05 May 2012, 12:56
މާލޭ ސިޓީކައުންސިލުން ދަރުބާރުގެ ހައުސިން މިނިސްޓްރީއާ ހަވާލުކުރަން އެއްބަސްވުމަށް ފަހު ހަވާލު ނުކުރުމުން އެ މައްސަލަ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށައަޅައިފި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން މިނިސްޓްރީއާ ދަރުބާރުގެ ހަވާލު ކުރަން ނިންމުމަށްފަހު ކައުންސިލްގެ ގަރާރަކުން ދަރުބާރުގެ ހަވާލު ނުކުރަން ނިންމާފައިވާތީ މައްސަލަ އެލްޖީއޭ ހުށަހެޅީ މިދިއަ ބުރާސްފަތި ދުވަހު ކަމަށެވެ. ދަރުބާރުގެއާމެދު ދެން ގޮތެއް ނިންމާމީ އެލްޖީއޭގެ ނިންމުމަށް ބެލުމަށްފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑާ ދެފަހަރަކު ސިޓީކައުންސިލް މެންބަރުން ބައްދަލުވެ ވަރަށް ރީތިކޮށް ވާހަކަ ދެއްކެވި. ބައްދަލު ކުރާ ކޮންމެ ދުވަހަކު އެބޭފުޅުން ވިދާޅުވަނީ މާދަމާ ތަޅުދަނޑި ހަވާލުކުރާނަމޭ، އެއްވެސް ކަމަކާ ކަންބޮޑުވެވަޑައި ނުގަންނަވާށޭ ހުރިހާ ކަމެއް ރަނގަޅަށޭ ދާނީ. [އެކަމަކު] އެންމެ ފަހުން އެބޭފުޅުން ވާހަކަ ދެއްކި ދުވަހުގެ ރޭ މި ނިންމަނީ ކައުންސިލް މީޓިންގައި ދަރުބާރުގޭ ހަވާލު ނުކުރުމަށް،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކައުންސިލްގެ މެންބަރަކު އެމަނިކުފާނަށް ގުޅުއްވި ކަމަށާއި ދަރުބާރުގެ މިނިސްޓްރީއަށް ހަވާލު ނުކުރަން ނިންމި ނިންމުމަކީ ޕާޓީގެ ރޫހުގައި ނިންމި ނިންމުމެއް ކަމަށް ވިދާޅުވި ކަމަށެވެ. އަދި ކައުންސިލުން މި ސަރުކާރު ގަބޫލު ނުކުރާ ކަމަށާއި ނެރުނު ގަރާރާއި އެއްގޮތަށް އަމަލުކުރުމުގެ ގޮތުން ދަރުބާރުގެ ވެސް ހަވާލުނުކުރަން ނިންމި ކަމަށް ވިދާޅުވި ކަމަށެވެ.
"ދަރުބާރުގޭ ހަވާލު ކުރުމަށް އަޅުގަނޑާއެކު އެއްބަސްވި ކައުންސިލްގެ މެންބަރުން ވެސް ވޯޓްދިން ކަމަށްވޭ ދަރުބާރުގޭ ހަވާލު ނުކުރުމަށް،"
މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ދަރުބާރުގޭ ހަވާލު ނުކުރުމަކީ ގާނޫނީ މަސްއޫލިއްޔަތަކަށް ހުރަސް އެޅުން ކަމަށާއި ދަރުބާރުގޭގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް އެތަނުގައި ވަޒީފާ އަދާ ނުކުރެވޭ މައްސަލަ ސިވިލް ސާވިސްކޮމިޝަނަށް ވެސް ހުށައަޅާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ގާނޫނީ މަސްއޫލިއްޔަތެއް އަދާކުރުމަށް ކަނޑައެޅިގެން ހުރަސް އަޅަނީ، ސިވިލް ސާވިސްގެ މުވައްޒަފުންތަކަކަށް ދަރުބާރުގޭގައި ވަޒީފަ އަދާނުކުރެވި ބޭރުގައި ތިބެން ޖެހެނީ. ފެނިގެން މިދަނީ ވަރަށް ނާތަހުޒީބީ ކަންތައްތަކެއް،" މުއިއްޒު ވިދާޅުވި އެވެ.
މިދިޔަ މަހުގެތޭރޭގައި ދަރުބާރުގެ ހައުސިން މިނިސްޓްރީ ދަށަށް ގެންދިއުމަށް އެތަނުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުން ހައުސިން މިނސްޓްރީއަށް ބަދަލު ކުރުމާ ގުޅިގެން ސިޓީކައުން ސިލުން ވަނީ މުވައްޒަފުންނަށް ނުވަދެވޭ ގޮތަށް ދަރުބާރުގެ ތަޅުލައިފަ އެވެ.