ ގުޅިގެން ގެނައި ބަދަލެއްކަން ޗައިނާގެ މީޑިއާއިން ހާމަކޮށްފައެއް ނުވެއެވެ.
އުމުރުން 57 އަހަރުގެ ޗިން ގަންގް، ޗައިނާގެ ޚާރިޖީ ވަޒީރުކަމަށް އައްޔަން ކުރީ މިދިޔަ ޑިސެމްބަރުމަހުގައެވެ. މިއާއެކު ޗައިނާގެ ކުރީގެ ޚާރިޖީ ވަޒީރު ވާންގް ޔީ ބަދަލުކުރީ ޑިޕްލޮމެޓިކް ގޮތުން ޚާރިޖީ ވަޒީރަށްވުރެ މާމަތީ މަގާމަކަށެވެ. އެއީ ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ޚާރިޖީ ގުޅުންތަކާބެހޭ ވެރިޔާގެ މަގާމަށެވެ.
މިއީ އަލަށް އުފެއްދި މަގާމެކެވެ. މިބަދަލާގުޅިގެން ޗައިނާގެ ޚާރިޖީ ވަޒީރުގެ މަގާމުގެ ހައިސިއްޔަތު ކޮންމެވެސް ވަރަކަށް ގެއްލުނެވެ. ޚާރިޖީ ވަޒީރު އަދާކުރައްވަންޖެހޭ ދައުރުގެ ބައެއް އިސް ބައިތައް އަދާކުރައްވަނީ ޗިން ގަންގް ގެ ބަދަލުގައި ވާންގް ޔީ އެވެ. މިކަމުގެ ސަބަބުން ދެބޭފުޅުންގެ މަގާމުގެ މަސްލަހަތު ފުށުއަރާކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ނަމަވެސް ޗިން ގަންގް މަގާމުން ދުރުކުރީ މިސަބަބާ ގުޅިގެންކަމަކަށް ނުބެލެވެއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ކަމަށް އައްޔަންކުރި ކުރީގެ ޚާރިޖީ ވަޒީރު ވާންގްޔީ
ޚާރިޖީ ވަޒީރުކަމަށް މިހާރު އައްޔަންކުރި ކުރީގެ ޚާރިޖީ ވަޒީރު ވާންގް ޔީ އަކީ ޗައިނާގެ ވެރިކަމުގެ ނިޒާމުގެ ހައިރާކީގައި ޗިން ގަންގް އަށްވުރެ ސީނިޔާ ބޭފުޅެކެވެ. އަދި އޭނާއަށްވުރެ އުމުރުން ދުވަސްވީ ބޭފުޅެކެވެ.
ނަމަވެސް ޗިން ގަންގް އަކީވެސް ޗައިނާގެ ރައީސް ޝީޖިންޕިން، ވަރަށް ބޮޑަށް އިތުބާރުކުރައްވާ އަދި ޝީ އާ ވަރަށް އަރިސް ބޭފުޅެކެވެ. އެހެންކަމުން ކޮންމެވެސް ސަބަބުތަކަކާ ގުޅިގެން މިވަގުތު ޗިން ގަންގް މަގާމުން ދުރުކުރިނަމަވެސް އޭނާ ޗައިނާގެ އިސްވެރިންގެ ހައިރާކީން އެއްކޮށް ބޭރުކޮށްލަފާނެ ކަމާމެދުވަނީ ސުވާލު އުފެދިފައެވެ.
ޚާރިޖީ ވަޒީރުކަމުން ދުރުކުރި ޗިން ގަންގް އަކީ ކުރިން އެމެރިކާގައި ހުންނެވި ޗައިނާގެ ސަފީރެވެ. އޭނާއަކީ ވަރަށްފަރިތަކަމާއެކު އިނގިރޭސިބަހުން ވާހަކަދައްކަވާ އަދި ހުޅަނގުގެ ހަންފެތުމުގެ ސިޔާސަތަށް ވަރަށް ޖެހިލުންކުޑަ ގޮތެއްގައި ރައްދު ދެއްވާ ބޭފުޅެކެވެ.
އެމެރިކާއާއި ޔޫރަޕަށް ދޫނުދެއްވައި ޗައިނާގެ މަސްލަހަތަށް ވަރަށް ބޮޑަށް އިސްކަން ދެއްވާ ބޭފުޅެކެވެ. އަދި އެމެރިކާގެ ސިޔާސަތުތަކަށް ވަރަށް ގިނައިން ފާޑުވިދާޅުވެ ރައްދު ދެއްވާ ބޭފުޅެކެވެ. މިކަމުގެ ސަބަބުން ހުޅަނގުގެ މީޑީއާތަކުގައި ޗިން ގަންގް ސިފަކުރަމުން ގެންދިޔައީ "ވުލްފް ވޯރިއާ" ގެ ގޮތުގައެވެ.
