26 Jul 2023, 11:17
އެ މަނިކުފާންގެ ވެރިކަމުގައި މިދިޔަ ފަސް އަހަރު، ފުރިހަމަ މިނިވަންކަމެއް ގާއިމުވެފައި އޮތް ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީޚަށް ބަލާއިރު، ނިމިދިޔަ ފަސް އަހަރަކީ ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރު ކަމަށެވެ.
"[އެއީ] ޚާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު. ދާޚިލީ މިނިވަންކަން އެންމެ ފުޅާ ގޮތެއްގައި ލިބިދެވުނު ފަސް އަހަރު. ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު." ރައީސް ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުން-- ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާން ވިދާޅުވީ މިނިވަންކަމުގެ ޙަޤީޤީ އުފަލަކީ، އެމީހެއްގެ ޒާތަށް ލިބެންޖެހޭ މިނިވަންކަން ޙާޞިލުވުމުގެ އުފާ ކަމަށެވެ. މިނިވަންކަންމަތީގައި ޤައުމު ދެމިއޮތަސް، ޤައުމީ ދިދައިގެ ހިޔަލުގައި ވެގެން އުޅޭ ރައްޔިތުންގެ ޒާތަށް ލިބެންޖެހޭ މިނިވަންކަމަކީ މުޅިން ތަފާތު އެއްޗެއް ކަމަށާއި އެއީ އެ ފަރުދެއްގެ ދިރިހުރުމާއި ދިރިއުޅުމުގެ ޙައްޤާ ގުޅިފައިވާ އަސާސީ އަދި ޒަރޫރީ މުހުތާދުތައް ފިލުވޭނެ ގޮތް، ހަމަ ކޮންމެ ރައްޔިތަކަށް ދައުލަތުގެ ފަރާތުން ހަމަޖައްސައިދީފައި އޮންނަ އޮތުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ ފަޚުރުވެރި މިނިވަން ދުވަސް ފާހަގަކުރާ ރަސްމިއްޔާތެއްގައި ތިބޭ އިރު، އިއްޔެ ތިބި ހިސާބާއި، މިއަދު ތިބި ފިޔަވަޅުމަތިން ހިނގައިގަނެ، މާދަމާ އަތުލާން ބޭނުންވާ މަންޒިލަކީ ކޮބައިތޯ ވިސްނައިލުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
"ދިވެހިން އެދިއެދި ތިބި މަންޒިލަކީ، 21 ވަނަ ޤަރުނުގެ ތަރައްޤީ. އެ މަންޒިލާ ދިވެހި ރައްޔިތުންނާ ދެމެދަށް ހުރަސްވެފައި އޮތީ، ދިވެހި ރައްޔިތުން އުޅެންޖެހިފައިވާ ޙާލަތު. މާތް ﷲގެ ވާގިފުޅާއެކު މިދިޔަ ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ އަމާޒަކަށް ހެދީ، އެ ޙާލަތު ބަދަލުކޮށް ތަރައްޤީގެ ސަރާސަރު ރާސްތާއަށް ދިވެހިން ނެރެދިނުން." ރައީސް ވިދާޅުވިއެވެ.
"މާތް ﷲގެ ހެޔޮ ރަޙްމަތްފުޅުން، މި ފިޔަވަޅުމަތީ ހުރެ އުފަލާއެކު އަޅުގަނޑު ދަންނަވަން އޮތީ، ޢިލްމު އުނގެނުމާއި މަތީ ތަޢުލީމް ޙާޞިލުކުރުމުގެ ފުރުޞަތު ނުލިބޭ އެންމެ ދިވެހި ދަރިއަކު ވެސް މިހާރު ނުހުންނާނެޔޭ. ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން، މީގެ ކުރިން ތަނަވަސްވެފައި ނެތް މިންވަރަށް، ދިވެހި ޒުވާނުންނަށްޓަކައި އަޅުގަނޑުމެން ފުރުޞަތުތައް ފަހިކޮށްދީފިން."
އެ މަނިކުފާނު ވިދާޅުވީ ދިވެހިން ތާއަބަދުމެ ފިކުރާވެ ތިބި އެބައިމީހުންގެ ޒާތީ މިނިވަންކަމަކީ، ދަރިންނަށް ކިޔަވައިދީގެން ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުމަތީ ކުރިއަށް ދެވޭނެ ގޮތްވުމަށް ކަމަށެވެ. މާތް ﷲގެ ވާގިފުޅާއެކު، ހަމަޖެހުމާއި ޞުލްޙަވެރިކަން ޤާއިމުކޮށް، މިއަދު މިވަނީ ޤައުމު ބިނާކުރުމުގެ ބިންގާ އެޅިފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އުތުރުން ދެކުނަށް މި ސަރުކާރުން މުޑުވައްކުރި ތަރައްޤީގެ އޮށްތައް މިވަނީ ކޯދުލައި ހެދިގަންނަން ތައްޔާރުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ދެން ކުރަން އޮތް ކަމަކީ، މިސަރުކާރުން ތައްޔާރުކުރި ތަރައްޤީގެ ބުސްތާނަށް ފެން ދީ އެ ގަސްތައް ހެއްދުމެވެ. މަޤްޞަދަކަށް ވާންވީ، އެ ގަސްތަކުގެ ހިޔާ މުޅި ރާއްޖެއަށް ފަތުރާލައި، އެ ހިޔާވަހިކަމުގެ ދަށުގައި ކުރިމަގުގެ ޖީލުތަކަށް އުފާވެރި އަމާން ދިރިއުޅުމެއް ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު މި ފާހަގަކުރަނީ، އިނގިރޭސީންގެ ޙިމާޔަތުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 58 އަހަރު ފުރޭ، 59 ވަނަ މިނިވަން ދުވަސް ކަމަށްވާއިރު ޞުލްޙަވެރިކަމާއެކު މަޝްވަރާގެ މަގުން ހިންގަވައި، ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވީ، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ކަމަށެވެ.
