26 Jul 2023, 12:48
މިނިވަންކަމުގެ އުފާވެރިކަން ނުލިބޭ އެކި ފަންތީގެ މީހުން މިއަދު ވެސް ރާއްޖޭގައި ދިރިއުޅެމުންދާ ކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް މިއަދު ވިދާޅުވެއްޖެއެވެ.
ޑރ. އަޝްރަފް މިފަދައިން ވިދާޅުވީ، މިނިވަން ދުވަހާ ގުޅިގެން ދިވެހި ބަހުގެ އެކެޑަމީން ނެރުނު ޑިޖިޓަލް ފޮތް "ގޮފިކޮޅު" ގައި ލިޔުއްވާފައިވާ އިސްބަހުގައެވެ. މި ފޮތަކީ ޚާއްސަ ދުވަސްތަކާ ގުޅުވައިގެން އެކެޑަމީން ނެރޭ ފޮތެކެވެ.
"މިނިވަންކަމުގެ އުފަލާއި ހިތާމަ"، މި ސުރުޚީގެ ދަށުން ޑރ. އަޝްރަފް ލިޔުއްވާފައި ވަނީ، ވިޔަފާރި އާއި އިޤްތިޞާދީ އަޅުވެތިކަމުގެ ރަހަ ދިވެހީންނަށް ލިބިފައިވާ އިރު، ހޮޅީންގެ އުނދަގޫތަކަށް އަބަދުހެން ފާރަވެރިވެ ތިބެން ޖެހޭ ކަމަށެވެ. އަދި 1988 ވަނަ އަހަރު މާލެއަށް ދިން ހަމަލާއަކީ ރާއްޖޭގެ މިނިވަންކަމުގެ ހަރުދަނާ ކަމާ މެދު އަބަދު ވެސް ވިސްނާން ޖެހޭ ކަން އަންގައިދޭ އުދުވާނެއް ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.
ހަމައެހެންމެ، މަގުމަތީގައި ހިނގާފައި ދާއިރު ފޮށުމުގެ ބަސްބަހުން ހަމަލާ ދެވޭ އަންހެނުންނާއި، ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުޑަކުދީން އަޅުގަނޑުމެންގެ ތެރޭގައި ތިބިކަން ފާހަގަކުރައްވައި، ޑރ. އަޝްރަފް އެފަދަ މީހުން ސިފަކުރެއްވީ މިނިވަން ކަމުގެ އުފާވެރިކަން އަދިވެސް ނުލިބި ތިބި ބައެއްގެ ގޮތުގައެވެ. އަދި، ގެވެށި އަނިޔާ ލިބޭ ގެވެހި އަންހެނުންނާއި، ހަނގާކޮށް ނިކަމެތިކޮށްލެވޭ ކުޑަކުދިންނާއި ބޮޑެތި މީހުން އޭގެ ތެރޭގައި ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.
ޑރ. އަޝްރަފް ވިދާޅުވީ، އެންމެން ގަބޫލު ކުރާ ހަރުދަނާ އުސޫލުތައް ހިހެއްޓޭ ތޯ މިއަދު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އުނގެނޭ ތަޢުލީމާއި، ގޭތެރެއިން ދެވޭ ތަރުބިއްޔަތުގެ ތެރެއިން ދީނުގެ މަގު ޚިޔާރުކޮށް، އަޅާލުމާއި އޯގާތެރިކަން އަށަގަތުމަށް ޑރ. އަޝްރަފް އިލްތިމާސް ކުރެއްވިއެވެ.
"ކަމޭހިތުމާއި، އިހްތިރާމް އަށަގަންނަވާށެވެ. އެއީ ދެވޭ ތަޢުލީމުގެ ތެރެއިންނެވެ. ގޭތެރެއިން ދެވޭ ތަރުބިއްޔަތުގެ ތެރެއިންނެވެ. ބޮޑެތި މީހުން ދައްކާ ނަމޫނާ އިންނެވެ." ޑރ. އަޝްރަފް ލިޔުއްވާ ފައިވެއެވެ.
މިފަހަރުގެ "ޚާއްސަ ގޮފިކޮޅު" ގައި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އާއި، އަބްދުﷲ ނައީމް އިބްރާހީމް ފަދަ ބޭފުޅުންގެ ޢިލްމީ ލިޔުންތައް ހިމެނެއެވެ. އޭގެ ތެރޭގައި މިނިވަންކަމާއި މިނިވަން ދުވަހާ ގުޅުވައި ލިޔުއްވާފައިވާ މައުލޫމާތު މުއްސަނދި ލިޔުންތައް އެކުލެވިގެންވެއެވެ.