ޗިން ގަންގް ޚާރިޖީ ވަޒީރުގެ މަގާމުން ދުރުކުރުމުގެ ފަހަތުގައިވާ ސަބަބު ނުވަތަ ސަބަބުތައް ސާފުވެފައިނުވާއިރު އޭނާއާމެދު ސާބިތު ނުހިފޭ ރިޕޯޓްތަކެއްވަނީ ފެންމަތިވެފައެވެ. މީގެތެރޭގައި ފީނިކްސް ޓީވީގެ އަންހެން ނޫސްވެރިއަކާ އެކު ލޯބީގެ ގާތް ގުޅުންތަކެއް ބާއްވަމުން ގެންދެވި ކަމަށް ދެކެވޭ ވާހަކަތައް ހިމެނެއެވެ. މިއީ ސާބިތުހިފޭ ވާހަކަތަކެއް ނޫންނަމަވެސް މިފަދަ އަޑުތަކެއްވަނީ އަރާފައެވެ.
ޗައިނާ ސަރުކާރަކީ އެގައުމުގެ ވަޒީރުގެން އަޚުލާގީ މިންގަނޑުތަކާމެދު ވަރަށް ޙައްސާސް ގައުމެކެވެ. އަޚުލާގީ ފެންވަރު ދަަށަށްގޮސްފިނަމަ ވަރަށް ސީރިޔަސްކަމާއެކު ފިޔަވަޅުއަޅާ ގައުމެކެވެ. ޗައިނާގެ ވަޒީރަކު ނުވަތަ މަތީ ފަންތީގެ މަގާމެއްގައި ހުންނަވާ ބޭފުޅަކު ކައިވެނިން ބޭރު ގުޅުމެއް ހިންގެވިކަމުގެ އަޑެއް އަރައިފިނަމަ އެކަން ބަލައި ތަހުގީގުކޮށް އެބޭފުޅަކާމެދު ފިޔަވަޅު އެޅުމުގެ ވަރަށް ވަރުގަދަ އަޚުލާގީ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ.
ޗައިނާގެ ރައީސް އާ ކިތަންމެ ގާތްގުޅުންތަކެއް އޮންނަ ބޭފުޅަކަށް ވިޔަސް މިފަދަ ކަމެއް ތަހުގީގަށް ސާބިތު ވެއްޖެނަމަ ފިޔަވަޅު ނާޅައި ދޫކޮށެއް ނުލާނެއެވެ. މަގާމުން ވަކިކުރި ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގަންގް މީގެ މަހެއްހާ ދުވަސްކުރިންވަނީ މަސްރަހުން ގެއްލިފައެވެ.
އޭނާ މަސްރަހުން ގެއްލުނީ މިއަޑުތަކާބެހޭ ތަހްގީގުތައް ކުރިޔަށްދާތީ ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ހުޅަނގުގެ ނޫސްތަކާއި ޓީވީ ޗެނެލްތަކުންވަނީ މަގާމުން ވަކިކުރި ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގަންގް އެއްވެސް ހަރަކާތަކުން ނުފެންނަތާ މަހެއްހާ ދުވަސްވެފައިވާތީ އޭނާ "ގެއްލިފައިވާ" ކަމަށް ބުނެ އެކަމުގެ ފަހަތުގައިވާ ސަބަބުތަކާމެދު ގިނަ ސުވާލުތަކެއް އުފައްދާފައެވެ.
ޗައިނާއަކީ އެގައުމުގެ އިސްވެރިންގެ ޒާތީ ސިއްރުތައް ބޭޒާރުކުރާ ގައުމެއް ނޫނެވެ. އަޚުލާގީ މައްސަލައެއް ދިމާވެއްޖެ ބޭފުޅެއް މަގާމުން ވަކިކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އަދަބު ދިންނަމަވެސް ބޭޒާރުކޮށެެއް ނުލާނެއެވެ. ހުރިހާ ކަމެއް މީޑީއާއަށް ތިލަކޮށެއް ނުލާނެއެވެ. އެހެންކަމުން ޗިން އާމެދު އަޑުއަރާފައިވާ އަޚުލާގީ މައްސަލައިގެ ބާވަތާއި އޭގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު ތަންކޮޅެއް ފަހުން އަލުން އޭނާ އަނބުރައި ނިޒާމުގެ ތެރެއަށް ވެއްދުމަކީވެސް ވެދާނެކަމެކެވެ.
ޗައިނާގެ ޚާރިޖީ ވަޒީރަކަށް އަލަށް އައްޔަންކުރި އެގައުމުގެ ކުރީގެ ޚާރިޖީ ވަޒީރު ވާންގް ޔީ އަކީ އުމުރުން 69 އަހަރުގެ ވަރަށް ތަޖުރިބާކާރު, ބަސްމަދު ހިކުމަތްތެރި ބޭފުޅެކެވެ. ބައިނަލްއަގްވާމީ މަސްރަހުގެ އާޖުފާޖު ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ބޭފުޅެކެވެ.