ހަމައެއާއެކު ޝަހީދުވި ޢަލީ ރަސްގެފާނަކީ، ދިވެހިންގެ މިނިވަން ޖިހާދުގައި ޤުރުބާންވެވަޑައިގެންނެވި ނަމޫނާ ބަޠަލެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަޅުވެތިކަމުގެ 15 އަހަރާއި 6 މަހަށް ފަހު، ޕޯޗުގީޒުންގެ ވަކިތަކުން ދިވެހިން މިނިވަންކޮށްދެއްވި ޤައުމީ ބަޠަލަކީ، އުތީމު، އައްސުލްޠާން އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، ސިރީ ސަވާދީއްތަ މަހާރަދުން ކަމަށާއި މަލާބާރީންގެ އަނިޔާވެރި އަޅުވެތިކަމުން ދިވެހިންނަށް މިނިވަންކަމުގެ ހަމަނޭވާލެވުނީ، ހުރާ ދޮންބަންޑާރައިންގެ ހިތްވަރުގަދަ ޤައުމީ ޖިހާދުން ކަމަށް ރައީސް ވިދާޅުވިއެވެ.
ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާއިން، ދިވެހި ޤައުމުގެ މިނިވަންކަން ދިފާޢުކޮށްދެއްވީ، ކުޅުދުއްފުށީ ޝަހީދު ޙުސައިން އާދަމްގެ ޖިހާދީ ލޭފޮދުންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ ދުވަހު ދިވެހި އުންމަތުގެ ޙައްޤުގައި ހަނގުރާމަ ކުރައްވައި ޝަހީދުވި އެންމެހައި ދިވެހި ސިފައިންގެ މަތިވެރި ޤުރުބާނީ ފާހަގަ ކުރައްވަން ޖެހޭ ކަމަށެވެ.
"މިނިވަން ދިދައެއްގެ ހިޔާ ދަށުގައި ތިބެ، މިނިވަންކަމުގެ ޝުޢޫރުތައް، މިއަދު އަޅުގަނޑުމެންނަށް މިފާޅުކުރެވެނީ، މިދެންނެވި ޤައުމީ ބަޠަލުން މި ދިވެހި ފަސްގަނޑުގެ ޙައްޤުގައި، ވެވަޑައިގެންނެވި އަގުނުކުރެވޭ ފަދަ މަތިވެރި ޤުރުބާނީގެ ސަބަބުން. އެހެންކަމުން އެ ހުރިހާ ބޭފުޅުންނަށްވެސް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި، މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން." ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާން ވިދާޅުވީ މިއަދު މިނިވަންކަން ރައްކާތެރިކަންމަތީ ދެމެހެއްޓުމުގެ އެންމެ ވަރުގަދަ ބާރަކީ، ރާއްޖެއާއި ބައިނަލްއަޤުވާމީ މުޖްތަމަޢާ ދެމެދުގައި އޮތް ރަޙްމަތްތެރި ބަދަހި ގުޅުން ކަމަށެވެ. އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ދިރުން ލިބި، ދިވެހި ރައްޔިތުންގެ ފަރުދީ ފުދުންތެރިކަން އިތުރުވެ، ޢާއިލީ ތަނަވަސްކަން އިތުރުވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިމަގުގައި ވެސް އަޅުގަނޑުގެ އެންމެ އިސް އަމާޒަކީ، ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިޔާމަތްކޮށް ރައްކާތެރިކުރުން. ދިވެހިންގެ މި ލޮބުވެތި ފަސްގަނޑުގެ ސިޔާދަތީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބު. މި ޖަޒީރާތަކުގެ ޤަދަރާއި ކަރާމާތް ރައްކާތެރިކުރުމުގެ މަތިވެރި ޒިންމާ އަދާކުރުމުގައި، މާތް ﷲގެ ވާގިފުޅާއެކު، ސާބިތުކަމާއެކު އަޅުގަނޑު ދެމިހުންނާނެކަމުގެ ޔަޤީންކަން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރުވަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި މިނިވަންކަމުގެ މަދަނީ އައްޑަނައަކީ ރައްޔިތުންގެ ހިތްތަކުގައި އޮންނަ ޤައުމީ ލޯތްބެވެ. އެ އައްޑަނައިން ރައްކާތެރިކޮށްދޭ މިނިވަންކަމުގެ ބިންގަލަކީ ދާޚިލީ ހަމަޖެހުން ކަމަށާއި އެ ބިންގަލުގެ މަތީގައި ބިނާކުރާ ޤައުމިއްޔަތުގެ ކުރިބޯއްޓަކީ، ރައްޔިތުންގެ މެދުގައި އޮންނަ ޞުލްޙަ މަސަލަސްކަމާއި އަމާންކަމާއި އެކުވެރިކަން ކަމަށް ރައީސް ވިދާޅުވިއެވެ.