05 May 2012, 12:47
އިނގިރޭސި ގައުމީ ކޯޗުކަމުގެ މަގާމަށް ހަމަޖެއްސި ރޯއި ހޮޑްސަން މުއްސަދިންގެ ލިސްޓުގައި ހިމެނިއްޖެ އެވެ.
ވެސްޓް ބްރޮމޮވިޗްގެ ކޯޗުކަމުގައި ހުރެފައި ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ގައުމީ ޓީމާ ހަވާލުވި ހޮޑްސަން އަކީ މިހާރު އިނގިރޭސިވިލާތުގައި ހުރި 9 ވަނަ އަށް އެންމެ މުއްސަދި ކޯޗެވެ. އޭނާގެ ކުރީގައި ވަނީ އިނގިރޭސި ކޯޗުކަމަށް ގެނައުމަށް ސަޕޯޓަރުން ބޭނުންވި ކޯޗު ޓޮޓެންހަމުގެ ހެރީ ރެޑްނެޕެވެ.
ހޮޑްސަން އަށް އަހަރަކު 11 މިލިއަން ޕައުންޑްގެ އާމްދަނީ އެއް ލިބޭނެ ކަމަށް އިނގިރޭސި މީޑިޔާއިން ލަފާކުރެއެވެ. ރެޑްނެޕްގެ މުސާރައަކީ 12 މިލިއަން ޕައުންޑެވެ. ހޮޑްސަންގެ މުއްސަދިކަމުގެ ވާހަކަ ދެކެވެން ފެށީ އިނގިރޭސި ކޯޗުގެ ގޮތުގައި ވެންބްލީގައި އޭނާ ދައްކާލި ރަސްމިއްޔާތުގައި އަޅައިގެންހުރި އަގުބޮޑު ހަބްލޮޓްބެންގް ގަޑީގެ ސަބަބުންނެވެ.
ހޮޑްސަން އަށް ޔޫރޯގައި ރަނގަޅު ނަތީޖާއެއް ހޯދިއްޖެނަމަ އާމްދަނީ އިތުރުކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ނަމަވެސް ލިވަޕޫލުގައި ހުރެ ބޮޑު ޕްލޮޕަލަށްވި ކޯޗާމެދު ގިނަ ބަޔަކު ދެކެނީ އެކިގޮތްގޮތަކަށެވެ.
އެންމެ ފަހުން އިނގިރޭސި ކޯޗުކަމުގައި ހުރި ފަބިއޯ ކަޕޭއްލޯ ބުނީ ހޮޑްސަން އަށް ވަގުތެއް ނެތް ކަމަށެވެ. އަދި ކުރީގެ އިނގިރޭސި ކޯޗު ޓެރީ ވެނަބްލްސް ބުނީ ހޮޑްސަން އިނގިރޭސި މީޑިޔާ އާއި ފުޓްބޯޅަ އެސޯސިއޭޝަނާއެކު ވަރަށް ރަނގަޅު ގުޅުމެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ. ހޮޑްސަން އަކީ މީޑިޔާގެ ރުހުން ލިބިފައިވާ ކޯޗެއް ނޫނެވެ.
އުމުރުން 64 އަހަރުގެ ފުލަމްގެ ކުރީގެ ކޯޗު ހޮޑްސަން ގައުމީ ޓީމަށް ގެނައުމުން އިނގިރޭސި މީޑިޔާތަކުން ފާޅުކޮށްފައިވަނީ ވެސް މައްސުނި ޝުއޫރުތަކެކެވެ. އެއްވެސް މީޑިޔާއަކުން އޭނާއަށް ތައުރީފް ކޮށްފައިނުވާއިރު ދަސަންއިން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އަދި ހޮޑްސަން އަށް މަލާމާތްކޮށްފައިވާ ކަމަށް ބުނެ އިނގިރޭސި އެފްއޭއިން ވަނީ އެ މައްސަލަ ޕްރެސް ކައުންސިލަށް ވެސް ހުށަހަޅާފަ އެވެ.
ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗާއި ބައެއް މުހިންމު ކުޅުންތެރިންނާ ހަވާލާދީ ދަ ސަންއިން ބުނަނީ ހޮޑްސަން އަކީ ޖަރުމަނުންނަށް ރަނގަޅަށް އެނގޭ ކޯޗެއް ނޫން ކަމަށެވެ. ނަމަވެސް އިނގިރޭސި ކުރީގެ ފޯވަޑް އެލަން ޝިއަރާ ވަނީ ހޮޑްސަން ދިފާއުކޮށްފަ އެވެ. މިކަމާހެދި މީޑިޔާއިން ބުނަނީ ޝިއަރާއަކީ ހޮޑްސަން ކޯޗަކަށް ގެނައުމަށް ލަފާދިން މީހެއް ކަމަށެވެ. އަދި ޔޫރޯ އަށްދާ އިނގިރޭސި ކޯޗިން ސްޓާފުންގެ ތެރޭގައި ޝިއަރާ ހިމެނުމުގެ ފުރުސަތު ވެސް ބޮޑުކަމަށެވެ.